Roadha Mihaaru
"ވިޔަފާރިތަކަށް ސަރުކާރުން ގަސްދުގައި ގެއްލުން އެބަދޭ"

ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ގަސްދުގައި ސަރުކާރުން ދަނީ ގެއްލުން ދެމުން: އިދިކޮޅު

27 މާޗް 2020

އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އެގޮތަށް ބުނީ ނިއު ޕޯޓް ވިއު ހިންގާ އިމާރާތަށް ސަރުކާރުން ވަދެ، އެ ތަން އިއްޔެ ބަންދު ކޮށްފައި ވަނިކޮށެވެ. ނިއު ޕޯޓް ވިއުގެ ކުލީގެ މައްސަލައިގައި އެ ތަނުގެ އެއްބަސްވުން މިދިޔަ އަހަރު ބާތިލް ކުރުމަށް ފަހު، އިއްޔެ ޕްލޭނިިން މިނިސްޓްރީން ވަނީ އެ ރެސްޓޯރަންޓަށް ވަދެ، އެ ތަން ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިގްތިސާދީ ހާލަތު ދަށްވަމުން ދާއިރު، އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް ފަހަކަށް އައިސް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން، އަމިއްލަ ފަރާތެއްގެ ވިޔަފާރި ހިންގާ އިމާރާތަކަށް ސަރުކާރުން ވަދެ، އެ ތަނުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށާއި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

އެ ކޯލިޝަންގެ ބަޔާނުގައި ވަނީ، ކޯޓުތަކުން މުޅިން ނުނިމި ހުރި މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަދެ، އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން ގޮވައިލާ ކަމަށެވެ. އަދި ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މަސްލަހަތު އޮންނަ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަކީ ސޯޝަލް މީޑިއާގައި ސަރުކާރަށް ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔަމުންދާ ފަރާތެއް ކަމަށާއި ކަންކަން ރަނގަޅު ކުރަން އޭނާ ސަރުކާރަށް ނަސޭހަތްތެރިވަމުން ގޮސްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޑިމޮކްރަސީއެއްގައި ސަރުކާރަށް ފާޑުކިޔަމުން ދިޔަޔަސް، އެކަންކަން ސަރުކާރަށް ހަޖަމު ނުވެ މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ ޑިމޮކްރަސީ ނެތިކޮށްލަން ހިންގާ އަމަލުތަކެއް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް، ފާޑުކިޔުން އަންނާނެ ކަން އެނގި ތިބެ އެކަންކަން ބަލައިގަތުމަށް ގޮވައިލި އެވެ.

ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ، ކޯޓުތަކުން މުޅިން ނުނިމި ހުރި މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަދެ، އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން ގޮވައިލާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެ ބިން ސްޓްރާޑާ ކުންފުންޏަށް ދޫކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓް ފޯމެއް ހެދުމަށާއި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. އެކަމަކު އެތަނުގެ ކުލި ނުދެއްކުމުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އަންގައިފަ އެވެ. އަދި ސިވިލް ކޯޓުން މިދިޔަ އަހަރު ވަނީ އެ ތަނުގެ ކުއްޔަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި ބިން ހަވާލުކުރަން ސްޓްރާޑާގެ މައްޗަށް އަމުރުކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.