Roadha Mihaaru
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ

ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ

30 ޖުލައި 2021

ކުލަގަދަ ކާނާއިން ހަނދާން ގަދަކޮށް، ވިސްނުން ތޫނުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުލަގަދަ ކާނާއިން ހަނދާން ގަދަކޮށް، ވިސްނުން ތޫނުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ،

އެމެރިކަން އެކެޑެމީ އޮޕް ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ސްޓްރޯބެރީ އާއި ބެލްޕެޕާ އަދި އޮރެންޖް ކަހަލަ ކުލަގަދަ އަދި ފްލެވޮނޮއިޑް އެކުލެވޭ ކާނާތަކަކީ ވިސްނުން ގަދަކޮށްދޭން ބާރުއަޅާ އެއްޗެއްސެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 600 ގްރާމް ފްލެވޮއިޑް ކާނާ ބޭނުންކުރާ ނަމަ ހަނދާން ބަލިކަށިވުމުގެ މައްސަލަ 20 ޕަސެންޓަށް ދަށްކޮށްދެ އެވެ.

ކުލަގަދަ ކާނާތަކަށް ބަލާ އިރު ރަތްކަން ގަދަ ސްޓްރޯބެރީގެ 100 ގްރާމެއްގައި 180 މިލިގްރާމްގެ ފްލެވޮނޮއިޑްސް އެކުލެވެ އެވެ. އާފަލެއްގައި ނެތް ނަމަ އޭގެ ނިސްބަތަކީ 100 ގްރާމަކަށް 113 މިލިއަގްރާމެވެ.

ފްލެވޮނޮއިޑަކީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގައި އެކުލެވޭ ވަރުގަދަ އެންޓިއޮކްސިޑަންޓްގެ މާއްދާއެކެވެ. އެހެންވެ ކުލަގަދަ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާންމުކޮށް ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދެ އެވެ.

ދިރާސާގައި މަސައްކަތްކުރެއްވި ހާވާޑް ޔުނިވަސިޓީގެ މެޑިސިން ޕްރޮފެސަރު އަދި ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑަމޮލޮޖީ އެންޑް ނިއުޓްރިޝަންގެ ޕްރޮފެސަރު ޑރ. ވޯލްޓާ ވިލެޓް ވިދާޅުވި ގޮތުގައި ސިކުނޑި އަށް ލޭ ފޯރުކޮށް ދިނުމުގައި މައްސަލަތައް ދިމާވާ ނަމަ ހަނދާން ބަލިވުމާއި ވިސްނުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އެހެންވެ އެކަން ހަމައަކަށް އެޅުވުމަށްޓަކައި ފްލެވަނޮއިޑަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

"އޭގައި އެކުލެވޭ އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ސިކުނޑި ލޭ ސަޕްލައިކޮށް ދިނުމަށް ބާރުއަޅާ." އޭނާ ވިދާޅުވި އެވެ. "އެހެންވީމަ މީހެ ސަބަބުން އަލްޒެއިމާ [ހަނދާންނެތޭބަލި] އިން ވެސް ރައްކާތެރިކޮށްދޭ." ވޯލްޓާ ވިދާޅުވި އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި އުމުރުން 20-30 ގެ އަހަރު ފަހަނަޅާ ފަހުން މީހުންގެ ސިކުނޑީގެ މަސައްކަތް ދަށްވާން ފަށަ އެވެ. އެކަމަކު އެ މައްސަލަ ބޮޑަށް ފާހަގަވާން ފަށަނީ އުމުރުން 70 އަހަރުން މަތިވާ ފަހުން ކަމަށާއި އެހެންވެ އެއީ އެންމެ ޒުވާން އުމުރުން ފެށިގެން ވެސް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ވޯލްޓާ ވިދާޅުވި އެވެ.

"މީގައި މުހިއްމު ކަމަކީ ދުޅަހެޔޮ ލައިފްސްޓައިލެއް ގެންގުޅުން. އެގޮތުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމާ އެކު ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމާއި ދުންފަތުގެ އިސްތިއުމާކުރުން ފަދަ ކަންކަމާ ދުރުވުން." އޭނާ ވިދާޅުވި އެވެ.