Roadha Mihaaru
ބައެއް ކެފޭތަކަށް ހީވަނީ "އީދެއް" އައިސްގެން އުޅޭހެން

ބައެއް ކެފޭތަކަށް ހީވަނީ "އީދެއް" އައިސްގެން އުޅޭހެން

04 އޯގަސްޓް 2020

ކޮވިޑްގެ މި ހާލަތުގައި އެންމެ ގިނަ ބައެއްގެ ފޯކަސް ގޮސް ހުއްޓެނީ ކެފޭތަކާއި ރެސްޓޯރަންޓްތަކާ ދިމާއަށެވެ. އެކަމަކު ވަރަށް ގިނަ ކެފޭތަކަށް މިއީ ނިއު ނޯމަލްއެއްހެނެއް ހިޔެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ މީހުން ބޮޑިވެގެން ތިބެ ސައި/ ކޮފީ ބޯން ތިބޭ މަންޒަރެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑްގެ މި ހާލަތުގައި އެންމެ ގިނަ ބައެއްގެ ފޯކަސް ގޮސް ހުއްޓެނީ ކެފޭތަކާއި ރެސްޓޯރަންޓްތަކާ ދިމާއަށެވެ. އެކަމަކު ވަރަށް ގިނަ ކެފޭތަކަށް މިއީ ނިއު ނޯމަލްއެއްހެނެއް ހިޔެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ މީހުން ބޮޑިވެގެން ތިބެ ސައި/ ކޮފީ ބޯން ތިބޭ މަންޒަރެވެ.

"ބައެއް ކެފޭތަކަށް ހީވަނީ އީދެއް އައިސްގެން އުޅޭހެން. ފެންނަ މަންޒަރުތަކުން އެއްގޮތަކަށް ވެސް ހިޔެއް ނުވޭ މާލޭގައި ނުރައްކާތެރި ބައްޔެއް ފެތުރެމުން ދާހެނެއް،" ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

"މިކަހަލަ ހާލަތެއްގައި އެންމެ ބޮޑު އިސްކަމެއް ދޭން މި ޖެހެނީ ގައިދުރުކުރަން. ބައެއް ކެފޭތަކުގައި ސީޓިން ކެޕޭސިޓީ ވެސް ހުރޭ ޖަހައިފައި. އެކަމަކު އާންމުން އެގޮތަކަށް އަމަލެއް ނުކުރޭ. އެހެންވެ، ބައެއް ކެފޭތަކުން ވެސް އެގޮތަށް ތިބެން ދޫކޮށްލާ."

ކާނިވަލުގައި ހުރި ކެފޭ އަކަށް ވަންނަ ބަޔަކު ހުން ބަލަނީ: ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ރައްކާތެރިކަން ދަށް ވެގެން ޝަކުވާ ބޮޑު-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކާނިވަލުގައި ހުރި ކެފޭ އަކަށް ވަންނަ ބަޔަކު ހުން ބަލަނީ: ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ރައްކާތެރިކަން ދަށް ވެގެން ޝަކުވާ ބޮޑު-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ވެސް އެޗްޕީއޭ އިން ވަނީ ވަކި ގައިޑްލައިނެއް ދީފަ އެވެ. "މިހާރު"ގެ ނޫސްވެރިން މިއަދު ބައެއް ކެފޭތަކަށް ވަން އިރު ބައެއް ކެފޭތަކުގައި ބޮނޑިބޮނޑި އަށް މީހުން ތިބިތަން ފެނުނެވެ. މޭޒެއްގައި ދެ މީހުން އިށީންނަން ހުއްދަ ދީފައި ހުރި މޭޒުތަކުގައި ހަތަރު މީހުން، ފަސް މީހުން ތިބި ތަން ވެސް ފެނުނެވެ. ގައިދުރު ކަމަށް އިސްކަން ދީގެން ހިދުމަތް ހޯދަމުން ދިޔަ ތަން ވެސް ފެނުނެވެ. ބައެއް ކެފޭތަކަށް ވަންނަ އިރު ނަން ނޯޓުކޮށްގެންނާއި އައިޑީ ކާޑު ނަންބަރު ނޯޓުކޮށް، ހުން ބަލައިގެން މީހުން ވައްދާ އިރު، ބައެއް ކެފޭތަކުގައި އެއިން އެއްވެސް ކަމެއް ނެތެވެ. ބައެއް ހޮޓާތަކުގައި ސެނިޓައިޒާ އަށް ހުންނަނީ ފެން އަޅައިފަ އެވެ.

ބައެއް ކެފޭތަކުން ބުނަނީ އެޗްޕީއޭގެ ގަވައިދުތަކަށް ކެފޭތަކުން ބޯލެނބިޔަސް، އެތަނަށް ވަދެ އުޅޭ މީހުން އެ ގަވައިދުތަކަށް ކަމޭނުހިތާ ކަމަށެވެ.

"މިތާނގެ ބައެއް ތަންތަނުގައި ސިނގިރޭޓް ބުއިން ވެސް މަނާ. އެކަމަކު ބޯން ތިބެނީ،" ކެފޭއެއްގެ ވެރިޔަކު ބުންޏެވެ. "ގޮނޑިއަކާ ގޮނޑިއެއް ޖައްސައިގެން ވެސް މަނާ. އެކަމަކު ތިބެނީ. ދެން އެ މީހުންނަށް ހިދުމަތް ނުދީ ވެސް ވާކަށް ނެތް."

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި، އަލުން އާންމުންނަށް ހޮޓާ/ރެސްޓޯރެންޓް/ކެފޭތައް ހުޅުވާލުމާއެކު ބަޔަކު ފުޑް ކޯޓުގައި ކޮފީ ބޮނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި، އަލުން އާންމުންނަށް ހޮޓާ/ރެސްޓޯރެންޓް/ކެފޭތައް ހުޅުވާލުމާއެކު ބަޔަކު ފުޑް ކޯޓުގައި ކޮފީ ބޮނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ޝީޝާ ވިއްކުން އެޗްޕީއޭ އިން މި ދުވަސްވަރު މަނާކޮށްފައި ވީ ނަމަވެސް މާލޭގެ ބައެއް ކެފޭތަކުން އެ ހިދުމަތް ވެސް ދެ އެވެ. މާލޭގައި ހިންގާ މަޝްހޫރު ކެފޭއަކުން ޝީޝާ ބުއިމުގެ ހިދުމަތް މިހާރު ވެސް ދޭއިރު ގުރޫޕު ހަދައިގެން ގިނަ ބަޔަކު ގޮސް ޝީޝާ ބޯން ތިބޭތަން ވެސް ފެނެ އެވެ.

ބައެއް ކެފޭތަކުގައި ވެއިޓަރުން ވެސް ތިބެނީ އެންމެ ރައްކާތެރި ގޮތަކަށް ނޫނެވެ. ބައެއް ތަންތަނުގައި ލައިގެން ތިބޭ ޔުނީފޯމް ކޮންމެ ދުވަހަކު ބަދަލެއް ނުކުރެ އެވެ. އެއް އަންގި ލައްވައިގެން އެ ދުވަހު އެއްކޮށް އުޅެ އެވެ. އެއް ބަޔަކު ތެދުވެގެން ދިއުމުން އެ މޭޒާއި ގޮނޑި ޑިސް އިންފެކްޓެއް ނުކުރެ އެވެ.

"ކެފޭތަކުގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ވަރަށް މިހާރު ކަންކަން މިއޮތީ ގޯސްވެފައި. ގަބޫލު ކުރެވެނީ މިކަހަލަ ހާލަތެއްގައި ބައެއް ތަންތަނުން ހިދުމަތް އެ ދެނީ ދޭން ވާ ގޮތަށް ނޫންކަން،" ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅާ ވިދާޅުވި އެވެ.

އެކަމަކު ބައެއް ކެފޭތަކުން ބުނާ ގޮތުގައި އެޗްޕީއޭގެ ގައިޑްލައިން ކިތަންމެ ވަރަކަށް ހިފަހައްޓަން ބޭނުން ވިޔަސް، އެކަން ފޫދުއްވާލަނީ އާންމުންނެވެ. އެހެންވެ އާންމުން އެކަމަށް ސަމާލުވުމަށް ހޮޓާތަކާއި ކެފޭތަކުން ވެސް އެދެ އެވެ.

"މިތާނގައި އަތް ސެނެޓައިޒާ ކުރެވެން ހުންނާނެ. ގޮނޑިތައް ހުންނާނީ ގައިދުރުކޮށް ތިން ފޫޓަށް ވެސް ވުރެ މާ ދުރުގައި. އެކަމަކު އާންމުން އައިސް އެ ތަރުތީބު އޮޅުވާލައިގެން އެ މީހަކު ބޭނުންވާ ގޮތަކަށް ތިބެން ވެއްޖިއްޔާ މިކަމެއް ރަނގަޅެއް ނުވާނެ،" ކެފޭއެއްގެ ވެރިޔަކު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކު ސަރުކާރުން މިވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވުން މިވަނީ ފަސްކޮށްފަ އެވެ. މިހާރު ދެން އޮތް ސުވާލަކީ، ފުޑް އިންޑަސްޓްރީގެ މައްސަލަ ހައްލު ކުރާނީ ކިހިނެއްތޯ އެވެ؟

"ހަގީގަތަކީ މިތަންތަން ހުޅުވައިގެން ވެސް ވާކަށް ނެތް. ނުހުޅުވާ ވެސް ވާކަށް ނެތް،" ކެފޭއެއްގެ އޯނަރަކު ބުންޏެވެ.

ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ޑިސްއިިންފެކްޓް ކުރަނީ -- ފޮޓޯ: މިހާރު

ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ޑިސްއިިންފެކްޓް ކުރަނީ -- ފޮޓޯ: މިހާރު

ލޮކްޑައުނަށް ފަހު، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން އލުން ހުޅުވުމަށް ޓަކައި އެޗްޕީއޭ އިން ދީފައިވާ ގައިޑްލައިނާ ހިލާފުވެގެން ބައެއް ތަންތަން ވަނީ ބަންދު ވެސް ކޮށްފަ އެވެ. އެހެންވެ ބައެއް ތަންތަނުން އެ ގައިޑްލައިން ހިފެހެއްޓޭތޯ މަސައްކަތް ވެސް ކުރެ އެވެ.

"އެތަންތަނަށް ވަންނައިރު ބައެއް މީހުން ތިބެނީ އެޗްޕީއޭ އިން އަންގާ ގޮތަށް. ވަނުމަށް ފަހު ހަމަ ކުރިއެކޭ އެއްގޮތް. ހީވާ ކަހަލަ އެތަންތާ ތެރޭގައި ކޮންމެ ގޮތަކުން އުޅުނަސް ބަލި ނުފެތުރޭނޭ. އެހެންވެ މަ މިހާރު ނުދަން،" ކެފޭ/ރެސްޓޯރެންޓްތަކަށް ނުދާ ސަބަބު ބުނެދެމުން ހުސައިން ހަމީދު، 35، ބުންޏެވެ.

ރާއްޖޭގައި މި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެންމެ ގިނަ ބަޔަކު ކޮންޓެކްޓްވީ އޮފީސްތަކާއި އެހެނިހެން މަސައްކަތުގެ މާހައުލުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހަތަރު ވަނަ އަދި ފަސް ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ކެފޭ/ރެސްޓޯރެންޓްތަކާއި ފިހާރަތަކުންނެވެ. މިދިޔަ މަހު ކެފޭތަކާއި ރެސްޓޯރެންްޓްތަކުން 154 މީހަކު ކޮންޓެކްޓްވި އިރު ފިހާރަތަކުން ކޮންޓެކްޓްވީ 89 މީހެކެވެ.

ކޮވިޑްގެ ބިރުވެރިކަން މިހާރު މި ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. ކުރިއެކޭ އެއްގޮތަށް އާންމުން މަގުތަކުގައި އުޅޭތަން މި ދަނީ ފެންނަމުންނެވެ. މިއީ ހައްލެއް ބޭނުންވާ ކަމެކެވެ.