Roadha Mihaaru
އިޓަލީން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި

ކޮވިޑް-19: އިޓަލީން އައި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި

11 މާޗް 2020

ކޮވިޑް-19 ބާރަށް ފެތުރޭ ގައުމެއް ކަމަށްވާ އިޓަލީގެ ވެރިރަށް ރޯމުން މިއަދު ހެނދުނު އެނބުރި އައި ދެ ދިވެއްސަކު ކަަރަންޓީން ކުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ބާރަށް ފެތުރޭ ގައުމެއް ކަމަށްވާ އިޓަލީގެ ވެރިރަށް ރޯމުން މިއަދު ހެނދުނު އެނބުރި އައި ދެ ދިވެއްސަކު ކަަރަންޓީން ކުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އެ ދެ މީހުން ކަަރަންޓީން ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ. އެ ދެ މީހުން ކަރަންޓީނު ކުރަނީ ކޮން ރަށެއްގައި ކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ.

ޗައިނާ އަށް ފަހު، މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރޭ ގައުމު ކަމަށް ވާ އިޓަލީން ރާއްޖެ އަށް މީހުން އައުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، މި ވަގުތު މީހުން ކަރަންޓީނު ކުރަނީ ކ. ވިލިވަރާއި ކ. ފަރުކޮޅުފުށީގަ އެވެ.

ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ފެތުރެމުން ދާތީ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ އައުމަށް އެހީތެރިވެދޭނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސަައްކަތްތަކުގެ ތަފްސީލް ދޭން ދަރުބާރުގޭގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ބަލި ފެތުރޭތީ ރާއްޖެ އަށް ދަތުރުކުރުން މި ވަގުތަށް ހުއްޓާލާފައިވާ ގައުމުތަކުގައި ތިބި ދިވެހިން އެނބުރި އައުމަށް ފޮރިން މިނިސްޓްރީން އެހީވާނެ ކަމަށެވެ. ނަމަވެސް ރާއްޖެ އަށް އެ ގައުމަކުން ދަތުރުކުރުން މަނާކޮށްފައިވާ ގައުމަކުން އެނބުރި އަންނަ މީހެއް ނަމަ ކަރަންޓީނުވެގެން 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރު ކުރުމުގެ އެއްވެސް ކަމަކާ މެދު ކަމެއް އޮޅުން ފިލުވަން އެދޭ ފަރާތެއް ނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން: 7983400 އަށް ގުޅަން އެ މިނިސްޓްރީން އެދެ އެވެ.

އިޓަލީން މިއަދު އައި ދެމީހުން ކަރަންޓީނު ކުރަނީ އެ އުސޫލުންނެވެ.

ޒަރޫރީ ބޭނުމަކަށް ދަތުރެއް ކުރާ ނަމަ ވެސް އެ ދަތުރާ ބެހޭ މައުލޫމާތު ފޮރިން މިނިސްޓްރީ އަށް ދޭން އެ މިނިސްޓްރީން އެދޭ ކަމަށް ވެސް މަބްރޫކް ރޭ ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ނަމަ ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެ އިން ބޭރުގައި މިހާރު ތިބި ދިވެހިންގެ މައުލޫމާތު ދޭނީ އެ ބަޔަކު ތިބި ތަނަކާ އެންމެ ކައިރީގައިވާ އެމްބަސީއަކަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ ހަ ބިދޭސީއަކަށެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހަތަރު މީހަކާއި ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހެކެވެ.

ކޮވިޑް-19: ރާއްޖޭގެ ތަފާސްހިސާބު

ޓެސްޓް ކުރި ސާމްޕަލްގެ އަދަދު: 73

ނެގެޓިވް: 67

ޕޮޒިޓިވް:6