Roadha Mihaaru
ޝީޝާ ބުއިމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވޭ

ޝީޝާ ބުއިމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ

19 މާޗް 2020

ޒުވާނުންގެ ތެރޭގައި އާއްމުވެފައިވާ ޝީޝާގެ ސަބަބުން ކޮވިޑް-19 ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޒުވާނުންގެ ތެރޭގައި އާއްމުވެފައިވާ ޝީޝާގެ ސަބަބުން ކޮވިޑް-19 ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޝީޝާ އާއި ގުޑުގުޑާ ފަދަ ތަކެތި، އެކަކަށްވުރެ ގިނަ މީހުން ބޭނުން ކުރުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވީ ޝީޝާ އަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވާއިރު އެއިން އެކަކު ގައިން އަނެކެއްގެ ގަޔަށް އިންފެކްޝަން އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އިންފެކްޝަންތައް ދާނެ ޓިއުބުތަކަށް، ސާފު ކުރިޔަސް ޓިއުބުތަކުގައި ހުންނާނެ،" އަރޫނާ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރަން ގޮވާލާ އެޗްޕީއޭ އިން ކޮށްފައިވާ އިލްތިމާސް

އަރޫނާ ވިދާޅުވީ މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކޮވިޑް-19 ގައި ހާލު ބޮޑުވެ މަރުވުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ 14 ގުނަ އިތުރު ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު ސައުދީ އަރަބިއްޔާ، އިރާން، ކުވެއިތު، ޕާކިންތާން އަދި ގަތަރުގައި ވެސް ވަނީ ޝީޝާ މަނާކޮށްފަ އެވެ.

މާލެ އާއި އަތޮޅުތެރޭގެ ބައެއް ކެފޭތަކުގައި ޝީޝާ ވިއްކާއިރު އެއީ ގިނަ ބަޔަކު އެއްވެ ކުރަމުން އަންނަ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ އިރު ކޮވިޑް-19 ގައި އެންމެ ނުރައްކަލީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

"މިފަދަ ވައިރަސްތަކުން ސަލާމަތްވުމަށް ސިގިރޭޓް، ގުޑުގުޑާ އަދި ޝީޝާ ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލަމާ،" އެޗްޕީއޭގެ މެސެޖްގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ލަފާ ދެނީ ޝީޝާ ބުއިން ހުއްޓާލުމަށެވެ.

ސިނގިރޭޓަށް ވުރެ ޝީޝާ ރައްކާތެރިކަމަށް ބުނާ ބުނުން ސިއްހީ ދާއިރާއިން ދޮގު ކުރެ އެވެ. ބްރިޓިޝް ހާޓް ފައުންޑޭޝަނުން ބުނީ އެއް ގަޑިއިރުވަންދެން ޝީޝާ ބުއިން 100 ސިނގިރޭޓް ބުއިމާ އެއްވަރު ކަމަށެވެ. ސިނގިރޭޓް ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ކަމަށްވާ ހިތުގެ ބައްޔާއި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ބަލިވެ އިނުމުގައި ދިމާވާ މައްސަލަތައް ވެސް ޝީޝާ ބޯ މީހުންނަށް ދިމާވެ އެވެ.