Roadha Mihaaru
ކޮވިޑް-19: އެމްއެންޔޫގެ ގްރެޖުއޭޝަން ފަސްކޮށްފި

ކޮވިޑް-19: އެމްއެންޔޫގެ ގްރެޖުއޭޝަން ފަސްކޮށްފި

08 މާޗް 2020

މިރޭ ބާއްވަން ނިންމާފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގްރެޖުއޭޝަން ހަފްލާ، ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވްވެ، ހާލަތު ބަދަލުވެފައިވާތީ ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިރޭ ބާއްވަން ނިންމާފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގްރެޖުއޭޝަން ހަފްލާ، ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވްވެ، ހާލަތު ބަދަލުވެފައިވާތީ ފަސްކޮށްފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ އެ ހަފްލާ ފަސްކުރީ، ކޮވިޑް-19 އާ ގުޅިގެން އުފެދިފައިވާ ބިރުވެރިކަމާ ހެދި ކަމަށެވެ. އަދި ގްރެޖުއޭޝަން ބާއްވާނެ ތާރީޚު ފަހުން އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން އިއުލާން ކުރީ ރޭގަ އެވެ. ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ދެ މީހުން ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފަ އެވެ. އެކަން އިއުލާން ކުރުމަށް ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި، އެ ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވަނީ ޑިގްރީ އަށް ވުރެ މަތިން ދަސްވެނިވާ ދަރިވަރުންނެވެ. އެއާއެކު، ކޮންމެ އަހަރަކު ވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ އެވެ. މި އަހަރު ދަސްވެނިވާ ދަރިވަރުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.

މިރޭ ބާއްވަން ކަނޑައަޅާފައި އޮތީ، އެމްއެންޔޫ އިން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމި ދަރިވަރުންގެ އެވެ.