ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ކުއްލިއަކަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރަން ސަރުކާރުން ނިންމުމާ އެކު ރައްޔިތުންގެ ތެރޭގައި އުފެދުނު ކަންބޮޑުވުންތައް ކުޑަކުރުމަށް ރައީސް އަބްދުﷲ ޔާމީން ސީދާ ބަސްފުޅެއް ވިދާޅުނުވެ، "ހިމޭނުން" ހުންނަވާތީ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔައިފި އެވެ.
11 އޮކްޓޯބަރ 2016
ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ކުއްލިއަކަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރަން ސަރުކާރުން ނިންމުމާ އެކު ރައްޔިތުންގެ ތެރޭގައި އުފެދުނު ކަންބޮޑުވުންތައް ކުޑަކުރުމަށް ރައީސް އަބްދުﷲ ޔާމީން ސީދާ ބަސްފުޅެއް ވިދާޅުނުވެ، "ހިމޭނުން" ހުންނަވާތީ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔައިފި އެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ނުދައްކަވާތާ ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޔާމީން ރޭ ފުވައްމުލަކުގައި ވާހަކަފުޅު ދެއްކެވިއިރު، ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ކޮންމެވެސް އެއްޗެއް ވިދާޅުވާނެ ކަމަށެވެ. އެކަމަކު ބައިގަޑި އިރަށް ވުރެ ދިގުކޮށް ވާހަކަފުޅު ދެއްކެވިއިރު ވެސް، އެ މައްސަލާގައި ސީދާ ބަސްފުޅެއް ވިދާޅެއް ނުވެ އެވެ.
ފުވައްމުލަކު ނަރުދަމާ ރަސްމީކޮށް އިފުތިތާހުކޮށްދެއްވަން ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން އެއް ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވިއިރު އަނެއް ބަޔަކު ދިޔައީ ކާޑުގެ އަގުބޮޑުކުރި މައްސަލާގައި މުޒާހަރާކުރަމުންނެވެ.
ކާޑުގެ އަގުބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ގެންދަވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، ރައީސް ވާހަކަފުޅު ދައްކަވަން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާއިރު ރައީސަކަށް ހުންނަވާ ބޭފުޅަކު އަބަދުވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"[ކާޑުގެ ނިންމުން] ނިންމި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ. ރައްޔިތުންނަށް ދަތިވާ، ރައްޔިތުން ހިތްހަމަނުޖެހޭ ފިޔަވަޅެއް އެޅުއްވީ ކީއްވެގެންކަން ވިދާޅުވުމަކީ ޒިންމާއެއް. ރައްޔިތުންގެ ވެރިކަމެއް ކުރުމަކީ އެއީ. ވެރިންނަކީ ރައްޔިތުން،" ރިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކުން ވެސް ރައްޔިތުންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނު ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ވާހަކަ އަމާޒުކުރެއްވީ އެހެން ހުރިހާ ފަހަރެކޭ ވެސް އެއްގޮތަށް "ޑިފެންސަށް ކުޅުއްވަން" ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯފާވެ ހަލާކުވެ ހުންނަވައި ސްޕީޗު ދެއްވީ، ރައްޔިތަކަށް އެއްވެސް ހިތްހަމަޖެހުމެއް، އުއްމީދެއް ނުދެއްވާ. ކާޑުގެ އަގު ބޮޑުކޮށް ބަނޑަށް ޖެހުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ތިބި މީހުންނަށް އިޝާރާތްކުރައްވައި ވިދާޅުވީ އެކަމަށް މަރުހަބާ ކިޔަމޭ. އެހެން ވިދާޅުވިއިރު ވެސް ކޯފާއިސްކުރައްވާފައި ހުންނެވީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ ވެރިކަމުގެ އެތައް ދައުރަކަށް ފަހު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ކާޑުގެ ބާވަތްތައް އިންތިހާ އަށް މައްޗަށް ޖެއްސި ސަބަބާ ގުޅޭ ގޮތުން ރައްޔިތުންނާ ރައީސް ވާހަކަފުޅު ދައްކަވަން ޖެހޭނެ ކަމަށެވެ.
ކާޑުގެ އަގު ބޮޑުކުރުމުން ހިތްހަމަނުޖެހުން ފާޅުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ މުޒާހަރާކޮށްފަ އެެވެ. ސަރުކާރުގެ އެ ނިންމުމާ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ކާޑުގެ އަގަށް ބަދަލު އައުމުން އެހެން އެއްޗެހީގެ އަގުތައް މައްޗަށް ޖެހި ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ރޭ ވެސް ތަކުރާރުކުރެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވާހަކަ އެވެ. އެކަމުގައި އެމަނިކުފާނަށް ކުރާ ތުހުމަތުތައް ދިފާއުކުރައްވައި، މާފަށް އެދިވަޑައިގަތެވެ. ދެން ވާހަކަ އަމާޒުކުރެއްވީ ވައުދުވެވަޑައިގެންނެވި ތަރައްގީ ހޯދައިދެއްވަން އިތުރު ދައުރެއް ބޭނުންފުޅުވާ ވާހަކަ އަށެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ސަރުކާރުގެ ނިންމެވުންތަކާ ދެކޮޅު ހައްދަވާ ވާހަކަ އެވެ.
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން، ކާޑުގެ އަގުބޮޑު ކުރި މައްސަލާގައި އެމްޑިޕީގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ .-- ފޮޓޯ. މިހާރު
ކާޑުގެ އަގުބޮޑުކުރި މައްސަލާގައި ރައްޔިތުންނަށް، ރައީސް ޔާމީން ސީދާ އެއްޗެއް ވިދާޅުވާން ޖެހޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރިއަސް ސަރުކާރުން އެ ވިސްނުމާ ދެކޮޅެވެ.
ރައީސް އޮފީހުގެ އިސް ވެރިއަކު އާދީއްތަ ދުވަހު ވިދާޅުވީ ސަރުކާރުގެ ކޮންމެ ނިންމުމަކާ ރައީސް ސީދާ ބަސް ވިދާޅުވާން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެކަމެއް ކުރިއަށް ގެންދާނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ސަރުކާރުގެ ބައެއް ވެރިން ވަނީ ކާޑުގެ މައްސަލާގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ.
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
އެއްވުމަށް ނުކުތް ޖޭޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ
"ގައުމީ ޓީމް" ހޮވި، ރައީސްގެ ސިޔާސީ ހަޔާތް ނިމޭނެ
ފުވައްމުލަކު 1 ބިލިއަންގެ މަޝްރޫއު ނުއެއް ފެނޭ: ޝާހު
މޮޅުވާނީ ވޯޓު އޮޅުވާނުލައި، ނަތީޖާ ސާފު: ޝަހީމް
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
ކޯލިޝަން ސަރުކާރަކަށް ފުރުސަތު ދީފިނަމަ ގައުމު ހުއްޓޭނެ
ފައިސަލް ޅ. އަތޮޅުގައި، ޝަހީމް ފުވައްމުލަކަށް
ރައީސް ޔާމީން ސިޔާސީ ގޮތުން ވިސްނުން ތޫނު: މަސީހް
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ