Roadha Mihaaru
ތުނބުޅި އާއި މަތިމަހުން މާސްކުގެ ހިމާޔަތް ގެއްލިދާނެ

ތުނބުޅި އާއި މަތިމަސް ބަހައްޓާ ގޮތަކުން މާސްކުން ރައްކާތެރިކަން ނުލިބިދާނެ

29 ފެބުރުއަރީ 2020

ސާޖިކަލް މާސްކް އެޅި ނަމަވެސް ތުނބުޅި އާއި މަތިމަސް ބަހައްޓާ ގޮތަކުން، އޭގެ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭނެ ކަމަށް ބުނެ އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީޒީ) އިން އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސާޖިކަލް މާސްކް އެޅި ނަމަވެސް ތުނބުޅި އާއި މަތިމަސް ބަހައްޓާ ގޮތަކުން، އޭގެ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭނެ ކަމަށް ބުނެ އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީޒީ) އިން އިންޒާރު ދީފި އެވެ.

މުޅި ދުނިޔެ އަށް ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވަރަށް ގިނަ މީހުން އަންނަނީ ރައްކާތެރިކަމުގެ ގޮތުން މާސްކް އަޅަމުންނެވެ. ނަމަވެސް ތުނބުޅި އާއި މަތިމަސް ބަހައްޓާ މީހުން މާސްކާ އެކު ރައްކާތެރިކަން ހޯދަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން މި ވަނީ ވަކިން ހާއްސަކޮށް ސަމާލުކަމަށް ގެނެސްފަ އެވެ.

އާންމުކޮށް ތުނބުޅި އާއި މަތިމަސް ބަހައްޓާ 36 ސްޓައިލަކާ އެކު ސީޑީސީން އާންމޮށްފައިވާ ގްރެފިކެއްގައި ރައްކާތެރިކަން އެންމެ ބޮޑަށް ލިބޭ 13 ގޮތެއް ކިޔައިދީފައިވެ އެވެ.

ސޯލް ޕެޗް، ސައިޑް ވިސްކާޒް، ޕެންސިލް، ޓޫތުބްރަޝް، ލޭމްޕްޝޭޑް، ޒޯރޯ، ހޭންޑްލްބާ، ޝެވްރޯން، ޕެއިންޓާޒް ބްރަޝް، ވަލްރަސް އަދި ޒަޕާ އަކީ ވެސް ރަނގަޅު ސްޓައިލްތަކެވެ.

މި ނޫން ސްޓައިލްތަކަށް ތުނބުޅި އާއި މަތިމަސް ބަހައްޓާ ނަމަ ނޭފަތާއި އަނގަމަތި ނިވާކުރަން އަޅާ މާސްކާއި މޫނުގެ އިސްތަށީ ކޮންޓެކްޓްވެ ޖަރާސީމުތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ސީޑީސީން ބުނެ އެވެ.

ނަމަވެސް ވައިރަހުން ރައްކާތެރިކަން ހޯދުމަށް އަބަދު މާސްކް އެޅުމަކަށް ސީޑީސީން ލަފައެއް ނުދެ އެވެ. ހަމައެއާ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބޭ މީހުން މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް ވެސް ސީޑީސީން ބުންޏެވެ. މާސްކް އެޅުން އެންމެ އައުލާކަން ބޮޑީ ދިފާއި ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.

ތުނބުޅި އާއި މަތިމަސް ބަހައްޓާ ސްޓައިލަކުން މާސްކްގެ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ ކަމަށް ބުނާ ވާހަކަ އަކީ މިހާރު މުޅިން އަލަށް ތިލަވެގެން އުޅޭ ވާހަކައެއް ނޫނެވެ. މި ވާހަކަ 2017 އިން ފެށިގެން ދެކެވެ އެވެ. މިހާރު މި ވާހަކަ ވައިގައި ހިފައިގެން އުޅެނީ ކޮރޯނާވައިރަހާ އެކު ގިނަ ބަޔަކު އަބަދު މާސްކް އަޅައިގެން އުޅޭތީ އެވެ.

އަދި މިކަމާ ގުޅިގެން ޓްވިޓާގައި އެކި ކަހަކަ ޝުއޫރުތައް ވެސް އަންނަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް ގްރެފިކްގައި ތުނބުޅި އާއި މަތިމަހުގެ ސްޓައިލްތަކަށް ކިޔާ ނަންތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވެ އެވެ.