Roadha Mihaaru
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި

ކައުންސިލް އިންތިޚާބަށް 2،400 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

29 ފެބުރުއަރީ 2020

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 2،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 2،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފުތާގައި ވަނީ ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެންމެ ގިނަ މީހުން ކުރިމަތިލީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. ދެ ވަނަ އަށް އެންމެ ގިނައިން ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓުންގެ އަދަދަކީ 679 އެވެ. ޖުމްހޫރީ ޕާޓީން ކުރިމަތިލީ 127 ކެންޑިޑޭޓުންނެވެ. އަދާލަތު ޕާޓީން 30 ގޮނޑިއަކަށް، އެމްޑީއޭ އިން 22 ގޮނޑިއަކަށް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން 16 ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން އެމްއެލްއެސްޑީޕީން ހަތަރު ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނުއިރު، ޑީއާރުޕީން ވާދަކުރަނީ އެއް ކެންޑިޑޭޓަކު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

މި އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދަކީ 680 އެވެ.

އިންތިޚާބުގައި 12 ރަށެއްގެ 15 ގޮނޑިއަކަށް މީހުން ކުރިިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށް ވާތީ އެ މީހުން އެ މަގާމުތަކަށް ހޮވިފައިވާ ކަމަށް މިވަގުތު ބަލަންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެ 12 ރަށުގެ 15 ގޮނޑިއަށް މިހާރު ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުރިމަތިލާފައިވާ ފަރާތްތައް މި ވަގުތަށް ބަލާ ކަމުގައި ވަނީ ނަމަ ހޮވިފައި. އެހެން ނަމަވެސް ހޮވުނު ކަމުގެ އިއުލާން އަޅުގަނޑުމެން ކުރާނީ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާ ދުވަހު،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 މީހަކު ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން 22 ރަށަކަށް ކުރިމަތިލާފައި ވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ނަން އަނބުރާ ނުގެންދާ ނަމަ، އިންތިޚާބަކާ ނުލައިި އެ މީހުން އެ މަގާމުތަކަށް ހޮވޭނެ ކަމަށެވެ. އަދި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމިޓީ އަށް ވާދަނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، އެ ރަށްތަކުގައި ކޮމިޓީތަކަށް ކުރިމަތިލާން އަލުން ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ރަށްތަކުގައި ކުރިމަތިލުމަށްޓަކައި އިރާދަކުރެއްވިއްޔާ އަލުން އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން. އެކަމަކު މި އިންތިޚާބާ އެކީގައެއް ނޫން އަލަށް އިއުލާންކުރާ މަގާމުތަކަށް އިންތިޚާބު ބާއްވާނީ،" ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދަދުތަކުން:

- ވާދަކުރަނީ 2،435 ކެންޑިޑޭޓުން.

- އެމްޑީޕީ: 876 ކެންޑިޑޭޓުން.

- ޕީޕީއެމް: 679 ކެންޑިޑޭޓުން.

- ޖުމްހޫރީ ޕާޓީ: 127 ކެންޑިޑޭޓުން.

- އަދާލަތު ޕާޓީ: 30 ކެންޑިޑޭޓުން.

- އެމްޑީއޭ: 22 ކެންޑިޑޭޓުން.

- އެމްއާރުއެމް: 16 ކެންޑިޑޭޓުން.

- އެމްއެލްއެސްޑީޕީ: ހަތަރު ކެންޑިޑޭޓުން.

- ޑީއާރުޕީ: އެއް ކެންޑިޑޭޓް.

- އަމިއްލަ ގޮތުން ވާދަކުރަނީ 680 ކެންޑިޑޭޓުން.

- 12 ރަށެއްގެ 15 ގޮނޑިއަކަށް ކެންޑިޑޭޓުން ކުރިމަތިލީ އިންތިޚާބު ކުރަންޖެހޭ އަދަދަށް. (އެހެންވެ، އެ ކެންޑިޑޭޓުން މިވަގުތަށް ވަނީ ހޮވިފައި. އެކަމަކު، ނަންތައް އިއުލާން ކުރާނީ ގުރުއަތުލާ ދުވަހު)

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުގައި އެހެން ތަންތަނަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް 22،000 އަށް ވުރެ ގިނަ ފޯމު ވަނީ ލިބިފަ އެވެ. އަދި 53 ރިސޯޓެއްގައި ރީ-ރަޖިސްޓަރީ ވާން ހުޅުވައިލިޔަސް، ވޯޓު ފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް ރީ-ރަޖިސްޓަރީ ކުރީ 22 ރިސޯޓެއްގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެހެން ފަހަރުތަކާ އަޅާ ބަލާއިރު ރިސޯޓްތަކުގެ ރީ-ރަޖިސްޓަރީ ވެފައިވާ މިންވަރު މަދު ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވޯޓު ފޮށި ނުބެހެއްޓޭ ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހެން ތަންތަނަށް ރަޖިސްޓަރީ ވާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަލުން އެހެން ފޮށިތަކަށް ރީ-ރަޖިސްޓްރާ ކުރުމަށްޓަކައި އަޅުގަނޑުމެން ހުޅުވައިލާނަން ހަ ވަނަ ދުވަހުގައި. އެއީ މާޗް މަހުގެ ހަ ވަނަ ދުވަހުން މާޗް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދިވެސް އެކަށީގެންވާ މިންވަރަކަށް ނުލިބޭ ކަމަށާއި 6،300 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާއިރު، ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމަނައިގެން މިހާތަނަށް ލިބުނީ 4،000 އޮފިޝަލުން ކަމަށެވެ. ނަމަވެސް އަދި އިތުރަށް 2،000 އޮފިޝަލުން ބޭނުންވެ އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކޮށް، އިތުރު އޮފިޝަލުން ލިބޭތޯ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. އަދި ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން އެދޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އާންމު ރައްޔިތުންނަށް ވެސް އަޅުގަނޑުމެން ދަންނަވާލާނީ މި އިންތިޚާބުގައި މަސައްކަތްކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް މިކަމުގައި އެހީތެރިވެދެއްވުމަށް ހުރިހާ ފަރާތްތަކުން ވެސް އިސް ނަންގަވައިގެން ކުރިމަތިލެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުން އޮފިޝަލުންގެ ގޮތުގައި ނެގިޔަސް، އެކަމުގައި ޕާޓީތަކުގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅޭނެ ކަމަށެވެ. އަދި އޮފިޝަލުންނަށް ދޭ އެލަވަންސް ވެސް މި އިންތިޚާބުގައި ބޮޑު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ހަފުތާގައި ބާއްވާނެ އެވެ. އޭގެ ފަހުން، ކެމްޕެއިން ރަސްމީކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި ރީ-ރަޖިސްޓްރޭޝަން މަރުހަލާ އެއްކޮށް ނިމުމުން މި މަހުގެ 12 ވަނަ ދުވަހު ފައިނަލް ރީ-ރަޖިސްޓްރޭޝަން ލިސްޓް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.