Roadha Mihaaru
އިންޑިއާއާ ގުޅިގެން ކުރިއެރުމެއް ނެތް: އަބްދުއްރަހީމް

އިންޑިއާއާ ގުޅިގެން ލިބުނު ކުރިއެރުމެއް ނެތް: އަބްދުއްރަހީމް

04 ސެޕްޓެމްބަރ 2021

މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާއާ ގުޅިގެން ކަމަށާއި އޭގެ ފަހުން ލިބުނު ކުރިއެރުމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާއާ ގުޅިގެން ކަމަށާއި އޭގެ ފަހުން ލިބުނު ކުރިއެރުމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "އައްޑަނަ" ގެ ނަމުގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުން މަސައްކަތް ފަށަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އިންޑިއާ މީހުން ގެންނަނީ ރާއްޖެ އަޅުވެތިކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ދެކޮޅަށް މަސައްކަތް ނުކޮށްފި ނަމަ، ފަލަސްތީނު ރައްޔިތުން އުޅެމުންދާ ހާލަތަށް ރާއްޖެ ވެއްޓިގެންދާނެ ކަމަށެވެ.

"މިއަދު ބްރިޖް އެޅުމުގެ ނަމުގައި މަގު ހެދުމުގައި ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން ގޯތި ގެދޮރުން ނެރެ، ބޭރު ކުރާނެ މީހުން. އެ މީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަކި ގައުމެއް ތަފާތުކުރުމެއް ނެތި ރާއްޖެއަށް ފައިދާ ހުރިގޮތުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ސިޔާސީ ބައެއް ބޭފުޅުން ނުކުމެ، ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރީގެ ސަރުކާރު ނިމުމަކަށް ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ޒިންމާ މި ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ޕާޓީތަކުގެ ލީޑަރުން އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާ ހިސާބަށް މި ގައުމުގެ ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެމްޑީޕީއަކުން ނޫން. މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ މިއަދު ވެރިކަން ހިންގާ ކޯލިޝަންގެ ކޮންމެ ބައިވެރިއަކު ވެސް. ކޮންމެ ލީޑަރަކު ވެސް. އެންމެން ނަންގަވަން ޖެހޭނީ އެއްވަރަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން މި ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން މި ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އަބްދުއްރަހީމް ވިދާޅުވީ ގައުމުތައް އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރާ ނަމަ އެހެން ގައުމުތަކުން އެ ގައުމެއް އަޅުވެތި ކުރަން މަސައްކަތްކުރާނެ ކަމަށެވެ. އިރާގާއި ލީބިއާ އާއި މިސްރުގައި ކަންކަން ހިނގީ އެފަދަ ގޮތަކަށް ކަމަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް މިހާރު ކަންކަން ހިނގަނީ އެގޮތަށް ކަމަށާއި އިންޑިއާއާ ގުޅިގެން މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސަލާމަތާބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ރާއްޖެއަށް ބޭނުންނުވާ ކަމަށެވެ. އަދި އިންޑިއާއާ ދެމެދު ހަދާފައިވާ ސިއްރު އެގްރިމެންޓްތައް އުވާލައި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އޭނާ ގޮވާލެއްވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ހީނަރުވެ، އިންޑިއާގެ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް އުފެއްދި އެވެ. ޗައިނާއިން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުން އެއީ ދަރަނީގެ މަޅިއެއް ކަމަށް މިހާރު ސަރުކާރު ހިންގާ އެމްޑީޕީން ބުނި ނަމަވެސް ޕީޕީއެމް/ޕީއެންސީން އެގޮތަކަށް ނުދެކެ އެވެ. ޔާމީންގެ ވެރިކަން ވެއްޓި އެމްޑީޕީގެ ސަރުކާރު އައުމާ އެކު އިންޑިއާއާ ގުޅުން ބަދަހިވެ އެ ގައުމުން ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ވަނީ ހިންގަން ފަށައިފަ އެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީން ދެކޭ ގޮތުގައި އިންޑިއާ އިން މަޝްރޫއުތަކުގެ ނަމުގައި އުޅެނީ ރާއްޖޭގެ ކޮންޓްރޯލް ހޯދައި އަޅުވެތިކުރާށެވެ.