Roadha Mihaaru
އައްޑޫން ޕޮޒިޓިވްވި މީހާގެ 26 ޑައިރެކްޓް ކޮންޓްކެޓެއް

އައްޑޫން ޕޮޒިޓިވްވި މީހާގެ 26 ޑައިރެކްޓް ކޮންޓްކެޓެއް

09 މެއި 2020

ހިތުގެ މައްސަލައެއްގައި ރޭ ފަރުވާ އަށް އައްޑޫން މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފަރުވާ ދެމުން އަންނަ އިރު، އޭނާ އާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ އަދަދު 26 އަށް އަރާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިތުގެ މައްސަލައެއްގައި ރޭ ފަރުވާ އަށް އައްޑޫން މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފަރުވާ ދެމުން އަންނަ އިރު، އޭނާ އާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ އަދަދު 26 އަށް އަރާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އައްޑޫން ކޮވިޑް-19ގެ ޕޮޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޗްއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ 43 އަހަރުގެ އެ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހަތް ޑޮކްޓަރަކާއި ހަތް ނަރުހުންނާއި އެ މީހާގެ އާއިލާގެ ހަތް މީހަކު ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެންމެން މިހާރު މިހާރު ތިބީ އައިސޮލޭޝަނުގައި ކަމަށެވެ.

ސާދާތު ވިދާޅުވި ގޮތުގައި ބަލި މީހާއާ ކޮންޓެކްޓްވި ހޮސްޕިޓަލްގެ މުވައްޒަފުން އައިސޮލޭޓްކޮށްފައި ތިބީ ހޮސްޕިޓަލުގެ ހާއްސަ ތަނެއްގެ އެެވެ. އަދި އާއިލާގެ މީހުން ތިބީ ހޯމް އައިސޮލޭޝަނުގަ އެވެ.

ނައިބު ރައިސް ފައިސަލް ނަސީމް (ކ) އާ އެކު އެޗްއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު (ވ).

ނައިބު ރައިސް ފައިސަލް ނަސީމް (ކ) އާ އެކު އެޗްއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު (ވ).

"މިއާ އެކު އަހަރެމެން ދެން އެންމެ ބޮޑަށް ފޯކަސްކުރާނީ ކޮންޓެކްޓް ޓްރޭސިން އަށް. އެކަމަށް އައްޑޫގައި ތަޖުރިބާކާރު ޓީމެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ. "ކޮންޓެކްޓް ޓްރޭސިން ވީހާ ވެސް އަވަހަކަށް ނިންމައި ދެން އަޅުގަނޑުމެން ފޯކަސް ކުރާނަން ސަވައިލަންސް ސާވޭއަކަށް."

ސާދާތު ވިދާޅުވި ގޮތުގައި އައްޑޫން ޕޮޒިޓިވް މީހާ އަކީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ރިސޯޓެއްގައި ހުރެފައި އައްޑު އަށް އައި މީހެކެވެ. ނަމަވެސް އޭނާ އަށް ކޮވިޑް-19 ޖެހުނީ އައްޑޫންތޯ ނުވަތަ އައްޑު އަށް އައުމުގެ ކުރިންތޯ އެއީ ސާފުކުރުން ވަރަށް މުހިއްމު ސުވާލެއް ކަމަށެވެ.

"އެކަން ދެނެގަންނަން މިހާރު މިހާރު މި އަންނަނީ މަސައްކަތްތަކެއް ކުރެވެމުން. ނަމަވެސް ބެލެވޭ އައްޑޫގައި ކޮމިއުނިޓީ ސްޕެރެޑެއް އޮވެދާނެ ކަމަށް. އެހެންވީމާ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ސާދާތު ވިދާޅުވި ގޮތުގައި މި ހާލަތަކާ އެކު ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިއަދުން ފެށިގެން އޭއީއެޗްގައި ބަލި މީހުން ބަލާނީ އޮންލައިންކޮށެވެ. އަދި ކޮންމެހެން ހަދަން ޖެހޭ ޓެސްޓެއް ހަދަން ނޫން ގޮތަކަށް ބަލި މީހުން ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ދާން ލަފާނުދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މި ވަގުތު އައްޑޫގައި އެންމެ އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް ކަމަށް ވިދާޅުވި އެވެ.

"ކުރިން ހުރި ސްޓޮކްގެ އިތުރަށް ފަހުން ދެ ފަހަރެއްގެ މަތިން ސްޓޮކް ލިބުނު. އެކަމަކު އަޅުގަނޑު ނުދަންނަވާނަން އެންމެ އެކަށީގެންވޭ އަދަދަކަށް އެބަހުއްޓޭ،" ސާދާތު ވިދާޅުވި އެވެ.

މޭޔަރު ސޯބެ.

މޭޔަރު ސޯބެ.

ނޫސް ކޮންފަރެންސްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި މިވަނީ ކުރިން ވެސް އައްޑޫން މިކަމަށް ތައްޔާރީތަކެއްވެފައި ވަނިކޮށް ކަމަށެވެ. ނަމަވެސް ބަލީގެ ކޭހެއް ނުފެންނާތީ ބައެއް މީހުން ސީރިއަސްކޮށް މިކަން ނުނަގާ ކަމަށާއި މާސްކް އެޅުން ފަދަ ކަންކަން ކުރަން އަންގާފައި އޮތަސް ބައެއް މުއައްސަސާތަކުން ވެސް އެގޮތަށް އަމަލުނުކުރާ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް މިއީ މިކަން ސީރިއަސްކޮށް ނަގަން ޖެހޭ ވަގުތެއް. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ވަގުތެއް،" އޭނާ ވިދާޅުވި އެވެ. "މިކަން ދެން ލުއިކޮށެއް ނުނަގާނަން. އަދި މިއަދުން ފެށިގެން ފުލުހުންގެ ޕާމިޓާއި ދެން ވެސް ގެއިން ނުކުންނަން ކޮންމެހެން ޖެހޭ ހާލަތެއްގައި ނަގަން ޖެހޭ ހުއްދަ ހޯދައިގެން ނުން ގޮތަކަށް ބޭރުތެރޭގައި އެއްވެސް ބަޔަކު އުޅެގެން ނުވާނެ."

އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނުމާ އެކު މިއަދު ވަނީ 14 ދުވަހުގެ ލޮކްޑައުނެއް ވެސް އިއުލާންކޮށްފަ އެވެ.