Roadha Mihaaru

އޯބަމަޔަން މަޑުކުރުވަން އާޓެޓާ ވަރަށް ބޮޑަށް ބޭނުންވޭ

ލަންޑަން (މާޗް 6) – އާސެނަލްގެ ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ކޮންމެ ގޮތަކުން ނަމަވެސް ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޯބަމަޔަން މަޑުކުރުވަން އާޓެޓާ ވަރަށް ބޮޑަށް ބޭނުންވޭ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 މާޗް 2020

ލަންޑަން (މާޗް 6) – އާސެނަލްގެ ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ކޮންމެ ގޮތަކުން ނަމަވެސް ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލާ އެކު ގެބޯންގެ ފޯވާޑް ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ އޭނާ ކޮންޓްރެކްޓް އާނުކުރާ ނަމަ މި ސީޒަން ނިމުމުން ވިއްކާލަން އާސެނަލަށް ނުސީދާ މަޖުބޫރުކަމެއް ކުރިމަތިވާނެ އެވެ. އެއީ އަންނަ ސީޒަނުގެ މެދުތެރެއިން ކުޑަ އަގަކަށް ނުވަތަ ސީޒަން ނިމުމުން ހިލޭ ނުދީ ފަރުޖެއްސުމަށެވެ.

"އަހަރެން ބޭނުންވޭ އޭނާ ކޮންމެ ފަދަ ހާލަތަކުން ނަމަވެސް ޓީމުގައި ބަހައްޓަން،" އާޓެޓާ ބުންޏެވެ.

ސީޒަނުގެ މެދުތެރެއިން އާސެނަލާ ހަވާލުވި ކޯޗު ބުނީ މި ސީޒަން ނިމުމުގެ ކުރިން އާ ކޮންޓްރެކްޓާ ބެހޭގޮތުން އޯބަމަޔަންއާ ވާހަކަދައްކަން އާސެނަލަށް ޖެހޭނެ ކަމަށެވެ.

އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް ގެންދަން ބާސެލޯނާ އިން މަސައްކަތްކުރާތީ، އޭނާ ދޫކޮށްލަން ޖެހިއްޖެ ހިނދެއްގައި އެ މަގާމް ފުރުވަން އިންޓަ އިން އޯބަމެޔަން އަށް ބިޑްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން ވިދާލި ފޯވާޑް އޯބަމެޔަން 2018 ވަނަ އަހަރު ރެކޯޑް އަގެއްގައި އާސެނަލާ ގުޅި މިހާރު އަންނަނީ އެ ޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ. އެކަމަކު ޗެމްޕިއަންސް ލީގު ކުޅުމަށްޓަކައި އޭނާ ވެސް އެ ޓީމު ދޫކޮށްލުމުގެ ވިސްނުން އެބަހުއްޓެވެ. އޭގެ ހެއްކަކީ މިދިޔަ ޖެނުއަރީ މަހު އޭނާ ބާސެލޯނާއާ ވާހަކަތައް ބޭއްވުމެވެ.

އާސެނަލް މިހާރު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގު ޒޯނާ އެ ޓީމާ އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަނެއްކޮޅުން ޔުރޮޕާ ލީގުން ކަޓާފައިވާތީވެ އެ މުބާރާތުގެ ތެރެއިން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭނެ ގޮތެއް ނެތެވެ.

އާޓެޓާ ވެސް ބުނީ އޯބަމަޔަންއާ އެކު ކުރެވޭ މަޝްވަރާތަކުގެ ރާގު، އާސެނަލް މި ސީޒަނުގައި ނެރޭ ނަތީޖާއާ ގުޅިދާނެ ކަމަށެވެ. އެގޮތުން އެ ވަގުތު އާސެނަލް ތާވަލުގައި އޮންނަ މަގާމާ އެކަމާ ގުޅިދާނެ ކަމަށާއި އެހެންވެ މިވަގުތު އެކަންދާނެ ގޮތެއް އަންދާޒާކޮށްލަން ދަތި ކަމަށް އޭނާ ބުންޏެވެ.

ޕޯޓްސްމަތު 2-0 އިން ބަލިކޮށް މި ހަފުތާގައި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން އާސެނަލް ޖާގަ ހޯދި މެޗުގައި އޯބަމަޔަން ނުކުޅެ އެވެ. ބެލެވެނީ އޭގެ ސަބަބަކީ ޔުރޮޕާ ލީގުން އޮލިމްޕިއާކޯސް އަތުން ބަލިވެ ކެޓުމުގެ ހިތްދަތިކަމެވެ. އެ މެޗުން އާސެނަލް މޮޅުކޮށްދޭން އޭނާ އަށް ފަހު ވަގުތު ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެހެންވެ ބަލިވުމުގެ ޒިންމާ އަމިއްލަ އަށް ބޮލުގައި އެޅި އެވެ.

'އޭނާ ހުރީ ވަރަށް މާޔޫސްވެފައި،" އާޓެޓާ ބުންޏެވެ. "އަހަރެމެން ބޭނުންވޭ އޭނާ އުފާވެފައި، ހިނިތުންވެފައި ހުއްޓާ ފެންނަން. އެގޮތަށް އޭނާ މިދިޔަ ދުވަސްތަކުގައި ފެނުނީ."

އެހެންވެ ޕްރިމިއާ ލީގުގައި މާދަމާ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ ކަމަށް ބެލެވެ އެވެ.

އޯބަމެޔަން އަކީ އިޓަލީގެ އޭސީ މިލާނުގެ ޔޫތު ޓީމުގެ އުފެއްދުމެކެވެ. އޯބަމަޔަންގެ ބައްޕަ މިލާނުގައި މަސައްކަތްކުރި ދުވަސްވަރު އޭނާ އެ ސިޓީގައި ދިރިއުޅެ ޔޫތު ޓީމަށް ކުޅެނެވެ. އެކަމަކު އޭރު ސީނިއާ ޓީމުން ޖާގަ ނުލިބި ލޯން އުސޫލުން އެކި ޓީމުތަކަށް ކުޅުނީ އެވެ. އޭނާ ފާހަގަވާން ފެށީ ލޯން އުސޫލުން ފްރާންސްގެ ސެއިން-އެޓީނަށް ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން 2013 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ގުޅި ދުނިޔޭގެ ފެންވަރުގެ ފޯވާޑަކަށް ބަދަލުވި އެވެ. އާސެނަލަށް ސޮއިކުރީ ޑޯޓްމަންޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އޭނާ 2017 އިން ފެށިގެން މިހާތަނަށް އާސެނަލަށް 96 މެޗު ކުޅެދީ 61 ގޯލް ޖަހައިދީފައިވެ އެވެ.