Roadha Mihaaru
ލޭޑީ ގާގާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

ލޭޑީ ގާގާ ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

02 މާޗް 2020

ކުރިން ދުވާލަކު 40 ސިނގިރެޓް ބޯ ކަމަށާއި އެކަމަކު މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލައިފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ދުވާލަކު 40 ސިނގިރެޓް ބޯ ކަމަށާއި އެކަމަކު މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލައިފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ބުނެފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އަ ސްޓާ އިޒް ބޯން" ގެ ބަތަލާ ނިއު މިއުޒިކް ޑެއިލީ އަށް ބުނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދުންފަތުގެ އިސްތިއުމާލުކޮށްފައި އެކަން ހުއްޓައިލަން ނިންމުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ވަރަށް އުނދަގޫ ކަމަކަށްވި. ކުރިން އަހަންނަކީ ދުވާލެއްގެ މައްޗަށް މަދުވެގެން ދެ ފޮށިވަރު ހުސްކޮށްލާ މީހެއް،" ގާގާ ބުންޏެވެ. "ވަރަށް ހިތްވަރުކޮށްފައި އެއްކޮށް ހުއްޓާލަން ނިންމީ. ވަރުގަދަ އަޒުމެއް އޮވެއްޖެއްޔާ މިކަން ވާނެ."

އޭނާ ބުނީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ އެންމެންނަށް ވެސް ދޭން އޮތް ނަސޭހަތަކީ އެކަމާ ދުރުވެ ތިބުން ކަމަށް ބުންޏެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ފަހުން އަންނަން ފެށި ހެޔޮ ބަދަލުތައް ތަޖުރިބާކުރަމުން އަހަރެން މި އަންނަނީ. އަސްލު މި ނިންމުމާ ދޭތެރޭ ވަރަށް އުފާވެ ފަހުރުވެރިވަން،" މިހާރު އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ފާހަގަކޮށް ގާގާ ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލި އިރު، ގާގާ، 33، ގެ ހަޔާތަށް މިހާރު ވަނީ އާ ބައިވެރިއަކު ވެސް އައިސްފަ އެވެ. އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މައިކަލް ޕޮލާންސްކީ އެވެ.

ދާދި ފަހުން އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ވެސް ވަނީ ނުވަ އަހަރު ފަހުން ދުންފަތުގެ އިސްތިއުމާކުރަން ފެށި ފަހުން އޭނާގެ ސިއްހަތަށާއި އަޑަށް އަންނަން ފެށޮ ހެޔޮ ބަދަލުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.