Roadha Mihaaru
ޒިިޔާދާގެ މައްސަލާގައި ޕީޖީ ޝަމީމް އަމިއްލަ އަށް ކޯޓަށް

ޒިިޔާދާގެ މައްސަލާގައި ޕީޖީ ޝަމީމް ހައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވައިފި

19 މާޗް 2020

ޖިިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަ އަށް އިއްޔެ ވަޑައިގެން ހައި ކޯޓުގައިި އިއްޔެ ވަކާލާތު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަ އަށް އިއްޔެ ވަޑައިގެން ހައި ކޯޓުގައިި އިއްޔެ ވަކާލާތު ކުރައްވައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން 2015 ގައި ގދ. ތިނަދޫގައި ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އޭގެ ތެރެއިން ދެ މައްސަލައެއްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި އިއްޔެ ކުރިއަށް ދިޔައިރު، ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވަނީ އެ އަޑުއެހުމަށް ވަޑައިގެން އެ މައްސަލާގައި ވަކާލާތު ކުރައްވައިފަ އެވެ. މިއީ ޕީޖީގެ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ޝަމީމް ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވި މައްސަލަ އެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި ވަކާލާތު ކުރަން ހައި ކޯޓަށް ވަޑައިގެންނެވީ އެއީ ސީރިއަސް އަދި ބޮޑު މައްސަލައެއް ކަމަށް ވާތީ ކަމަށެވެ.

އެ ދެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ އެއްކޮށް ނިންމާލާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ ބާވަތުގެ މައްސަލަތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރު ކޮށްގެން ކަމަށްވާތީ އެ އަޑުއެހުމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އާންމު އުސޫލުން ޕީޖީ އަމިއްލަފުޅަށް ކޯޓުތަކަށް ވަޑައިގެން ވަކާލާތެއް ނުކުރައްވާނެ އެވެ. އޭގެ ބަދަލުގައި ކޮންމެ މައްސަލައަކަށް ވެސް ފޮނުވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނެވެ. ޕީޖީ އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރެއްވުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

ޒިޔާދާގެ މަރުގެ މައްސަލައަކީ އޭރު މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު މައްސަލަ އެކެވެ.