Roadha Mihaaru
ކޮވިޑް ފެތުރިދާނެ ގޮތުގެ ގްރާފަކީ ރަނގަޅު މެސެޖެއް!

ކޮވިޑް ފެތުރިދާނެ ގޮތުގެ ގްރާފަކީ އާއްމުންނަށް ރަނގަޅު މެސެޖެއް!

19 މާޗް 2020

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ގެ ހާލަތު ބުނެ ދެއްވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ރޭ ދެއްކެވި ގްރާފުން، ކަމުގެ ހަގީގަތް ލަފާކުރެވި، އާންމުންނަށް ރަނގަޅު މެސެޖެއް ލިބޭނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ގެ ހާލަތު ބުނެ ދެއްވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ރޭ ދެއްކެވި ގްރާފުން، ކަމުގެ ހަގީގަތް ލަފާކުރެވި، އާންމުންނަށް ރަނގަޅު މެސެޖެއް ލިބޭނެ އެވެ.

ގްރާފުން ފެންނަނީ ދެ ކާވެކެެެވެ. އޭގެ ތެރެއިން އެއް ކާވް މާ މައްޗަށް އުފުލިފައި ހުންނަ އިރު ދެ ވަނަ ކާވް ފެންނަނީ ނިސްބަތުން ވަރަށް ތިރިކޮށެވެ. އޭގެ ސަބަބު ވަރަށް ސާފެވެ. މައްޗަށް އަރާފައިވާ ކާވުން ދައްކައިދެނީ ކޮރޯނާވައިރަސް އިން ރައްކާތެރިވާން ކުރިއާލައި ފިޔަވަޅުތައް ނާޅައިފި ނަމަ، ގައުމެއްގެ ހާލަތު ދާނެ މިންވަރެވެ. ތިރިއަށް ދެމިފައި އޮންނަ ކާވްގެ މާނައަކީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި، އާންމު ރައްޔިތުން ވެސް އެކަމަށް އެއްބާރުލުން ދީފި ނަމަ، މާ ބޮޑަށް ގޯސްނުވެ، ދަށްކުރެވިދާނެ ކަމެވެ.

ގްރާފްގައި ހިމެނޭ ކުޑަ ކާވް ތަފްސީލް ކޮށްދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެއީ ބަލި ފެނުމާ އެކު އެކަމުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުން ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ކަމަށެވެ. އެގޮތުން އެއް ހަފްތާ ނުވަތަ އެއް މަސް ދުވަހުގެ ތެރޭގައި ބަލި ޖެހޭ މިންވަރު ވަރަށް ބޮޑުތަން ދަށްކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ހާލަތު ގައުމަކަށް ދިމާވެދާނެ ދެ ގޮތް ދައްކުވައިދޭ ގްރާފެއް

ކޮރޯނާވައިރަސްގެ ހާލަތު ގައުމަކަށް ދިމާވެދާނެ ދެ ގޮތް ދައްކުވައިދޭ ގްރާފެއް

"އަޅުގަނޑުމެން ރާއްޖޭގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ސްޓްރެޓެޖީއަކީ ވެސް ގުރާފުގައި މިހިރަ ގޮތަށް ޕީކަށް އެހާ ބޮޑަށް ނައިސް މީގެ ކުޑަ ޕީކެއް ފެންނަ ގޮތަށް ބަލި ފެތުރޭ މިންވަރު ދަށްކޮށްގެން ކުރިއަށް ގެންދިއުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭގެ މެސެޖު

އޭނާ ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަނީ ހަމަ ތިބެފައި ނޫން ކަމަށާއި ހަރުދަނާ ދިރާސާތަކެއް ވެސް ކުރުމަށް ފަހު ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ޕްލޭން

• ބަލި ޖެހޭ މީހުންގެ އަދަދު އަދި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުން

• ބައްޔައް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދެންދެން ބަލި ފެތުރިގެންދާ މިންވަރު މަދުކުރުން

• ސިއްހީ ނިޒާމަށް ނުހިފެހެއްޓޭ ވަރަށް ބަލިމީހުން ގިނަވިޔަ ނުދިނުން

ޑރ. ނަޒްލާ ވިދާޅުވީ އެއްފަހަރާ މާ ގިނަ އަދަދެއްގެ ބަޔަކު ބަލިވާނެ ކަމަށް އެއްވެސް ގައުމެއްގެ ސިއްހީ ނިޒާމު ތައްޔާރުވެފައި ނުހުންނަ ކަމަށެވެ. ކޮވިޑް-19 ގައި ގިނަ މީހުން މަރުވީ ބަލި ޖެހި ހާލަތު ގޯސްވި މީހުންގެ އަދަދު ވެސް އެއްފަހަރާ މައްޗަށް ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސްގެ ހާލަތު ބަދަލުވަނީ ވަރަށް އަވަހަށެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު ބަލީގައި މަރުވާ މީހުން ގިނަވެފައި، ބަލި ޖެހޭ މީހުން އިތުރުވާ ނިސްބަތް ވެސް މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ވަރަށް އަވަސް އަވަހަށް ބަދަލުވެދާނެ އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭގެ މެސެޖު

"ބަދަލުވަމުންދާ ހާލަތުގައި އަޅުގަނޑުމެން އެބަ ބަލަން ކޮން ގައުމުތަކަކުން، ކޮން ފިޔަވަޅުތަކެއްތޯ އަޅަމުން ދަނީ. ކިހާ ހަލުވި މިނެއްގައި ކޮން ފިޔަވަޅުތަކެއް އެޅިގެންތޯ އެ ގައުމުތަކަށް ކާމިޔާބުކަމާ އެކު މިބަލި ކޮންޓްރޯލް ކުރެވިފައި ހުރީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބަލީގެ އަލާމާތްތައް ނުފެނުނު ނަމަވެސް ރާއްޖެއިން ވެސް އަންނަނީ އާންމުންގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލްތައް ނަގައި، ބަލަމުންނެވެ. އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ކޮވިޑް-19 އަށް އަންނަނީ ޓެސްޓް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް ރާއްޖޭގައި އަޅާފައިވަނީ ބަލި ކުއްލިއަކަށް ފެތުރުން އިތުރު ވެދާނެތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ގިނަ މީހުން އެއްވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅަން ޖެހިދާނެ އެވެ.

ކުރިއަށް އޮތް ތަނުގައި އަޅާފާނެ ފިޔަވަޅުތައް

• އާއްމުން އެއްވާ ހުރިހާ އެއްވުމެއް ހުއްޓުވުން

• އެކްޓިވް ސަވައިލަންސް ފެށުން

• ބައެއް ރަށްރަށް ނުވަތަ ސަރަހައްދުތައް ކަރަންޓީނު ކުރުން

• ސިއްހީ ހިދުމަތް ދޭ ވަކި ތަންތަނެއް ކޮވިޑަށް ފަރުވާ ދޭން ކަނޑައެޅުން

• ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުން

• ބަލި ފެތުރޭ އިތުރު ގައުމުތަކުން މީހުން އައުން ހުއްޓާލުން

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި 13 މީހުންނަކީ ވެސް ޓޫރިސްޓުން ނުވަތަ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.