Roadha Mihaaru
ބުލީގެ ވާހަކައެއް މިފަހަރު އިންޑިއާ އިން

ބުލީގެ ވާހަކައެއް މިފަހަރު އިންޑިއާ އިން

29 ފެބުރުއަރީ 2020

މި ދުވަސްކޮޅު ބުލީއާ ގުޅުވައިގެން އެންމެ ބޮޑަަށް ދެކެވެނީ އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ކްއަޑޭން ބޭލެޒްގެ ވާހަކަ އެވެ. އޭނާ އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީކުރުމުން އަމިއްލަ އަށް މަރުވާން އުޅުނު ވާހަކަ ކްއަޑޭންގެ މަންމަ ހިއްސާކުރުން ވެގެން ދިޔައީ އެތައް ބަޔަކު ފެންކަޅިކޮށްލި ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ދުވަސްކޮޅު ބުލީއާ ގުޅުވައިގެން އެންމެ ބޮޑަަށް ދެކެވެނީ އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ކްއަޑޭން ބޭލެޒްގެ ވާހަކަ އެވެ. އޭނާ އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީކުރުމުން އަމިއްލަ އަށް މަރުވާން އުޅުނު ވާހަކަ ކްއަޑޭންގެ މަންމަ ހިއްސާކުރުން ވެގެން ދިޔައީ އެތައް ބަޔަކު ފެންކަޅިކޮށްލި ކަމަށެވެ.

މި ފަހަރު ހަމަ ބުލީގެ ޝިކާރަކަށްވި އެހެން ކުއްޖެއްގެ ވާހަކަ އެވެ، އަވަށްޓެރި އިންޑިއާ އިންނެވެ. ޒީޓީވީން މިރޭ ފަށާ ކުޑަކުދިންގެ ލަވަ ޝޯ "ސާރޭގާމާޕާ ލިލް ޗެމްޕްސް" ގައި ވާދަކުރާ ސަތިޝް އަކީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އެކަމަކު އޭނާ ފެންނަނީ އުމުރުން ދެ އަހަރުގެ ކުއްޖެއްގެ އިސްކޮޅުގަ އެވެ.

މި ކުއްޖާގެ ބައްޕައާ އެކު ޝޯގެ އޮޑިޝަނަށް ގޮސް ހިއްސާކުރި ވާހަކަތާއި ދައްކައިލި ލަވަކިޔުމުގެ ހުނަރާ އެކު، ޖަޖުން ހައިރާންކޮށްލި އެވެ. ސަތިޝް ކިޔާފައި ވަނީ ފިލްމު "ބާދުޝާހޯ" އަށް ރާހަތު ފަތޭހް އަލީ ޚާން ކިޔާފައިވާ "މޭރެ ރަޝްކޭ ގަމަރު" އެވެ. އެ ލަވަ އޭނާ ކިޔާލިލެއް ރީތިކަމުން ޝޯގެ ތިން ޖަޖުން ކަމަށްވާ ކުމާރު ސާނޫ އާއި އަލްކާ ޔަގްކިނާއި އުދިތު ނާރަޔަންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދީ ތައުރީފު އޮއްސައިލި އެވެ.

މި މަންޒަރު ފެންނަ ޕްރޮމޯ ޒީޓީވީގެ ޓްވިޓާގައި ހިއްސާކުރުމުން ސަތިޝް އަށް ގިނަ ބަޔަކަށް ތައުރީފުކޮށް، ބުލީއާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

ސަތިޝްގެ ބައްޕަ ސްޓޭޖްމަތީގައި ކިޔައިދިން ގޮތުގައި ދަރިފުޅަކީ ފެނުށީއްސުރެ އޭނާގެ ސިފައިގެ ސަބަބުން މީސްމީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކުއްޖެކެވެ. އަދި ސްކޫލްގައި އެކަންތައް މާ ބޮޑު ކަމަށް ބުންޏެވެ. ސަތިޝް ވެސް ފެންކަޅިވެފައި ބުނީ އެއްވެސް ކުއްޖަކު އޭނާއާ ގާތްކަން ނުބާއްވާ ކަމަށާއި އަބަދު ވެސް ޖޯކަރާއި ހަންޑިއެކޭ ފަދަ ނަންމުން ގޮވައި ދެރަކޮށްލާ ކަމަށެވެ.

ސަތިޝް ހިފާފައި ވަނީ އިސްކޮޅުން ކުރުވުމަކީ މީހާގެ ހުނަރާއި ގާބިލިއްޔަތު ކަމަށް އޮތް ހުރަހެއް ނޫންކަން "ސާރާގާމާޕާ ލިލް ޗެމްޕްސް" ގެ އަށް ވަނަ ސީޒަން ބަލާ މީހުންނަށް ސާބިތުކޮށްދިނުމަށެވެ.

މަޝްހޫރު ހޯސްޓް މަނީ ޕޯލް ހޯސްޓްކޮށްދޭ މި ޝޯ ޒީޓީވީން ގެނެސްދޭނީ ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ. ޝޯ ފަށާނީ ރާއްޖެ ގަޑިން 7:30 ގަ އެވެ.