Roadha Mihaaru
ސަފާރީގެ ފަޅުވެރިން ފުވައްމުލަކަށް ފޭބި

ސަފާރީގެ ފަޅުވެރިން ފުވައްމުލަކަށް ފޭބި

15 މާޗް 2020

ރާއްޖޭން އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުން ދަތުރުކުރި ސަފާރީ ފުވައްމުލަކަށް މަޑުކޮށް، އޭގެ ފަޅުވެރިން އެ ރަށަށް ފޭބި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށް ފުވައްމުލަކު ކައުންސިލުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުން ދަތުރުކުރި ސަފާރީ ފުވައްމުލަކަށް މަޑުކޮށް، އޭގެ ފަޅުވެރިން އެ ރަށަށް ފޭބި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށް ފުވައްމުލަކު ކައުންސިލުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ފުވައްމުލައް ކައިރީގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ސަފާރީ ކަރަންޓީން ކޮށްފައިވާ ކަަމަށެވެ.

ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވީ އައިލެންޑް ސަފާރީ މިދިޔަ ބުދަ- ބުރާސްފަތީގައި އޮތީ ފުވައްމުލަކު ބަނދަރުގައި ކަމަށާއި އެހެން ނަމަވެސް އެބޯޓުން އެއްވެސް ޓޫރިސްޓަކު އެ ރަށަށް ނުފައިބާ ކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިވަޑައިގަންނަވާ ކަަމަށެވެ. އެކަމަކު އެ ސަފާރީގެ ދެ ފަޅުވެރިއަކު އެ ރަށަށް ފޭބި ކަމަށާއި އެެހެންވެ، އެ ދެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓްތައް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަފާރީ މާޗް، 11، 12 ގައި އޮތީ މިރަށު ބަނދަރުގައި. ދެން ފުރައިގެން ދިޔައީ އަޅުގަނޑުމެންނަށް އިވޭ ގޮތުގައި އައްްޑުއަށް. އެއަށް ފަހު އިއްޔެ މި ރަށަށް ބަނދަރުކުރި، އެހެން ނަަމެވެސް އިއްޔެ އެ ބޯޓުން އެއްވެސް ބަޔަކު ނުފައިބާ. ހެލްތު އޮފިޝަލުން ބޯޓަށް އަރައި ޓޫރިސްޓުންގެ ގައިން ސާމްޕަލް ނެގީ ހަމަ އެކަނި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެ ސަފާރީ ބަނދަރުކުރުމާ ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އެބަ އޮތް ކަމަށާއި އެހެން ނަމަވެސް ރައްޔިތުން "ޕެނިކް ނުވުމަށް" ކައުންސިލުން އެދޭ ކަމަށެވެ. ސަފާރީން ފޭބި ފަޅުވެރިންގެ ކޮންޓެކްޓް ޓޭސިންގެ މަސައްކަތް އެޗްޕީއޭއިން ފުރިހަމައަށް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތަކީ ރައްޔިތުން ޕެނިކް ނުވެ، އެންމެން ގުޅިގެން އެ މަސައްކަތަށް އެއްބާރުލުން ދޭންވީ ވަގުތު،" އޭނާ ވިދާޅުވި އެވެ.

ކޮންޓެކްޓް ޓްރޭސް ކުރުމަށް ފުވައްމުލަކުގައި ކުރިއަށްދާ މަސައްކަތާ ބެހޭ ތަފްސީލެއް އެޗްޕީއޭއަކުން އަދި ނުލިބެ އެވެ.

އައިލެންޑް ސަފާރީގައި ތިބި ދެ ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވް ވުމާ އެކު ރާއްޖޭން ކޮވިޑް-19 ޖެހުުނު މީހުންގެ އަދަދު މިއަދު ވަނީ 13 އަށް އަރައިފަ އެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވާ އެންމެންގެ ހާލުވެސް އަދި ރަނގަޅެވެ. ހާލުބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބުލް ކަަމަށް އެޗްޕީއޭއިން ކުރިން ބުންޏެވެ.