Roadha Mihaaru
ކޮވިޑް-19: މެލޭޝިއާގައި ދިވެހިން ސަމާލުވާން އެދިއްޖެ

ކޮވިޑް-19: މެލޭޝިއާ ބަންދު ކުރުމުން ދިވެހިން ސަމާލުވާން އެދިއްޖެ

17 މާޗް 2020

ކޮވިޑް ބަލި ބާރަށް ފެތުރޭތީ މެލޭޝިއާގައި ވަރުގަދަ ފިޔަވަޅު ތަކެެއް އެޅުމުން، އެ ގައުމުގައި ތިބޭ ދިވެހިން ސަމާލުވާން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް ބަލި ބާރަށް ފެތުރޭތީ މެލޭޝިއާގައި ވަރުގަދަ ފިޔަވަޅު ތަކެެއް އެޅުމުން، އެ ގައުމުގައި ތިބޭ ދިވެހިން ސަމާލުވާން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާ އަށް ދަތުރުކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިން ރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓަރީ ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިން، އެ މީހުންނާ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓަރީ ކުރަން ފޮރިން މިިނިސްޓްްރީން ކުރިން ވެސް އޮތީ އިލްތިމާސް ކޮށްފަ އެވެ.

މެލޭޝިއާ އިން އެޅި ފިޔަވަޅުތައް:

- ބިދޭސީން އެ ގައުމަށް ވަނުން މަނާކުރުން. - މެލޭޝިއާގެ ރައްޔިތުން އެ ގައުމުން ބޭރަށް ދިއުން މަނާކުރުން އަދި ބޭރުގައި އުޅެފައި އެނބުރި މެލޭޝިއާ އަށް ދާ އެ ގައުމުގެ ރައްޔިތުން ހެލްތު ޗެކަޕަށްކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން

- އެއްވުންތައް ބޭއްވުން މަނާކުރުން.

- ހުކުރު ނަމާދު ހިމެނޭ ގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުން.

- ހުރިހާ ސްކޫލްތައް ބަންދުކުރުން.

- މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން.

- އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިން، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ބަންދުކުރުން.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ތިބި ދިވެހިން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުން ތަކަށް ސަމާލުވާން އެދޭ ކަަމަށެވެ.

".ހަމަ އެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ ވެސް ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމުގައި މި މިނިސްޓްރީން ފާހަގަކުރަމެވެ،" ބަޔާނުގައި ވެ އެވެ.