Roadha Mihaaru
މިނިމަމް ވޭޖުން ގިނަ ބަޔަކު މަގުމަތިވާނެ: ޝިޔާމް

ކަނޑައެޅި މިނިމަމް ވޭޖުން ގިނަ ބަޔަކު މަގުމަތިވާނެ: ޝިޔާމް

09 ނޮވެމްބަރ 2021

ސަރުކާރުން ކަނޑައަޅައި އިއްޔެ އާއްމުކުރި މިނިމަމް ވޭޖަކީ ރާއްޖެއަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށާއި އޭގެ ނުރަނގަޅު އަސަރުން ގިނަ ބަޔަކު މަގުމަތިވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުން ކަނޑައަޅައި އިއްޔެ އާއްމުކުރި މިނިމަމް ވޭޖަކީ ރާއްޖެއަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށާއި އޭގެ ނުރަނގަޅު އަސަރުން ގިނަ ބަޔަކު މަގުމަތިވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މިނިސްޓްރީން މިނިމަމް ވޭޖް އިއްޔެ އިއުލާންކުރިއިރު ހަތަރު ބަޔަކަށް ވަނީ ބަހާލައިފަ އެވެ. ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4،500ރ. އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކަށް 8،000ރ. ކަނޑައަޅާފައިވާ އިރު ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 7،000ރ. އެވެ.

ޝިޔާމް ވިދާޅުވީ އިގްތިސާދީ ހާލަތަށް ކުރާނެ އަސަރުތައް ވެސް ބަލައި މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭއިރު މި ސަރުކާރުން އަމަލުކޮށްފައި ވަނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށެވެ. ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ވެސް ހުރީ އެ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"ކުއްލިއަކަށް ވަރުގަދަ ޝޮކެއް ދިނީމަ އަންނާނެ އުނދަގޫތައް ވަރަށް ބައިވަރު،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އަންނަނީ އިއުލާންކުރި މިނިމަމް ވޭޖާ ގުޅޭ ދިރާސާއެއް ހަދަމުންނެވެ. އޭގެ ފަހުން ތަފްސީލްތައް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖު ކަނޑައެޅުމާ އެކު ތަކެތީގެ އަގު ވެސް މައްޗަށް އުފުލޭނެ އެވެ. މިއީ ދިރިއުޅުމުގެ ހަރަދު ބޮޑުވެ ކުލިތައް ބޮޑުވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝިޔާމް އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވި އެއް ކަމަކީ ކަނޑައެޅި މިނިމަމް ވޭޖުން މެދުފަންތީގެ ވިޔަފާރިތައް ހަލާކުވެގެން ދިއުމެވެ.

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މިނިމަމް ވޭޖް ތަންފީޒުކުރަން ފަށަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އިސްތިސްނާކޮށްފަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިޔަފާރިތަކާއި ހިންގާ ކަންކަން ރެގިއުލޭޓް ރާއްޖޭގައި ނުކުރެވި އޮއްވައި ވޭޖް ކަނޑައެޅުމަކީ ނަޖާއިޒު ފައިދާތަކެއް އިތުރަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ.

މި ބަދަލުން، ޝިޔާމް ވިދާޅުވި ގޮތުގައި، ވަޒީފާގެ ބާޒާރުގައި ބިދޭސީން އަނެއްކާވެސް އަތްގަދަކުރާނެ އެވެ.

"ބައިވަރު ހޯމްވޯކް މީގައި ހަދަން ހުއްޓައި ހަމަ ކުއްލިއަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ކޮށްފައި މިއޮތީ. މިއީ ޒަމާނުއްސުރެން މީހުން ދެކެމުން އައި ހުވަފެނެއް. އެކަމަކު ކަނޑައަޅަން ގިނަ ކަންތައްތަކެއް ހުއްޓައި އިއުލާން މިކުރީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކަނޑައެޅި މިނިމަމް ވޭޖުން ވިޔަފާރިތައް ބަނގުރޫޓްވާނެ ކަން އިކޮނޮމިކް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އެ މެސެޖް އިއްޔެ ރައްޔިތުންނަށް ދޫކޮށްލެއްވި ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި ސަރުކާރުގެ މިނިމަމް ވޭޖުގެ ވައުދު ފުއްދައި އެކަން ދިފާކުރަމުން މި ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ކަނޑައަޅާފައި ވަނީ މި ސަރަހައްދު އަދި ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ވެސް ނިސްބަތުން ރަނގަޅު އަދަދެކެވެ.

ޝިޔާމް ވިދާޅުވީ ގައުމުތަކާ އަޅާކިޔާއިރު އެއް ނިސްބަތަކުން އާމްދަނީ ވަނުމާއި ދިރިއުޅުމުގެ ހާލަތު ވެސް މިސާލަކަށް އެ ދައްކާ ގައުމުތަކުގައި ތަފާތު ވެދާނެ ކަމަށެވެ. ވިސްނަން ޖެހޭނީ މި ގައުމުގައި ރައްޔިތުން އުފުލަން ޖެހިފައި ވަނީ ކިހާ ވަރެއްގެ ބުރައެއްތޯ ކަމަށް ވިދާޅުވި އެވެ.

"އެ ގައުމުތަކުގެ ދިރިއުޅުމުގެ ހަރަދު ހުރީ ކިހާ ހިސާބެއްގައިތޯ، ދިވެހި ރާއްޖޭގައި ހުރީ ކިހާ ހިސާބެއްގައިތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގައި ވެސް ދިރިއުޅުމަށް ކުރަން ޖެހޭ ހޭދަ ބޮޑު ގައުމަކަށް ދިވެހިރާއްޖެ ވާނެ،" ޝިޔާމް ވިދާޅުވި އެވެ.

"މިހެން އޮއްވައި އެ އަދަދުތައް ކަނޑައެޅިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއް."

އެކަމަކު ސަރުކާރުން ބުނަނީ މިނިމަމް ވޭޖުން އެތައް ބަޔަކަށް ކުރާނީ ފައިދާ ކަމަށެވެ. މިނިމަމް ވޭޖުގެ ވައުދު ފުއްދުމުގެ މަސައްކަތް ކޮށްފައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެމްބަރުންނާ ވާހަކަ ދެއްކެވި މަޝްވަރާތަކަކަށް ފަހު ކަމަށާއި ފާޅުކުރި ކަންބޮޑުވުންތަކަށް ވެސް، ހައްލު ހޯދަން މަސައްކަތްތަކެއް ވެސް ކޮށްފައިވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިނިމަމް ވޭޖުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ އެވެ.