Roadha Mihaaru
އަނިޔާވި ކުއްޖާއަށް ފަރުވާދީ ފިޔަވަޅު އަޅަނީ

އަނިޔާ ލިބުނު ކުއްޖާއަށް ފަރުވާދީ މައްސަލަ ހައްލުކުރަން ފިޔަވަޅުތައް އަޅަނީ

13 މެއި 2022

އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައި ކުއްޖާއަށް ފަރުވާ ދީފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައި ކުއްޖާއަށް ފަރުވާ ދީފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރަށެއްގައި ސްކޫލު ކުދިންތަކެއް، ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރުމުގެ އިތުރުން އެ ކުއްޖާއަށް ބުލީކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އެ ހާދިސާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަަމަށާއި އަނިޔާގެ ޝިކާރައަކަށްވި ކުއްޖަށް ފަރުވާ ވެސް ދީފައިވާ ކަމަށެވެ.

ކުއްޖާއަށް އަނިޔާކުރީ އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކަކަށްވާތީ އެ މައްސަލަ ޖެންޑާ އިން ބަލަމުން އަންނަނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފުލުހުން ވެސް ތަހުގީގުކުރަމުން އަންނަ މި މައްސަލާގައި، އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާއަށް ދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެޝަން ސާވިސަސް އިން ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެ ހާދިސާ ހިނގި ރަށުގެ ސްކޫލު ކުދިންނަށް އަމާޒުކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރު ގުޅިގެން ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ އިން ބުނި ގޮތުގައި ސްކޫލުގެ މެނޭޖްމަންޓުން އަންނަނީ މި ކަމުގައި ޝާމިލުވާ ކުދިންގެ އާއިލާއާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށު ކައުންސިލްގެ އިތުރުން ރަށުގެ އިޖުތީމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ދައުރުވަމުންދާތީ އެ ސާވިސް އިން ވަނީ އެ ވީޑިއޯގެ ސަބަބުން ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރުކުރާނެ ކަމަށާއި އެހެންވެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް އެދިފަ އެވެ.

އާންމުވި ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ވަލުތެރެއަށް ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ތަޅައި އަނިކުރެ އެވެ. ކުއްޖާގެ ބުރަކައްޓާއި އަތާ ދިމާލުގައި ދަނޑިބުރިން ތެޅުމުން އެކުއްޖާ ރޮ އެވެ. އެކަމަކު އެވަރަށް އަނިޔާ ލިބުނުއިރު ވެސް އަނިޔާ ލިބޭ ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އޭގެ ފަހުން ކުއްޖާއަށް ވަރަށް ބޮޑަށް އެ ކުދިން ބުލީކުރެ އެވެ.