Roadha Mihaaru
ހުކުރު ނަމާދު ނުކުރާ ފުރަތަމަ ދުވަސް!

ހުކުރު ނަމާދު ނުކުރާ ފުރަތަމަ ދުވަސް، ހުތުބާ އޮތީ ސާފުތާހިރު ކަމަށް!

20 މާޗް 2020

ރާއްޖޭގެ ތާރީހުގައި މިއަދަކީ ވަރަށް ހާއްސަ ދުވަހެކެވެ. މިއީ، ރާއްޖޭގެ އިސްލާމީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މާލެ އާއި މާލެ ސަރަހައްދުގައި ހުކުރު ނުކޮށް ދޫކޮށްލި ފުރަތަމަ ދުވަހެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގެ ތާރީހުގައި މިއަދަކީ ވަރަށް ހާއްސަ ދުވަހެކެވެ. މިއީ، ރާއްޖޭގެ އިސްލާމީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މާލެ އާއި މާލެ ސަރަހައްދުގައި ހުކުރު ނުކޮށް ދޫކޮށްލި ފުރަތަމަ ދުވަހެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ އާއި މާލެ ވިލިމާލެ، އަދި ހުޅުމާލެ އާއި ރިސޯޓްތަކުގައި ހުކުރު ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ. މީހުން އެއްވެ އުޅުމަކީ މި ދުވަސްވަރު ރައްކާތެރި ކަމަކަށް ނުވާތީ، ޖަމާއަތުގައި ނަމާދުކުރުން މީގެ ކުރިން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. އެހެންވެ، ބަންގި ގޮވުން ފިޔަވައި އެހެން ހަރަކާތެއް މިސްކިތްތަކަކު ނެތެވެ.

އެހެން ހުކުރު ނަމާދުތަކާ ހިލާފަށް މިއަދު ހުކުރު ނަމާދު ލައިވް ކޮށްފައި ވަނީ ކ. ހިންްމަފުށިންނެވެ. މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ސާފުތާހިރު ކަމުގެ މައްޗަށެވެ.

އިސްލާމްދީނުގައި ސާފުތާހިރުކަމަށް ބާރުއަޅާފައިވަނީ، ބަލިތަކުން ސަލާމަތްވާން ކަމަށާއި އެކަމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައު ތެރޭގައި ސިއްހީ އެތައް ނުރައްކަލަކާއި ތަފާތު އެކި ބަލިތައް ފެތުރިގެންދާނެ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފަ އެވެ.

ސިއްހީ ގޮތުންނާއި މައުނަވީ ގޮތުން ވެސް އިސްލާމްދީނުގައި ބާރުއަޅާފައި ވަނީ ސާފުތާހިރު ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ދީނުގެ ޝަރުއުތަކާއި ހުކުމްތައް ވެސް ބިނާވެފައިވަނީ މިކަމުގެ މައްޗަށް ކަމަށް ހުތުބާގައިވެ އެވެ.

އަދި ވަކިން ހާއްސްކޮށް ފަރުޟު ފަސް ނަމާދު ސާފުތާހިރުކަމުގެ މައްޗަށް ބިނާވެފައިވާކަން ހާމަވެގެންދަނީ ކޮންމެ ނަމާދެއްގެ ކުރިން ވުޅޫކުރުން ވާޖިބެއް ކަމުގައި ލައްވާފައިވާތީ ކަމަށް ހުތުބާގައި ބުންޏެވެ. ނަމާދުކުރާއިރު މީހާ އާއި ނަމާދުކުރާ ތަން ވެސް ސާފުތާހިރުވާން ޖެހޭ ކަމަށާއި، ނަމާދަކީ މީހާގެ ފާފަތައް ފުއްސަވައި، މީހާގެ ހިތް ސާފުތާހިރުކޮށްދޭ އަޅުކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމްދީނުގައި ސާފުތާހިރުކަމަށް ބާރުއަޅާފައިވަނީ ހަމައެކަނި ނަމާދާއި އަޅުކަމުގައި އެކަނި ނޫންކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މީހާގެ ހައްޓާއި ފޭރާމާއި، ދިރިއުޅޭ ތަނާއި ގެއާއި ގޯތިތެރޭގެ އިތުރަށް މުޅި އިންސާނީ ވެށި ސާފުތާހިރު ކުރުމަށް ވެސް ދީނުގައި ބަރުއަޅުއްވާފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

މިސްކިތެއްގައި މީގެ ކުރިން ބަޔަކު ވުލޫ ކުރަނީ: މާލޭގެ މިސްކިތްތައް މިއަދު ވަނީ ފަޅުވެފައި .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މިސްކިތެއްގައި މީގެ ކުރިން ބަޔަކު ވުލޫ ކުރަނީ: މާލޭގެ މިސްކިތްތައް މިއަދު ވަނީ ފަޅުވެފައި .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގެ މާނާގައި އުނދަގޫ ކަމަކަށް ނުވާނަމަ ވުލޫ ކުރާ ކޮންމެ ގަޑިއެއްގައި، ދަތް އުނގުޅުމަށް އަންގަވާފައިވުމަކީ ވެސް ދީނުގައި ސާފުތާހިރުކަމަށް އިސްކަންދީފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އިސްލާމްދީނުގައި ސާފުތާހިރުކަމުގެ މަންހަޖަކީ ވަރަށް ވެސް މުހިންމު މަންހަޖެއް ކަމަށާއި، ނުރައްކާތެރި އެކި ބަލިތައް ފެތުރެމުން އަންނަނީ މި މަންހަޖަށް އިންސާނުން ބޯނުލަނބާތީ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ކައިބޮއެ އުޅުމުގައި ވެސް ﷲ ހަލާލްކުރައްވާފައިވާ ތަޖެއްޗާއި ހަރާމްތަކެއްޗަށް ސަމާލުކަން ދީގެން ކައިބޮއެ އުޅެން ހުތުބާގައިވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރަށް މިއަދުގެ ހުތުބާގައި ވަނީ ގައުމަށް ދިމާވެފައިވާ މި ސިއްހީ ނުރައްކަލުގެ ހާލަތުގައި ކަމާ ބެހޭ ފާރާތްތަކުގެ އިރުޝާދަށް ބޯލެނބުމަށް ގޮވާލައިފަ އެވެ. މި ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދިނުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ.

އަދި ނަފްސާއި ގޯތިތެރެއާއި، މަގުމައްޗާއި އޮފީސް އަދި ވަކިން ހާއްސްކޮށް ބިދޭސީން ގެންގުޅޭ މީހުން އެމީހުންގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.

ފިތުނަތަކާއި ނުރައްކާތަކުން ސަލާމަތްވާން އޮތް މަގަކީ ދޫ ރައްކާތެރިކުރުން ކަމުގައި ރަސޫލާ ހަދީސް ކުރައްވާފައިވާކަން ފާހަގަކުރައްވައި، މި ދަނޑިވަޅުގައި ދޮގުމައުލޫމާތާއި ހަބަރު ފެތުރުން ހުއްޓާލުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފަ އެވެ.