10 އޮކްޓޯބަރ 2016
ޕީޕީއެމުން ކަންކުރަންވީ ގޮތް ކިޔައިދެއްވުމުގެ ހައިސިއްޔަތެއް އެމްޑީއޭގެ މެމްބަރަކަށް ނޯންނާނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ޕީޕީއެމުން މިއަދު ރައްދު ދީފި އެވެ.
ޕީޕީއެމުން ކަންކުރަންވީ ގޮތް ކިޔައިދެއްވުމުގެ ހައިސިއްޔަތެއް އެމްޑީއޭގެ މެމްބަރަކަށް ނޯންނާނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ޕީޕީއެމުން މިއަދު ރައްދު ދީފި އެވެ.
ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަތުމާ ގުޅޭގޮތުން ޝައިނީ ދެއްކެވި ވާހަކަތަކަށް ރައްދު ދީ، ޕީޕީއެމުން ނެރުނު ބަޔާނުގައި ޝައިނީގެ ނަން ބޭނުންކޮށްފައެއް ނުވެ އެވެ.
އެކަމަކު ޝައިނީ އަށް ނިސްބަތްކޮށް، ބަޔާނުގައި ބުނީ، ޕީޕީއެމުން މަޝްވަރާގައި ބައިވެރިވާނެ މަންދޫބެއްގެ ނަން ފޮނުވަން ޖެހޭނީ ވަކި ގޮތަކަށް ނިންމައިގެން ކަމަށް އެމްޑީއޭ އަށް ނިސްބަތްވާ ބޭފުޅަކު މީޑިއާގައި ވިދާޅުވެ ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށެވެ. ޕީޕީއެމްގެ އެތެރޭގެ ކަންކަމާ ބެހި އެގޮތަަކަށް އެމްޑީއޭގެ މެމްބަރަކަށް ވާހަކަ ނުދެއްކޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
"ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ ބައެއް ނިންމާނީ މި ޕާޓީންނެވެ. އެމްޑީއޭގެ މެމްބަރަކަށް މި ޕާޓީން ކަންކަން ކުރަންވީ ގޮތް، އެންގެވުމުގެ ހައިސިއްޔަތެއް އޮންނާނެ ކަމަކަށް މި ޕާޓީއަކުން ގަބޫލެއް ނުކުރަމެވެ،" ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ބުނިގޮތުގައި މަޝްވަރާގައި އެ ޕާޓީ ތަމްސީލުކުރަން ކަނޑައަޅާފައިވާ ފާރިސް އަކީ އެ ޕާޓީގެ މެމްބަރެއް ނޫން ކަމަށް އެމްޑީއޭގެ މެމްބަރަކު ވިދާޅުވި ނަމަވެސް ފާރިސްގެ މައްސަލައެއް ސުލޫކީ ކޮމެޓީން ބަލައި ފިޔަވަޅު އަޅަން ނިންމި ކަމުގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ޕާޓީގެ އޮފީހަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެހެންވެ އޭނާ އަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށް ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ޝައިނީގެ ވާހަކަތަކަށް ރައްދު މި ދިނީ، މިދިޔަ ހަފުތާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ފާރިސް އަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ބުނަމުންދާ ކަމަށް ވިދާޅުވުމުންނެވެ. ހިޔާލުތަފާތުވާ މައްސަލައެއްގައި ހިމެނޭ ބޭފުޅަކާ އެކު މަޝްވަރާ ކުރިއަށް ގެންދިއުމަކީ އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށް ޝައިނީ ވިދާޅުވެފައި ވަނިކޮށެވެ.
ޝައިނީ ވިދާޅުވީ އެހެން ޕާޓީތަކެކޭ އެއްގޮތަށް ޕީޕީއެމުން ވެސް މަޝްވަރާގައި ބައިވެރިކުރަން ޖެހޭނީ ކައުންސިލުން ރުހުންދޭ މަންދޫބުންތަކެއް ކަމަށެވެ.
ޝައިނީ އަށް ފާޑުވިދާޅުވެ ޕީޕީއެމުން ބަޔާނެއް ނެރުނުއިރު، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އޭނާ ފާޑުވިދާޅުވި މައްސަލާގައި މައުމޫން ފެކްޝަންގެ ހިތްހަމަނުޖެހުން ޝައިނީ އަށް ވަނީ އަމާޒުވެފަ އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އަމާޒުކޮށް ޝައިނީ ވިދާޅުވެފައި ވަނީ "30 އަހަރު ފުދިއްޖެ" ކަމަށާއި ޕީޕީއެމުގެ އާ ލީޑަޝިޕަކަށް ޖާގަ ދޭން ޖެހޭ ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ، މައުމޫންގެ ދަރިކަނބަލުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަޒީރުކަމުން އިސްތިއުފާ ދެއްވީ ފޭލްވުމުން ކަމަށް ވެސް ވިދާޅުވެ ޝައިނީ ވަނީ ފާޑުވިދާޅުވެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ މި މަހު މެދުތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ކައުންސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ހުށަހަޅަން އަންގައި، ހުކުމް ތަންފީޒުކުރާ ބޭފުޅުންތަކެއް މަޝްވަރާގައި ބައިވެރިނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ، ކޮމަންވެލްތުގެ ގޮވައިލުމާ އިދިކޮޅަށް ސަރުކާރުން ކުރިމަތިކުރުވާ ޝަރުތުތަކެއް ކަމަށާއި މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މަޝްވަރާތައް އަލުން ފެށުމަށް ޕާޓީތަކަށް ސަރުކާރުން ދައުވަތު ފޮނުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު
މަޝްވަރާގެ ދައުވަތު ގަބޫލުކުރަން ސަރުކާރުން ގޮވާލައިފި
ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު
ސަރުކާރުން ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފި
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
އދ. އިން ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފި
މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމުން ޖެހިއްޖެ