Roadha Mihaaru
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް

ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް

02 މާޗް 2020

މެޑްރިޑް (މާޗް 2) – ވާދަވެރި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް އެއް ވަނަ މަގާމަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (މާޗް 2) – ވާދަވެރި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް އެއް ވަނަ މަގާމަށް އަރައިފި އެވެ.

ރެއާލް މިދިޔަ ހަފުތާގައި ލެވަންޓޭ އަތުން 1-0 އިން ބަލިވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން އޮތީ އެއިބާ 5-0 އިން ބަލިކޮށް އެއް ވަނަ އަށް އަރައިފި އެވެ. ރޭ މޮޅުވެ ރެއާލް އަލުން އެއް ވަނަ މި ހޯދީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 56 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.

މި މެޗުގައި ރެއާލުގެ ދެ ގޯލް ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ގިނަ ފުރުސަތުތަކެއް ލިބުނު މި ހާފުގައި އެ ދެ ލަނޑު ވެސް ޖެހީ ޒުވާން ކުޅުންތެރިންނެވެ. ފުރަތަމަ ގޯލް 71 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބްރެޒިލްގެ އުއްމީދީ ފޯވާޑް ވިނީޝިއަސް ޖޫނިއާ އެވެ. އަދި ދެ ވަނަ ގޯލް 90 ވަނަ މިނެޓުގައި ވައްދާލީ ބެންޗުން އެރި ޑޮމިނިކަން ރިޕަބްލިކުގެ ފޯވާޑް މަރިއާނޯ ޑިއާޒެވެ. މިއީ މި ސީޒަނުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އުމުރުން 19 އަހަރުގެ ވިނީޝިއަސް ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ މި ދެ ޓީމު ލީގުގައި ކުޅުނު މެޗެއްގައި މި ގަރުނުގައި ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެ ރެކޯޑް ކުރިން އޮތީ 2007 ވަނަ އަހަރު، އުމުރުން 20 އަހަރުގައި ލަނޑު ޖެހި ބާސެލޯނާގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީގެ އަތުގަ އެވެ.

ރޭގެ މޮޅާ އެކު ރެއާލުން މި އަރައިގަތީ، ލީގުގައި ލެވަންޓޭ އަތުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވުމާ ކުރިމަތިވި މާޔޫސްކަމުންނެވެ. ކޯޗު ޒައިނުއްދީން ޒިދާން ބުނީ އުނދަގޫ ހަފުތާއަކުން އަރައިގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ކުޅުންތެރިން ހިފައިފި ކަމަށެވެ.

"އަހަރެމެންނަށް މޮޅު ހައްގު އަހަރެމެން އެޓޭކާއި ޑިފެންސުގައި ކުރި މަސައްކަތްތަކަށް،" ޒިދާން ބުންޏެވެ. "އެކަމަކު މި މޮޅުން އެއްވެސް ކަމެއް އަދި ބަދަލެއް ނުވޭ. އަދި ދިގު ރާސްތާއެއް އެބައޮތް، މިގޮތުގައި ކުރިއަށްދާން ޖެހޭ. މުހިއްމު ތިން ޕޮއިންޓް މިއީ އެކަމަކު މިއަށް ވުރެ އުނދަގޫ މެޗުތައް އަދި އަންނާނެ."

ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ބުނީ ފުރަތަމަ ހާފުގެ ކުޅުން ދެ ވަނަ ހާފުގައި ނުދެއްކުނީތީ ލަދުވެތިވާ ކަމަށާއި ދެ ވަނަ ހާފުގައި އެހާ ފަސޭހައިން ބޯޅަ ގެއްލެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.