Roadha Mihaaru
ސައުދީ ކޯލީޝަނަށް އެމެރިކާގެ އެއްބާރުލުން ކުޑަކޮށްފި

ވައިގެ ހަމަލާއާ ގުޅިގެން ސައުދީ ކޯލީޝަނަށް އެމެރިކާ އިން ދޭ އެއްބާރުލުން ކުޑަކޮށްފި

09 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 9) - ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ވައިގެ ހަމަލާތަކެއް ދީ 140 މީހުން މަރާލި ހަމަލާއާ ގުޅިގެން ސައުދީ ކޯލީޝަނަށް އެމެރިކާ އިން ދޭ އަސްކަރީ އެއްބާރުލުން ކުޑަކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 9) - ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ވައިގެ ހަމަލާތަކެއް ދީ 140 މީހުން މަރާލި ހަމަލާއާ ގުޅިގެން ސައުދީ ކޯލީޝަނަށް އެމެރިކާ އިން ދޭ އަސްކަރީ އެއްބާރުލުން ކުޑަކުރަން ނިންމައިފި އެވެ.

ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ނެޓް ޕްރައިސް ވިދާޅުވީ ސައުދީ ކޯލީޝަނަށް ދޭ އެއްބާރުލުން މިހާރު ވެސް ދަށްކޮށްފައިވާ އިރު މި އެއްބާރުލުން އެމެރިކާ ގަބޫލްކުރާ ހަމަތަކުގެ މަތިން އިތުރަށް މުތާލިއާ ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސައުދީ ކޯލީޝަނަށް އެމެރިކާ އިން ދޭ ސަލާމަތީ އެއްބާރުލުމަކީ ހުސް ޗެކެއް ނޫން ކަމަށެވެ. އަދި ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ.

ޔަމަނުގެ ހޫތީންގެ ސަރުކާރުގެ ދާޚިލީ ވަޒީރުގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނިކޮށް ދިން ހަމަލާގައި ވަނީ 140 މީހުން މަރުވެ 525 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. އީރާނުގެ މަދަދު ލިބޭ ހޫތީން ބުނެފައި ވަނީ ހަމަލާދީފައި ވަނީ ސައުދީ ކޯލީޝަނުން ކަމަށެވެ. ސައުދީ އަރަބިއާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ސައުދީ ކޯލީޝަނުން ބުނެފައި ވަނީ ޔަމަނަށް ދިން ވައިގެ ހަމަލާ، އެމެރިކާއާ ގުޅިގެން ތަހުގީގު ކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި ހަމަލާ ތަހުގީގު ކުރާ ޓީމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.

ހޫތީންނަކީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހާ ގާތް ގުޅުމެއް އޮންނަ ބައެކެވެ. ޔަމަނުގެ ރައީސް އަބްދުއްރައްބޫހު މަންސޫރު ހާދީގެ ސަރުކާރުން ދަނީ ހޫތީންގެ އިތުރުން އަލީ އަބްދުﷲ ސޯލިހަށް ވަފާތެރި ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. ހޫތީން ވަނީ ވެރިރަށް ސަނާ ހިފައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ހާދީގެ ސަރުކާރުގެ ގިނަ މީހުން ވަނީ ވެރިރަށް ދޫކޮށް ގޮހެވެ. އެކަމަކު އޭގެ ތެރޭން ބައެއް ވަޒީރުން ވަނީ އަނބުރާ އަދަނަށް ގޮހެވެ.

ޔަމަނުގައި 2014 ވަނަ އަހަރު މަދަނީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް ވަނީ އެތައް ހާސް އާއްމުން މަރުވެފަ އެވެ. އަދި ސައުދީން އިސްވެ އުފައްދާފައިވާ ކޯލީޝަނުން މިދިޔަ އަހަރުގެ މާޗު މަހު ވައިގެ ހަމަލާތައް ފެށި ފަހުން އެތައް ހާސް އާއްމުންނެއް ވަނީ މަރުވެފަ އެވެ. ޔަމަން ހަނގުރާމައިގައި ވަނީ ގާތްގަނޑަކަށް ތިން މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.