Roadha Mihaaru
ދެ މީހުން ފުރުވާލެވުމަކީ ލިބުނު ފިލާވަޅެއް: މައިމޫނާ

ކޮވިޑް-19: ޕޮޒިޓިވްވި، އިޓަލީގެ ދެ ޓޫރިސްޓުން ފުރުވައިލެވުމަކީ ލިބުނު ފިލާވަޅެއް: މައިމޫނާ

27 މާޗް 2020

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ޓޫރިސްޓުން މިއަދު ފުރުވައިލުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެއީ ބަދަލެއް ގެންނަ ނަމަ ދަސްވި އާ ކަމެއް ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ޓޫރިސްޓުން މިއަދު ފުރުވައިލުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެއީ ބަދަލެއް ގެންނަ ނަމަ ދަސްވި އާ ކަމެއް ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގެ ފަޅުތެރޭގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކަރަންޓީނު ކުރި އިޓަލީގެ ޓޫރިސްޓުންގެ ބަޔަކު މިއަދު ފުރުވައިލި އިރު އޭގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް އޮތީ ނަގައިފަ އެެވެ. އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު އިރު އެ މީހުން ތިބި މަތިންދާ ބޯޓް ރަޝިއާ އަށް ދަތުރުކުރަނީ އެވެ. އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެ ނިންމުމާ މެދު އެތައް ބަޔަކު ދަނީ ފާޑުކިޔައި، އެ ކަން އެގޮތަށް ކުރި ކުރުމާ މެދު ސުވާލު އުފައްދަމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، މައިމޫނާ ވިދާޅުވީ މިއަދު ފުރައިގެން ދިޔަ ދެ ޓޫރިސްޓުންގެ ސާމްޕަލް ނެގީ ޓެސްޓް ކުރުމުގެ އުސޫލަށް ބަދަލެއް ގެންނަން ޖެހޭތޯ ބަލަން ކަމަށާއި އެއީ ޕްރޮޓޮކޯލްގައި އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތަށް ސާމްޕަލް ނެގީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ކަމަށް މައިމޫނާ ވިދާޅުވި އެވެ. އަދި ޓްރެވެލް ހިސްޓްރީ ނެތް ދިވެހިންގެ ފަރާތުން ވެސް އެ ގޮތަށް ސާމްޕަލް ނަގާ ކަމަށް ވިދާޅުވި އެވެެ.

އެ ދެ މީހުންގެ ސާމްޕަލް ނެގީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަމަކަށް ވާތީ ނޫންކަމަށް ވިޔަސް، ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވައިލެވުން އެއީ ގޯސްކޮށްވީ ކަމެއް ކަމަށް ގަބޫލުކުރައްވަންތޯ "މިހާރު"ން ސުވާލު ކުރުމުން މައިނޫމާ ވިދާޅުވީ އެއީ ރަނގަޅަކަށްވީ ކަމެއް ކަަމަށެވެ.

"އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ކަންކަން ނިންމުމުގައި ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ މައިމޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓީނުގައި 14 ދުވަސް ހޭދަކޮށް ފުރި އިޓަލީގެ ދެ ޓޫރިސްޓުގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެއާލައިނާއި އެ ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ޑެސްޓިނޭޝަނަށް އެކަން ވާނީ އަންގައިފަ އެވެ.

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުން ދަތުރުކުރި ރަޝިޔާގެ އެއަރޯފްލޮޓުގެ މަތިންދާ ބޯޓު މޮސްކޯގައި ކަރަންޓީންކޮށްފައިވާކަން "މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފަ އެވެ.

"އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މައިމޫނާ

އައިލެންޑް ސަފާރީ އަކީ ރާއްޖެ އައިސް ފުވައްމުލަކުގައި ބަދަރުކޮށްފައިވަނިކޮށް، އެ ސަފާރީން ބަޔަށް ޝައްކު ކުރެވި ޓެސްޓު ކުރުމަަށް ފަހު ޕޮޒިޓިވް ވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި ސަފާރީއެކެވެ. އެ ސަފާރީ މާލެ ސަރަހައްދުން ވިލިވަރު ކައިރީ ބަނދަރު ކުރުމަށް ފަހު އޭގައި ތިބި 16 ދިވެހި މުވައްޒަފުންނާއި 16 ޓޫރިސްޓުން ކަރަންޓީނުކޮށްފައި ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގަ އެވެ.

އައިލެންޑް ސަފާރީން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މި މަހުގެ 20 ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ބަދަލުކޮށްފަ އެވެ.

އިޓަލީގެ ދެ ޓޫރިސްޓުން ޕޮޒިޓިވްވުމާ އެކު ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށްް އަރައިފަ އެވެ. އެކަމަކު އެ ދެ މީހުންނަކީ ރާއްޖޭގެ ކޭސްތަކެއްގެ ގޮތުގައި ބެލުމާ މެދު އަދި ގޮތެއް ނުނިމެ އެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 579,894 އެވެ. އޭގެ ތެރެއިން 26,518 ވަނީ މަރުވެފަ އެވެ.