Roadha Mihaaru
ކުދިންތަކެއް އެހެންކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ކުޑަކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

13 މެއި 2022

ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އުތުރުގެ ރަށެއްގައި ހިނގި މި މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ދެތިން ފަހަރު ޖަހަ އެވެ. އަދި ފަހުން އަތުން ވެސް ތަޅަ އެވެ.

އަނިޔާ ލިބޭ ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ. އަނިޔާކުރާތީ ކުއްޖާ ރޯ އަޑު ވީޑިއޯ އިން އިވެ އެވެ.

އަނިޔާކުރަމުން އެ މަންޒަރު ވީޑިއޯކުރަމުން ހުތުރު ބަހުން އެކުއްޖާއަށް އެހެން ކުއްޖަކު މުއާމަލާތް ކުރާ އަޑު ވެސް އިވެ އެވެ. އެ މަންޒަރު ބަލަން އެތަނުގައި ގިނަ އަދަދެއްގެ ކުދިން ތިއްބަސް އެއިން އެއްވެސް ކުއްޖަކު އެ ކަން ހުއްޓުވަން މަސައްކަތްކުރި ތަނެއް ވީޑިއޯއަކުން ނުފެނެ އެެވެ.

ކުއްޖާއަށް އަނިޔާކުރުމަށް ފަހު އެކުއްޖާއާ ދިމާލަށް "ނައްޓާލާ" އޭ ބުނުމުން ކުއްޖާ ނިކުމެގެންދާ މަންޒަރު ފެނެ އެވެ. އެކަމަކު އެތަނުން އެހެން ކުއްޖަކު އަދިވެސް އަނިޔާކުރަން ބުނާތީ އިވެ އެވެ. ނަމަވެސް އެހެން ކުއްޖަކު "ދެން ބަހައްޓާށޭ" ބުނުމުން ދެން އިވެނީ ކުއްޖާއަށް ބުލީކުރުމުގެ ގޮތުން އެކި އެއްޗެހި ކިޔާ އަޑެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ގައިގައި ތެޅީ ގްރޭޑް ހައެއްގައި އުޅޭ ކުއްޖެކެވެ. އަދި އަނިޔާ ލިބުނީ ގްރޭޑް ހަތެއްގައި އުޅޭ ކުއްޖަކަށެވެ. އަންހެން ކުއްޖަކާ ގުޅުން ހުރި ކަމަށް ބުނާ މި މައްސަލައާ ބެހޭ ގޮތުން ޖެންޑަ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވެ އެކަން ސަމާލުކަމަށް އައުމާ އެކު މިހާރު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހާ ވަނީ ކުއްޖާއަށް އަނިޔާކުރީ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ކަމަށް ބުނެ އެކަން ބެލޭނެތޯ ސުވާލު އުފައްދައިފަ އެވެ. އެނގިފައިވާ ގޮތުގައި މިކަން ހިނގި ރަށުގެ ސްކޫލުގައި ކުދިންނަށް ބުލީކުރުމުގެ މައްސަލަ ވެސް ބޮޑެވެ.