Roadha Mihaaru
އާ މައްސަލައެއްގައި ޔާމީނާ ސުވާލެއް ނުކުރޭ: ޖަމީލް

ފުލުހުންގެ ތަހުގީގުގައި ޔާމީން ތިން ގަޑިއިރު؛ ޖަމީލް ވިދާޅުވީ އާ މައްސަލައެއް ނެތް ކަމަށް

27 ފެބުރުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކުގައި މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ވަންދެން ސުވާލު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކުގައި މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ވަންދެން ސުވާލު ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެއިން މަންފާ ހޯއްދެވި މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން ޕޮލިހަށް ހާޒިރުކުރީ މިއަދު 2:00 ގަ އެވެ. ތަހުގީގަށް ފަހު މާފުށީ ޖަލަށް ގެންދިޔައީ 5:00 ހާއިރު އެވެ.

ޔާމީން ހާޒިރު ކުރުމުން ސަޕޯޓަރުން ވަނީ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ އެ މަނިކުފާނު މިނިވަންކުރުމަށް އަޑު އުފުލައިފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް ވިދާޅުވީ ޔާމީން ހާޒިރު ކުރީ މިހާރު ވެސް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.

"އާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފާހައެއް ނުމެވޭ. މިހާރު ދައުވާކޮށް ޝަރީއަތުގެ، އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށްދާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި މިއަދުގެ ވެސް ތަހުގީގު،" ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު އަވްޝަން

ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު އަވްޝަން

ސުވާލުކުރީ ސީދާ ކޮން މައްސަލައެއްގައިތޯ "މިހާރު" އިން ސުވާލު ކުރުމުން ވެސް ޖަމީލް ވިދާޅުވީ އެއީ ހަމަ ޝަރީއަތް ކުރިއަށްދާ މައްސަލަ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލާށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ބަހައްޓާފައި ޔާމީން ޖަލުގައި ބަހައްޓަނީ ސަރުކާރުން ޑީލްތަކެއް ހަދައިގެން ކަމަށް ވެސް ޖަމީލް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއް އެބަ އޮތް އެ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ޑީލެއް ދީ. އަދި ފްރީ ބާގޭނެއްގެ ދަށުން އެފަރާތްތައް ގޭގައި ބެއިތިއްބުމަށް ފަހުގައި. މިމައްސަލާގައި އަސްލަށް ފަސް އަޅައި އޮއްބާލުމުގެ ގޮތުން މިހާރު ވެސް ކުރިއަށްދާ މައްސަލައިގެ ހަވާސާގެ ތެރެއިން ރައީސް ޔާމީން އިރުކޮޅުކޮޅާ ގެނެސް ކަންތައްތައް ކުރަމުން މިގެންދާތީ،" ޖަމީލް ވިދާޅުވި އެވެ.

ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން

ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް އެބަ އޮތް ކަމަށާއި އެފަރާތްތަކުގެ މައްސަލަތައް ނުބަލާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ އިތުރު ތަހުގީގެއް ފެށީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ސިޔާސީގޮތުން ހަލަބޮލި ކުރުމަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ކުރިވަރަކަށް ޕީޕީއެމްގެ މަގުބޫލްކަން އަންނަނީ އިތުރުވަމުން ކަމަށެވެ.

ޖަމީލް މިހެން ވިދާޅުވި ނަމަވެސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ތަހުގީގުކުރާކަން އިންތިހާބުގެ މާ ކުރިން ޖަމީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ. އަދި އެ ނިންމުން މުރާޖާ ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އެދުމުން އެ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.