Roadha Mihaaru
މޮބައިލް ފޯނު ސާފުކުރާނީ ކިހިނެއް؟

މޮބައިލް ފޯނު ސާފުކުރާނީ ކިހިނެއް؟

14 މާޗް 2020

ކޮވިޑް-19 އިން ރައްކާތެރިވާން މި ދުވަސްވަރު ވަކިން ބޮޑަށް ސަމާލުކަން ދޭން ޖެހިފައި ވަނީ ސާފުތާހިރު ކަމަށެވެ. ސެނިޓައިޒާ ނުވަތަ ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުނު ވަރަކަށް ރައްކާތެރިކަން ބޮޑުވާނެ އެވެ. އެކަމަކު ހަމައެކަނި އަތް ދޮވުމަކުން އަދި ނުފުދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އިން ރައްކާތެރިވާން މި ދުވަސްވަރު ވަކިން ބޮޑަށް ސަމާލުކަން ދޭން ޖެހިފައި ވަނީ ސާފުތާހިރު ކަމަށެވެ. ސެނިޓައިޒާ ނުވަތަ ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުނު ވަރަކަށް ރައްކާތެރިކަން ބޮޑުވާނެ އެވެ. އެކަމަކު ހަމައެކަނި އަތް ދޮވުމަކުން އަދި ނުފުދެ އެވެ.

މިހާރު ކޮންމެ މީހަކީ ވެސް 24 ގަޑިއިރު ކަހަލަ ގޮތަކަށް އަތުގައި މޮބައިލް ފޯނު ގެންގުޅޭ މީހެކެވެ. އެހެންވެ މި ދުވަސްވަރު ވަކިން ހާއްސަކޮށް ފޯނުގެ ސާފުތާހިރު ކަމަށް އިސްކަން ނުދީފި ނަމަ ކޮރޯނާވަރަހަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އަބަދު ވެސް ފޯނު ސާފުކޮށްގެން ގެންގުޅެން ޖެހެ އެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ފޯނަކީ އިލެކްޓްރިކް ޑިވައިސްއަކަށްވާތީ އެ ސާފުކުރާނެ ގޮތެއް ނޭނގިގެން ކަންބޮޑުވާކަށް ނުޖެހެ އެވެ. މިއީ މާ ޓެކްނިކަލް، އުނދަގޫ ކަމެއް ވެސް ނޫނެވެ. ބޭނުން ވާނީ މައިކްރޮފައިބަރު ފޮތިކޮޅަކާއި ސައިބޯންޏެވެ. ކޮންމެހެން މާ އަގު ބޮޑު އެއްޗެއް ގަނެގެން ފޯނު ސާފުކުރުން މުހިއްމެއް ނޫނެވެ.

ފޯނު ސާފުކުރާނެ ގޮތް މިއޮތީ ވީޑިއޯއަކުން ކިޔައިދީފަ އެވެ. އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ މައިކްރޮބައޮލިސްޓް ލީނާ ސިރިކް ކިޔައިދީފައިވާ ގޮތުން ނަމަ ބޮޑު ކަމަކަށް ނަހަދައި، ފޯނު ފަސޭހައިން ސާފުކޮށްލެވިދާނެ އެވެ.

ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދެ އަތް ރަނގަޅަށް ދޮވުލުމެވެ. ދެން ފޯނު ސާފުކުރަން ބޭނުންވާ ފޮތިކޮޅު ސައިބޯނި ލައިގެން ތެންމައިލުމަށް ފަހު، ފޯނު ސާފުކުރާނީ އެވެ. އެކަމަކު އޭގެ ކުރިން، ފޯނުގައި ކަވަރެއް ލައްވާފައި އިން ނަމަ އެ ނަގަން ޖެހޭނެ އެވެ. ދެން ފޯނުގެ ދެ ފުށް ފޮތިކޮޅުން މަޑުމަޑުން ސާފުކުރާނީ އެވެ. އަދި ފޯނުގެ ކެމެރާތަކުގެ ދޭތެރެ އާއި ފޯނުގައި ހުންނަ ޕޯޓްތަކުގެ އެތެރެ ވެސް ކަފަބުރެއް ބޭނުންކޮށްގެން ސާފުކޮށްލެވިދާނެ އެވެ.

ސާފުކޮށް ނިންމުމަށް ފަހު، އިތުރު ފޮތިކޮޅަކުން ފޯނު ހިއްކައިލަން ވާނެ އެވެ. ލީނާ ވިދާޅުވި ގޮތުގައި މިގޮތަށް އަމަލުކުރުމުން ފޯނުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ފިލުވައިލެވި، ރައްކާތެރިކަން ހޯދޭނެ އެވެ.

އެހެންވެ މި ދުވަސްކޮޅު ބޮޑު ކަމަކަށް ނަހަދައި، ފޯނު ވެސް ސާފުކުރަން އާދަކުރާށެވެ.