Roadha Mihaaru
ތާރީހީ ކާމިޔާބުގެ ވަގުތުކޮޅު: ޝާހިދު މިރޭ ރިޔާސަތުގައި

ރާއްޖެ އަށް ތާރީހީ ކާމިޔާބުގެ ވަގުތުކޮޅު: ޝާހިދު މިރޭ ރިޔާސަތުގައި

14 ސެޕްޓެމްބަރ 2021

ބޮޑެތި ބާރާއި ނުފޫޒު ގަދަ ގައުމުތަކުގެ މައްޗަށް ފަހުރުވެރި ކާމިޔާބެއް ދިވެހި ރާއްޖެ އިން ހޯދާފައިވާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑެތި ބާރާއި ނުފޫޒު ގަދަ ގައުމުތަކުގެ މައްޗަށް ފަހުރުވެރި ކާމިޔާބެއް ދިވެހި ރާއްޖެ އިން ހޯދާފައިވާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ ރިޔާސަތަށް ރާއްޖެ ހޮވުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ތާރީހީ މި ވަގުތުކޮޅަށް ފަހު ޝާހިދު ތަގުރީރު ކުރައްވާނެ އެވެ.

އެއީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރެވެ. އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ހުޅުވޭނީ މާދަމާ އެވެ.

އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހަފުތާގައި އެމެރިކާއަށް ފުރާވަޑައިގަންނަވާނެ އެވެ.

ޝާހިދު އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ.

ޝާހިދު އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ.

މިނިސްޓަރު ޝާހިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގިނަ ގައުމުތަކެއްގެ ތާއީދާ އެކު އޭނާ އެ މަގާމަށް ހޮވިވަޑައިގަތުމަކީ ރާއްޖެ ބަލައިގެންފައިވާ މިންވަރެވެ. ޝާހިދަށް 143 ގައުމުގެ ތާއީދު ލިބިވަޑައިގަތެވެ.

ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ޝާހިދު ސިފަކުރައްވާ ގޮތުގައި، މިއީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބެކެވެ.

"އދ. ގެ އާންމު މަޖިލީހުގައި ދެން ދިވެހިރާއްޖޭގެ ބަރުދަން އިންނާނެ. ރިޔާސަތު ފެންނަ ކޮންމެ ވަގުތެއްގައި ދިވެހިރާއްޖެ ފެންނާނެ. ކުރިން ރާއްޖެ އަށް ނުލިބުނު އެތައް ފުރުސަތެއް ދެން ލިބޭނެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން އުޅޭނީ. މިއިން ކޮންމެ ފުރުސަތަކީ ރާއްޖެ އިޝްތިހާރު ވުމަށް ލިބުނު ފުރުސަތެއް." އޭނާ ވިދާޅުވެފައިވެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރުކަމުގައި ހުރެގެން އިހަށް ނުހުޅުވުނު ކިތަންމެ ދޮރެއް ދެން ރާއްޖެ އަށް ހުޅުވޭނެ އެވެ.

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ކޮވިޑް-19 ގެ ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމާ ގުޅޭ އިސް ބޭފުޅުންނާއި ހުރިހާ ގައުމުތައް އެއްތަންކޮށް، ވެކްސިން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގެ ސެޝަންތައް ފެށުމަށް ފަހު، އެންމެ ބޮޑު އަމާޒަކީ ކޮވިޑް ވެކްސިނާ ބެހޭ ބޮޑު ބައްދަލުވުމެއް ބޭއްވުން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަދަ ބައްދަލުވުމެއް މުހިންމުވާ މައިގަނޑު ސަބަބަކީ ރާއްޖެއާ ހިލާފަށް ދުނިޔޭގެ އެހެން ގައުމުތަކަށް ކޮވިޑް ވެކްސިން ނުލިބިގެން އުޅެން ޖެހޭ ދަތި ހާލު ފެނިވަޑައިގަންނަވާތީ ކަމަށެވެ.