Roadha Mihaaru
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ކައުންސިލް އިންތިޚާބު އިއުލާންކޮށް، ކުރިމަތިލާން ހުޅުވާލައިފި

04 ފެބުރުއަރީ 2020

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އިއުލާންކޮށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިރެއިން ފެށިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ނން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އިއުލާންކޮށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިރެއިން ފެށިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ނން ހުޅުވާލައިފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިއުލާންކުރަން ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިރެއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު މިރެއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އިލެކްޝަންސް ކޮމިޝަނުން ދެ އިންތިޚާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، އަކްރަމް ވިދާޅުވީ އެ ދެ އިންތިޚާބުގައި 1،900 އަށް ވުރެ ގިނަ މީހުން އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. ކައުންސިލްތަކަށް 980 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ މީހުން ވާދަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އިންތިޚާބުގައި ކޮމިޝަންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރާ އުސޫލަށް މިފަހަރު ގެނައި ބަދަލާ އެކު ބާތިލް ވޯޓުތައް ގިނަވެދާނެތީ އެވެ. ކޮންމެ ކަރުދާހެއްގައި ވެސް އެކި މަގާމުތަކަށް މީހުން ހޮވަން ވޯޓު ދޭން ޖެހޭއިރު، އެއިން އެންމެ ބައެއްގައި ނުބައިކޮށް ވޯޓު ދެވުނަސް މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ހޮއްވަވާއިރު އެންމެ ބޭފުޅަކު ހޮވަންޖެހޭ ތަނެއްގައި މޭޔަރަކަށް ދެ ގޮޅީގައި ފާހަގަ ޖަހައިފި ނަމަ، ތި ބޭފުޅާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކަށް ހޮވާ ބޭފުޅާ އަށް ދޭ ވޯޓު ވެސް ބާތިލްވާނެ،" އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ތާރީޚުތައް އިއުލާން ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެހެންވެ، ބާތިލް ވޯޓުތައް މަދުކުރަން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކަށް ގޮވައިލެއްވި އެވެ. އަދި އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވެސް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބުގައި 540 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓަންޖެހޭ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި 6،500 އާއި 7،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މޮނީޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް މިރެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މޮނީޓަރުންނާއި އޮބްޒާވަރުންނަށް ފަސޭހައިން އެކަމަށް އެދެވޭނެ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.