Roadha Mihaaru
މަބްރޫކް ވިދާޅުވީ ދެން ދާންވީ ކޮފީއަށް ނޫން ކަމަށް

މަބްރޫކް ވިދާޅުވީ، ދެން ދާންވީ ކޮފީއަށް ނޫން ކަމަަށް، ތިބެންވީ ގޭގައި

17 މާޗް 2020

ރާއްޖެ އިން ވެސް ފެނިފައިވާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަނުދީ، ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން ޗުއްޓީގެ "އަވައިގައި" ޖެހި އާންމުން ބޭރުތެރެއަށް ނުނިކުތުމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު އެދިވަޑައިގެންފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ވެސް ފެނިފައިވާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަނުދީ، ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން ޗުއްޓީގެ "އަވައިގައި" ޖެހި އާންމުން ބޭރުތެރެއަށް ނުނިކުތުމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު އެދިވަޑައިގެންފި އެވެ.

ރާއްޖެ އިން ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރުމަށް ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނިއުސް ބްރީފިން މަބްރޫކް ނިންމައިލެއްވީ ވަރަށް ބޮޑު އިލްތިމާސަކާ އެކު، އަދި ވަރުގަދަ މެސެޖެއް ދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ، މި ހަފުތާގެ ބުރާސްފަތި ދުވަހުން އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރިޔަސް އެއީ ކޮފީ ބުއިމަށާއި މޫދަށް ދާންޖެހޭ ކަމެއް ނޫން ކަމަށެވެ. ކޮވިޑާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވާ ސަރުކާރުގެ މަންދޫބު މަބްރޫކްގެ މިއަދުގެ އެންމެ ބޮޑު އިލްތިމާސަކީ ސަރުކާރުން ބަންދުކުރީ އެންމެން ގޭގައި ބޭތިއްބުމަށް ކަމަށް ވާތީ އެކަން އެ ގޮތަށް ކޮށްދިނުމެވެ.

"މި ބުރާސްފަތިން މި އަންނަ ބުރާސްފަތީގެ ނިޔަލަށް މިއޮތީ ސަރުކާރު ބަންދު ދުވަސްތަކެއް، މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލް އަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން. މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކްގެ ވީޑިއޯ ޝެއާ ކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް އެދިވަޑައިގަތީ މި ދުވަސްވަރު ގޭގައި ތިއްބެވުމަށާއި ރައްކާތެރިވުމަށް.

އޭނާ އެހެން ވިދާޅުވީ، ބެލެވޭ ގޮތުގައި ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ބަންދެއް ލިބޭއިރަށް ފުރަފުރައިގެން ރަށްރަށާއި ބޭރުގެ ގައުމުތަކަށް ދާތީ އެކަން ހުއްޓުވުމަށެވެ. ކޮވިޑް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ބޭރުތެރެއަށް ނުކުމެ އުޅޭ ވަގުތުތައް މަދު ކުރުމެވެ. އެހެންވެ، ސިއްހީ ދާއިރާގެ އޮފިޝަލުންގެ އިރުޝާދަކީ ވީހާ ވެސް ބޮޑަކަށް އެހެން މީހުންނާ ގައިގޯޅިވާ ކަންކަން ދޫކޮށްލައި ގޭގައި އެންމެން މަޑުކުރުމެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެއް ހަފުތާ އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމީ ހުރިހާ އެންމެންގެ ވެސް ސިއްހަތަށް ސަރުކާރުން ވިސްނާތީ އެވެ. އެހެންވެ، މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް ގޭގައި ތިބުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ނުނިކުތުމަށް ވެސް އެދިވަޑައިގަތެވެ.

"މި ބުރާސްފަތިން މިއަންނަ ބުރާސްފަތީގެ ނިޔަލަށް މިއޮތީ ސަރުކާރު ބަންދު ދުވަސްތަކެއް، މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލް އަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން، މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،"

ކޮވިޑް ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން، ޕާކްތަކާއި މައިޒާންތަކާއި ދުވާ ޓްރެކްތަކާއި ދަނޑުތައް ފަދަ ކުޅިވަރު ކުޅޭ ތަންތަން ވެސް ސަރުކާރުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ވެސް މި ދުވަސްވަރު ބަންދެވެ.

ހޮސްޕިޓަލަށް ދިއުން މަދު ކުރުމަށް ފްލޫ ކްލިނިކްތައް ހުޅުވައި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.

ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު ފެނިފައިވާއިރު، އެ އެންމެންނަކީ ވެސް ބިދޭސީން/ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ އެކެވެ. ބާކީ 11 މީހުންނަކީ ޓޫރިސްޓުންނެވެ. މިހާތަނަށް އެއްވެސް ދިވެއްސަކަށް ކޮވިޑް-19 ނުޖެހެ އެވެ.