Roadha Mihaaru
ކައްކަން ކިހާ ވަގުތެއް ހޭދަކުރަން؟

ކައްކަން ކިހާ ވަގުތެއް ހޭދަކުރަން؟

28 ފެބުރުއަރީ 2020

ކެފޭ/ރެސްޓޯރަންޓާއި ޓޭކްއަވޭ އާއި ޑެލިވަރީ ފަދަ ހިދުމަތްތަކާ އެކު މިހާރު އަމިއްލަ އަށް ކެއްކުމަކީ ނެތެދެމުންދާ އާދައެކެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ބުރަކޮށް އުޅެން ޖެހުމެވެ. އޭގެ ނަތީޖާ އަކީ އަމިއްލަ ކައްކާލައިގެން ކާނެ ވަގުތެއް ނުލިބުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެފޭ/ރެސްޓޯރަންޓާއި ޓޭކްއަވޭ އާއި ޑެލިވަރީ ފަދަ ހިދުމަތްތަކާ އެކު މިހާރު އަމިއްލަ އަށް ކެއްކުމަކީ ނެތެދެމުންދާ އާދައެކެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ބުރަކޮށް އުޅެން ޖެހުމެވެ. އޭގެ ނަތީޖާ އަކީ އަމިއްލަ ކައްކާލައިގެން ކާނެ ވަގުތެއް ނުލިބުމެވެ.

އެކަމަކު ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭހަތަކީ ބޭރުން ކެއުމަށް ވުރެ އަމިއްލަ އަށް ކައްކައިގެން ކެއުމެވެ. އެއީ ސިއްހަތަށް މާ ރަނގަޅުވާނެތީ އެވެ. ދެން އޮތް ސުވާލަކީ މިހާރު ކައްކަން އެއްވެސް ވަރަކަށް ވަގުތުވޭ ހެއްޔޭ އެވެ؟

ފެބްރުއަރީ މަހުގެ 25 ގައި "ޕޭޭންކޭކް ޑޭ" ފާހަގަކުރުމާ ދިމާކޮށް ޖަޕާނުގެ ކެންވުޑް ކޯޕަރޭޝަނުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިހާރުގެ ޒުވާނުންނަށް އެންމެ ގިނަވެގެން ވެސް ދުވާލަކު ކައްކަން ހޭދަކުރެވެނީ 61 މިނިޓެވެ. އެއީ އެ މީހުން ކުޑައިރު މައިންބަފައިން ކައްކަން ހޭދަކުރާ ވަގުތަށް ވުރެ 45 މިނިޓް މަދެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރުގެ ޒަމާނީ ޒުވާނުންގެ ތެރެއިން 31 ޕަސެންޓް މީހުން އަމިއްލަ އަށް ނުކައްކަނީ ވަގުތު ނުވާތީ އެވެ. އަދި 24 ޕަސެންޓް މީހުން ނުކައްކަނީ ކެއްކުމާ ބެހޭ މައުލޫމާތު މަދުކަމުންނެވެ. މީގެ އިތުރުން 15 ޕަސެންޓް މީހުން އަމިއްލަ އަށް ނުކައްކަނީ ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމުން އަމިއްލަ އަށް ކައްކައިގެން ކާނެ އެކަށީގެންވާ ވަގުތު ނުލިބޭތީ އެވެ.

ހަމައާ އެކު ކޮންމެ 10 މީހަކުން އެކަކު ބުނާ ގޮތުގައި އަމިއްލަ އަށް ކެއްކުމަކީ މިހާރު ބޭކާރުކަމެކެވެ. ސަބަބަކީ ތައްޔާރީ ކާނާތައް މިހާރު އަތުގައި އޮންނަ ސްމާޓް ފޯނުން އޮބާލާ އެންމެ ބަޓަނަކުން ވެސް ގެއާ ސުފުރާއާ ހަމައަށް ފޯރާތީ އެވެ. އެހެންވެ އޯޑަރުކުރާ ތައްޔާރީ ކާނާއެއް މައިކްރޮވޭވް އަވަނުގައި ހޫނުކޮށްލައިގެން ކާލުމަކީ މާ ލުއި ފަސޭހަ ގޮތެކެވެ.

ދިރާސާގައި ބުނި ގޮތުގައި މިހާރުގެ ޖީލުގެ ބޮޑު ޕަސެންޓޭޖެއް އަމިއްލަ އަށް ކައްކައިގެން ކާން ޝައުގުވެރި ނުވި ނަމަވެސް މި ޖީލުގެ 45 ޕަސެންޓް މީހުންނަކީ އަދިވެސް ބަދިގެ ދެކެ ވަރަށް ލޯބިވާ އަމިއްލަ އަތުން ކައްކާ އެއްޗެހި ކާން ލޯބިކުރާ މީހުންނެވެ.

މީހަކު ކާއެއްޗެއް މައިކްރޮވޭވްކުރަނީ.

މީހަކު ކާއެއްޗެއް މައިކްރޮވޭވްކުރަނީ.

ކެންވުޑުން ވާހަކަ ދެއްކި އެލެކްސް ޕިކެރިން ބުނިގޮތުގައި ކެއްކުމަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭ ބުރަ މަސައްކަތެއް ގޮތުގައި ބައެއް މީހުން ގަބޫލުކުރުމަކީ އަމިއްލަ އަށް ކައްކަން ގަޔާވާ އެއް ސަބަބެވެ.

"އެކަމަކު ކެއްކުމުގެ ޕެޝަން ހުރެ އަމިއްލަ އަށް ކައްކާލައިގެން ކާ ނަމަ އޭގެ ސަބަބުން އަމިއްލަ މީހާގެ ސިއްހަތަށް މާ ބޮޑަށް ވެސް ރަނގަޅުވާނެ." އޭނާ ބުންޏެވެ. "ކެއްކުމަކީ ބުރައެއްގެ ގޮތުގައި ދެކޭތީ މިހާރު މި އޮތް ޓްރެންޑަކީ އަވަހަށް ފަަސޭހަ އިން ލިބޭ އެއްޗެއް ހޯދާލައިގެން ކެއުން. ސިއްހަތަށް ބެލުމެއް މީގައި ނޯވޭ."