Roadha Mihaaru
ދަތް އުނގުޅާއިރު ހެދޭ ގޯސްތަކެއް

ދަތް އުނގުޅާއިރު ހެދޭ ގޯސްތަކެއް

12 ޖުލައި 2021

އަމިއްލަ ސާފުތާހިރުކަމަކަށް ސަމާލުކަންދޭ އިރު އެންމެ މުހިއްމު ކަމަކީ އަބަދު ވެސް އަނގަ ސާފުކޮށް ބެހެއްޓުމެވެ. އެހެން ނޫން ކަމަށްވާ ނަމަ އަނގައިން ނުބައި ވަސް ދުވުމާއި ހިރުގަނޑު ހަލާކުވުމާ އެކު އަނގައިގެ ސިއްހަތަށް އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. ދުވާލަކު މަދުވެގެން ތިން ފަހަރު ދަތް އުނގުޅުމަކީ ބޭނުންތެރި ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ރޭގަނޑު ނިދާ އިރު ދަތް އުނގުޅަން އާދަކުރަން ޖެހެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ސާފުތާހިރުކަމަކަށް ސަމާލުކަންދޭ އިރު އެންމެ މުހިއްމު ކަމަކީ އަބަދު ވެސް އަނގަ ސާފުކޮށް ބެހެއްޓުމެވެ. އެހެން ނޫން ކަމަށްވާ ނަމަ އަނގައިން ނުބައި ވަސް ދުވުމާއި ހިރުގަނޑު ހަލާކުވުމާ އެކު އަނގައިގެ ސިއްހަތަށް އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. ދުވާލަކު މަދުވެގެން ތިން ފަހަރު ދަތް އުނގުޅުމަކީ ބޭނުންތެރި ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ރޭގަނޑު ނިދާ އިރު ދަތް އުނގުޅަން އާދަކުރަން ޖެހެ އެވެ.

ދަތް އުނގުޅަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ގޮތަށް، ދަތް އުނގުޅުމުގައި ފަރުވާތެރިވާން ޖެހޭ މުހިއްމު ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ.

* މާ ބާރަށް ދަތް ނުއުނގުޅާތި

މާ ބާރަށް ދަތް އުނގުޅާ ނަމަ ހިރުގަނޑަށް ގެއްލުންވެ، ދަތްތަކުގެ ބުޑު ވެސް ހަލާކުވުމަށް މަގުފަހިވާނެ އެވެ. އަދި މާ ބާރަށް ދަތް އުނގުޅާ ނަމަ ހިރުންގަނޑު ލޭ އައުމަކީ ވެސް ވަރަށް ގާތް ކަމެކެވެ. ދަތް އުނގުޅާ ބުރުހެއް ހޯދާ އިރު މަޑު އެއްޗެއް ހޯދަން ސަމާލުކަން ދޭށެވެ.

* މާ ގިނަ ދުވަހަށް އެއް ބުރުހެއް ބޭނުން ނުކުރުން

އެއް ބުރުހެއް މާ ގިނަ ދުވަހަށް ބޭނުން ކުރުމަކީ ވެސް ރައްކާތެރި ކަމެއް ނޫނެވެ. ދަތުގެ ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި ކޮންމެ ތިން މަހަކުން ބުރުސް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި އަލަށް ބޭނުންކުރަން ފެށި ބުރެހެއް ނަމަވެސް އޭގެ އުނގުޅާބައި މާ ބޮޑަށް ވިއްސިވިހާލެވިފައިވާ ނަމަ ބުއްދުވެރި ގޮތަކީ ބުރުސް އަވަހަށް ބަދަލުކޮށްލުމެވެ.

* ދަތް އުނގުޅަން މާ ގިނަ ވަގުތު ހޭދަނުކުރާތި

ދަތް އުނގުޅަން ވާނީ މަޑުމަޑުން ވަރަށް ފަރުވާތެރިކަމާ އެކީގަ އެވެ. އެކަމަކު މާ ގިނަ އިރު ދަތް އުނގުޅަން ހޭދަނުކުރާށެވެ. ދަތް އުނގުޅަން 2-3 މިނިޓް ފުދޭނެ އެވެ. އެކަމަކު ދަތް އުނގުޅާ އިރު މުޅި އަނގައިގެ ތެރެ ސާފުވާ ވަރަށް އުނގުޅަން ވާނެ އެވެ.

* މާ ގިނައިން ދަތް ނުއުނގުޅުން

މާ ގިނައިން ދަތް އުނގުޅުމަކީ ވެސް މައްސަލައެކެވެ. އެހެން ނޫން ނަމަ ހިރުގަނޑާއި ދަތް ބަލިކަށިވާނެ އެވެ. ދުވާލަކު ތިން ފަހަރު ދަތް އުނގުޅުމުން ފުދޭނެ އެވެ. އެއީ ހެނދުނާއި ހަވީރާއި ރޭގަނޑު ނިދާ އިރު އެވެ.

* ދަތްޕިލާގެ އެތެރެ ފަރާތަށް ސަމާލުކަން ނުދެވުން

އެއްޗެއްގެ ރީތިކަމެއް، ފުރިހަމަ ކަމެއް އޭގެ ބޭރު ފުށަށް އެކަނި ބަލައިގެނެއް ވަޒަނެއް ނުކުރެވޭނެ އެވެ. ހަމަ އެގޮތަށް ކިތަންމެ ގިނައިން ދަތް އުނގުޅިލަސް ހަމައެކަނި ދަތްޕިލާގެ ބޭރު ފަރާތް ރީތިކޮށްލުމަކުން ނުފުދެ އެވެ.

ދަތް އުނގުޅާ އިރު ބުރުހުން ދަތްފިލާގެ އެތެރެ ވެސް ރަނގަޅަށް އުނގުޅަން ވާނެ އެވެ. ދަތް އުނގުޅާ އިރު ބުރުސް ވައްބުރަކަށް ވާ ގޮތަށް ގެންގުޅުމަކީ މިކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި މަޑު ބުރުހެއް ގެންގުޅޭ ނަމަ އެކަން ކުރަން ފަސޭހަވާނެ އެވެ.