Roadha Mihaaru
ބިރުވެރިކަމުގެ ތެރޭގައި ޔޫސޭ ބިދޭސީންނާ އެކު!

ބިރުވެރިކަމުގެ ތެރޭގައި ޔޫސޭ ބިދޭސީންނާ އެކު!

18 މާޗް 2020

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އެންމެ ފަހުން އަޅުގަނޑުމެންނަށް ފެނުނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ މެދު ހިތާމަކޮށް، ލޯންޗެއްގައި "ރާއްޖެ ދޫކޮށް ދާ" ވީޑިއޯއަކުންނެވެ. އެކަމަކު ކޮރޯނާވައިރަސްގެ ބިރުވެރިކަން އުފެދި އެންމެންގެ އެހީތެރިކަން ބޭނުންވި ވަގުތު މާލެ އިން އޭނާ ފެނިއްޖެ އެވެ! މިފަހަރު ބަންގްލަދޭޝް މީހުން ހޭލުންތެރިކުރުވަން އުޅެނިކޮށެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އެންމެ ފަހުން އަޅުގަނޑުމެންނަށް ފެނުނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ މެދު ހިތާމަކޮށް، ލޯންޗެއްގައި "ރާއްޖެ ދޫކޮށް ދާ" ވީޑިއޯއަކުންނެވެ. އެކަމަކު ކޮރޯނާވައިރަސްގެ ބިރުވެރިކަން އުފެދި އެންމެންގެ އެހީތެރިކަން ބޭނުންވި ވަގުތު މާލެ އިން އޭނާ ފެނިއްޖެ އެވެ! މިފަހަރު ބަންގްލަދޭޝް މީހުން ހޭލުންތެރިކުރުވަން އުޅެނިކޮށެވެ.

ބާރު ސްޕީޑްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން ދާ ވައިރަސް ހުރި 13 މީހަކު މިހާތަނަށް ރާއްޖެ އިން ފެނިއްޖެ އެވެ. އެކަމަކު އޭގެ ތެރޭގައި ގިނައީ ރިސޯޓްތަކަށް އައި ޓޫރިސްޓުންނެވެ. ދެން ތިބީ ރިސޯޓެއްގެ ބިދޭސީ ދެ މުވައްޒަފެކެވެ.

މި ވައިރަހުން ސަލާމަތްވެވޭނެ އެންމެ ފަސޭހަ ގޮތަކީ ގައިގޯޅިވެ ނޫޅުމާއި އަބަދުވެސް އަތް ދޮވެ، ސާފުކޮށްފައި ބެހެއްޓުމެވެ. އެކަމަކު މާލޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އުޅެނީ ގައިގޯޅިކަން ބޮޑު އަދި ތޮއްޖެހިފައި ހުންނަ ތަންތަނުގަ އެވެ. އެހެންކަމުން ޔޫސޭ އަށް އެ މަންޒަރު ފެނުނީ ބިރުވެރިކޮށެވެ.

އެންމެ ފަހުން ޔޫސޭ ވަނީ ބަންގްލަދޭޝް މީހުން ދިރިއުޅޭ ބައެއް ތަންތަނަށް ވަދެފަ އެވެ. އޭނާ ގެންދަނީ އެ މީހުންނަށް ކޮރޯނާވައިރަހާ ބެހޭ މައުލޫމާތު ދެމުންނެވެ.

ބިދޭސީން ދިރިއުޅޭ ދެތިން "ކޮއްޓަށް" މިހާތަނަށް އޭނާ ވަދެއްޖެ އެވެ.

އެ މީހުންނަށް އޭނާ ނަސޭހަތް ދިނީ ސާފުތާހިރު ކަމަށް ސަމާލުކަންދީ ގިނަގިނައިން އަތް ދޮވުމަށެވެ. އަދި ވީ މިންވަރަކުން އެކަކު އަނެކަކާ ދުރުގައި ތިބެން ވެސް އޭނާ އެދެ އެވެ.

ޔޫސޭ ގިނައިން ވާހަކަ ދެއްކީ ހިންދީ ބަހުންނާއި ބަންގްލަދޭޝް ބަހުންނެވެ.

ޔޫސޭ ވަން އެއް ތަނެއްގައި 70 މީހުން ދިިރިއުޅެމުން ދިޔަ އެވެ. އެހާ ކުޑަ ތަންކޮޅެއްގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅުމާއި އެ މީހުންގެ ފެންވެރުމާއި ކައްކައި ކާން ބޭނުންކުރާ އެއްޗިހި ހުރި ގޮތުގެ ވާހަކަ ވީޑިއޯގައި ދައްކަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު އެދެނީ ވީޑިއޯ ނުކުރުމަށެވެ. އެންމެ ފަހުން އެ މީހުން ހިތްހަމަނުޖެހިގެން އެތަނުގައި ޔޫސޭ "ބަންދުކޮށް"، ހިފެހެއްޓި އެވެ.

މީހުން ހޭލުންތެރި ކުރުމަށް ޔޫސޭ ފުރަތަމަ ވަދެގެންދާ ކޮށިން ބައްދަލުވި މީހުން ކައިރިން އޭނާ ފުރަތަމަ ވެސް އޮޅުންފިލުވަން ބޭނުންވީ ނިދާތަނުގެ ވާހަކަ އެވެ. އެކަމަކު އެ މީހުންނަށް ދިވެހިބަސް އަދި އިނގިރޭސިބަސް ވެސް ނޭނގުމުން ހިންދީ ބަހުން ވާހަކަދައްކައި އެ މީހުން ނިދާ ކޮޓަރި ހޯދައިގެން އެތަނަށް ވަދެގެން ދިޔައީ އެވެ.

އެތާނގެ ތެރެއަށް ވަދެވުމާ އެކު ޔޫސޭ އަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާ ތަކުރާރުކޮށް ބުނަމުން އައީ "މިއީ ވެސް އިންސާނުންނޭ" މިހެންނެވެ. ކޮރޯނާ ވައިރަހަށް މީހުން ހޭލުންތެރިކުރުމަށް އޭނާ ފެށި މި މަސައްކަތުގައި ބިދޭސީންނާ މެދު މީހުން ކަންތައްކުރަމުންދާ ގޮތެގެ ވާހަކަތައް ވެސް ދެއްކި އެވެ. ހިއުމަން ޓްރެފިކިން އާއި ރާއްޖެ ގެނަސް އެ މީހުން ހާލުގައި ޖެއްސުމާ މިކަހަލަ ކިތަންމެ ކަންކަމެއް ޔޫސޭ ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ މީހުން ނިދާތަނަށް ވަދެ އެތަނުން މީހުންނާ ދެއްކި ވާހަކަތަކުގެ ތެރެއިން އެ މީހުން ބުނިގޮތުގައި އެ ކުޑަ ކޮޓަރި ތެރޭގައި 70 މީހުން ނިދަ އެވެ. އަދި އެ މީހުން ޕްލާސްޓިކް ކޮތަޅުތަކަށް ކާއެއްޗެހިކާން ތިބި މަންޒަރުދައްކައި، އެ މީހުންގެ ހާލަތު ޔޫސޭ ވަނީ ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ. އޭނާގެ މަގްސަދަކަށް ވެފައި އޮތީ އެ މީހުންގެ ހާލަތު ކިޔައިދީ އެހީތެރިވުމެވެ.

އެހެންނަމަވެސް އޭނާ އަށް އެތަނުން ނުރައްކަލާ ވެސް ކުރިމަތިވި އެވެ. އެތަނުން އޭނާ އަށް މައުލޫމާތު ދިން އެތަނާ ހަވާލުވެ ހުރި އިންޑިއާ މީހަކު، ވީޑިއޯކުރުން ހުއްޓާލަން އެދުނެވެ. އެ މީހާ ބުނަމުން އައީ މައުލޫމާތު ދިނަސް އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު ވީޑިއޯކުރަން ގަބޫލު ނޫން ކަމަށެވެ. ރުޅި ގަދަވެ އެ މީހާ އެހެން ބުނަން ފެށި ހިސާބުން ޔޫސޭގެ ވީޑިއޯ މެދުކަނޑާލި އެވެ.

ދެން އެރުވީ ލިޔުންކޮޅެކެވެ. އެ ލިޔުންކޮޅުގައި ވާގޮތުން ވީޑިއޯކުރުމަށް ނުރުހި އެ މީހުން އޭނާ އެތާނތެރޭގައި ބޮޑުތަޅު އަޅުވައި ހައްޔަރުކުރީ އެވެ.

އޭނާ އެތަނުން ނެރެން ޖެހުނީ ފުލުހުން ގޮސްގެންނެވެ.

ޔޫސޭ ފުލުސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށް ފަހު ދޫކޮށްލުމާ އެކު އަނެއްކާ ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

އެ ވީޑިއޯގައި ޔޫސޭ ބުނީ ބިދޭސީން އުޅޭ ތަނަކަށް ވަނުމުން ކެމެރާ އަތުލަން އުޅުނު ކަމަށެވެ. އަދި ކޮށީގައި އުޅުނު ބިދޭސީންނާ ހީ ސަމާސާކޮށް ވާހަކަދައްކައި، ކޮރޯނާ ވައިރަހުގެ މައުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދިން މަންޒަރު ފެނިގެންދެއެވެ.