Roadha Mihaaru
ބާސެލޯނާ އިން އުއްމީދު ދަމަހައްޓައިފި

ބާސެލޯނާ އިން އުއްމީދު ދަމަހައްޓައިފި

06 ޖުލައި 2020

ވިޔަރެއާލް (ޖުލައި 6) – ރަށުން ބޭރުގައި ވިޔަރެއާލް 4-1 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ހަނި އުއްމީދު ދަމަހައްޓައިފި އެވެ.

ވިޔަރެއާލް (ޖުލައި 6) – ރަށުން ބޭރުގައި ވިޔަރެއާލް 4-1 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ހަނި އުއްމީދު ދަމަހައްޓައިފި އެވެ.

ޗެމްޕިއަންކަން ހޯދުމުގެ ރޭހުގެ ކުރީގައި އޮތް ރެއާލް މެޑްރިޑް ވަނީ އިއްޔެ ހަވީރު އެތުލެޓިކް ކްލަބް އަތުން 1-0 އިން މޮޅުވެ ހަތް ޕޮއިންޓުގެ ލީޑެއް ނަަގައިފަ އެވެ. އެކަމަކު ބާސެލޯނާ މޮޅުވުމާ އެކު ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 34 މެޗުން 77 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 34 މެޗުން 73 ޕޮއިންޓާ އެކު އެވެ. ބާކީ އޮތީ އެންމެ ހަތަރު މެޗު ކަމަށްވުމުން، ހަތަރު ޕޮއިންޓުގެ ލީޑަކީ ވެސް މި ހާލަތުގައި ވަރަށް ބޮޑު ލީޑެކެވެ.

ރެއާލަށް ބާކީ އޮތީ ޑިޕޯޓިވޯ އަލަވެސް، ގްރަނަޑާ، ވިޔަރެއާލް އަދި ލެގަނީސް މެޗެވެ. ބާސެލޯނާ އަށް ދެން އޮތީ އެސްޕަންޔޯލް، ރެއާލް ވަޔަޑޮލިޑް، އޮސަސޫނާ އަދި ޑިޕޯޓިވޯ އަލަވެސްގެ މެޗެވެ.

ވިޔަރެއާލާއި ބާސެލޯނާ ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނެޓުގައި ވިޔަރެއާލްގެ ޕައޫ ޓޮރޭސް އަތުން ބައިކޮޅަށް ވަން ލަނޑުން ބާސެލޯނާ އަށް ލީޑު ލިބުނެވެ. ވިޔަރެއާލުން ވަނީ ޖެރާޑް މޮރޭނޯގެ ލަނޑުން 14 ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. ބާސެލޯނާ މޮޅުވީ 20 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް، 45 ވަނަ މިނެޓުގައި އެންޓޮއިން ގްރިޒްމަން އަދި 86 ވަނަ މިނެޓުގައި އަންސޫ ފާޓީ ޖެހި ގޯލްތަކުންނެވެ.

މެސީ ދިން ބޯޅައަކުން ގްރިޒްމަން ވައްދާލި ލަނޑަށް ތައުރީފް އަންނަނީ އޮހެމުންނެވެ. ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމަނާފައިވަނީ، އެންމެ ފަހުން ކުޅުނު މެޗުގައި ކުރީގެ ކްލަބް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް 90 ވަނަ މިނެޓުގައި ކުޅެން އަރަން ޖެހި ލަދުވެތިކަމަކާ ކުރިމަތިވެފައި ވަނިކޮށެވެ.

"އެއީ ވަރަށް މޮޅު ކުޅުންތެރިންނަށް ޖެހޭނެ ކަހަލަ ގޯލެއް،" ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ބުންޏެވެ.

ރެއާލް މެޑްރިޑް ރަށުން ބޭރުގައި އެތުލެޓިކް އަތުން މޮޅުވި ލަނޑު 73 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ސާޖިއޯ ރާމޯސް އެވެ. އެންމެ ފަހުން ކުޅުނު މެޗުން ގެޓަފޭ އަތުން ރެއާލް މޮޅުވީ ވެސް ރާމޯސް ޖެހި ޕެނަލްޓީއަކުންނެވެ.

"މިއީ ބޮޑު މޮޅެއް. އަހަރެމެންނަށް އެނގޭ މިއީކަން ބާކީ ހުރި މެޗުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މެޗުކަން. ބާސެލޯނާ އަށް ޕްރެޝަރު އަންނާނެ، މުހިއްމު ތިން ޕޮއިންޓް އަނެއްކާ ވެސް ލިބުމުން ހިތްހަމަޖެހިފައި މިތިބީ،" ރާމޯސް ބުންޏެވެ.