Roadha Mihaaru
މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މިފްކޯގެ ރޯދަ ޕްރޮމޯޝަން "ފަސްމީރު މިވަރެއް ނެތް" ފަށައިފި

01 މާޗް 2020

މިފްކޯގެ ރޯދަ ޕްރޮމޯޝަން "ފަސްމީރު މިވަރެއް ނެތް" މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިފްކޯގެ ރޯދަ ޕްރޮމޯޝަން "ފަސްމީރު މިވަރެއް ނެތް" މިއަދު ފަށައިފި އެވެ.

މާފަންނު ސްޓޭޑިއަމް ކައިރީ ހުންނަ މިފްކޯގެ މަސް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ މަސް ފިހާރަތަކުން ދަޅު މަސް ހެޔޮ އަގުގައި ވިއްކާނެ އެވެ. މީގެ ކުރިން 680ރ. އަށް ވިއްކަމުން ދިޔަ ތެޔޮ މަސް ކޭހެއް މިހާރު ވިއްކާނީ 640ރ. އަށެވެ. އަދި ފެން މަސް ކޭހެއް މިހާރު ލިބޭނީ 645ރ. ގެ ބަދަލުގައި 595ރ. އަށެވެ. ސްޓޭޑިއަމް ކައިރީ ހުންނަ މަސްފިހާރައިގެ އިތުރުން ރަށްދެބައި މަގުގައި ހުންނަ މަސް ފިހާރަ އާއި ހުޅުމާލޭގައި ހުންނަ މަސްފިހާރަ އިން ވެސް މި ޕްރޮމޯޝަންގެ ހަރަކާތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެ އެވެ.

މިފްކޯ އިން މިއަދު ކުރި ޕޯސްޓެއް

އަންނަ މޭ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 100ރ.ގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ކޫޕަނެއް ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން، ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ލިބޭނެ އެވެ. އަދި މީގެ އިތުރުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު، މިފްކޯގެ މަސް ފިހާރަތަކުން ވަކި ގުރުއަތެއް ނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ތިން ފަރާތަކަށް އެކިއެކި އިނާމު ލިބޭނެ އެވެ. އޭގެ ތެރޭގައި ގޭގައި ގެންގުޅޭ ސާމާނާއި ޓީވީ ފަދަ އިލެކްޓްރޯނިކް އެހެން ސާމާނު ވެސް ހިމެނެ އެވެ.

ރީޓެއިލްކޮށް، ވަކިން ވިއްކާ މަސް ދަޅުގެ އަގު ވެސް ހެޔޮ ކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

އެހާ ދުރާލައި، ގިނަ ދުވަހަށް ހުޅުވާލައިގެން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ވީހާ ވެސް ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސަން ކަމަށް މިފްކޯ އިން ބުންޏެވެ. ވަކިން ހާއްސަކޮށް ސްކޫލް ބަންދު ދުވަސްވަރު ރަށްރަށުން މާލެ އަންނަ މީހުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މީގެ އިތުރުން މިފްކޯގެ މަސް ކޭސްތައް މާލޭގައި ވިއްކާ އަގުތަކުގައި ރަށްރަށުގައި ވިއްކުމަށް، ބައެއް އަތޮޅުތަކަށް އެތަނުގެ މަސް ކޭސްތައް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ޅ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ހިމެނެ އެވެ.

އެ ކުންފުނީގެ އުފެއްދުންތައް ހުސްނުވެ މުޅި ރޯދަ މަހު ލިބޭނެ ގޮތް ހަމަޖައްސަން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.