Roadha Mihaaru
ފްލައިން ސްކޫލު ހިންގާނެ ކުންފުނި އުފައްދަން ސޮއިކޮށްފި

ފްލައިން ސްކޫލު ހިންގާނެ ކުންފުނި އުފައްދަން އެމްއެންޔޫއާއެކު އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފި

14 އޮކްޓޯބަރ 2021

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދުމުގެ އެއްބަސްވުމުގައި، އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އެމްއެންޔޫ އިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

އެމްއޯޔޫގައިވާ ގޮތުގައި ފްލައިން ސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިހާދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދެމުން، ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިހާދު ވިދާޅުވި އެވެ.

އުއްމީދަކީ، މިހާދު ވިދާޅުވި ގޮތުގައި، އޭއޭއޭގައި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް އަންނަ އަހަރު ނިމުމުގެ ކުރިން ކޯސް ނިންމުމުގެ ފުރުސަތު ދިނުމެވެ.

ފްލައިން ސްކޫލު ހިންގުމުގެ ޖޮއިންޓު ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިލެންޑު އޭވިއޭޝަންގެ އެމްޑީ މިހާދު (ކ- އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފު މިއަދު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފްލައިން ސްކޫލު ހިންގުމުގެ ޖޮއިންޓު ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިލެންޑު އޭވިއޭޝަންގެ އެމްޑީ މިހާދު (ކ- އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފު މިއަދު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަރުކާރުގެ ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ކިޔެވުމަށް އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން ވެސް 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ.

އާ ފްލައިން ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. މީގެ 30 އަހަރު ކުރިން ހުޅުވި ފްލައިން ސްކޫލުގައި މިހާރު ވެސް ދިވެހި ދަރިވަރުން އަންނަނީ ތަމްރީނު ހަދަމުންނެވެ.

މިހާދު ވިދާޅުވީ އެ އެއްބަސްވުމުގެ އަމާޒަކީ ހަމައެކަނި ޕައިލެޓުން ތަމްރީނު ކުރުން ނޫން ކަމަށެވެ. އޭވިއޭޝަން އިންޑަސްޓްރީ އަށް ބޭނުންވާ ތަފާތު ހުނަރުގެ ދަރިވަރުން ތައްޔާރުކޮށް މަސައްކަށް ނެރުމަކީ ވަރަށް އިސްކަން ދޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިތުރު މަރުހަލާއަކަށް ދިއުމަށްޓަކައި މި ސްކޫލު އިންޓަނޭޝަނަލް ފްލައިން ސްކޫލަކާއެކު އެސްޓަބްލިޝް ވަނީ މި ރީޖަން އަދި ރީޖަންގެ ބޭރުން އެހެން ގައުމުތަކުގެ ކުދިން ވެސް ޓްރެއިން ކުރުމުގެ މަގުސަދާއެކު،" މިހާދު ވިދާޅުވި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޝަރީފް ވިދާޅުވީ އެމްއެންޔޫ އަށް 48 އަހަރު ވެފައިވާއިރު، ޕައިލެޓުން ތަމްރީނުކުރުމުގެ ފުރަތަމަ ފިޔަވަޅާއެކު މިއަދު އެޅީ ބޮޑު މަސައްކަތެއްގެ ބިންގަލެކެވެ.

ފްލައިން ސްކޫލު ގާއިމު ކުރިއަސް އޭވިއޭޝަން ދާއިރާގެ އެހެން މަސައްކަތްތަކަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޖީނިއަރިން އަދި ލޭންޑް ސައިޓުގައި ހިމެނޭ ކަންކަން ހިމެނެ އެވެ.