Roadha Mihaaru
އެމްއެމްސީން ނޫސްތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

އެމްއެމްސީން ނޫސްތަކުގެ ކޮންޓެންޓަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު!

29 މާޗް 2020

ކޮވިޑް-19 އާ ގުޅޭ ގޮތުން ނޫސްތަކުގައި (އޮންލައިން މީޑިއާތައް ވެސް ހިމެނޭ ގޮތަށް) ޝާއިއުކުރާ ހަބަރުތައް ގޯސް ކަމަށް ބުނެ ރަނގަޅުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގާ އެންގުންތަކަކީ ނުފޫޒު ފޯރުވުން ކަމަށް ބައެއް މީޑިއާތަކުން ތުހުމަތުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އާ ގުޅޭ ގޮތުން ނޫސްތަކުގައި (އޮންލައިން މީޑިއާތައް ވެސް ހިމެނޭ ގޮތަށް) ޝާއިއުކުރާ ހަބަރުތައް ގޯސް ކަމަށް ބުނެ ރަނގަޅުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގާ އެންގުންތަކަކީ ނުފޫޒު ފޯރުވުން ކަމަށް ބައެއް މީޑިއާތަކުން ތުހުމަތުކޮށްފި އެވެ.

އެމްއެމްސީން ގެންދަނީ ބައެއް ހަބަރުތައް ނަގާށާއި ބައެއް ހަބަރުތައް "އިސްލާހުކުރަން" އަންގަމުންނެވެ. އަދި ސުރުޚީތައް "ކަމުނުދާ" ކަމަށް ބުނެ، އެ ބަދަލުކުރަން ވެސް އަންގަ އެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ނޫހެއްގެ ކޮންޓެންޓާ ގުޅުން ހުރި އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ކަންކުރަން އެމްއެމްސީއަށް ނޭންގޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ ކުރަނީ ނޫސްތަކުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެމްއެމްސީގެ ކޮވިޑް-19 ގެ މީޑިއާ ވިލަރެސްކުރާ ކޮމެޓީން ވަނީ "ދިޔަރެސް"ގެ ދެ ހަބަރެއް ނަގަން ރޭ އަންގައިފަ އެވެ. އަދި ވީނިއުސްގެ ހަބަރެއް "އިސްލާހުކުރަން" ވެސް މީގެ ކުރިން އަންގާފައިވެ އެވެ.

ދިޔަރެސް ނޫހުގެ ވެބްސައިޓުން ނަގަން އެންގި އެއް ހަބަރަކީ، ކޮވިޑް-19އާ ގުޅޭ މައުލޫމާތު ފޯރުކޮށްދެއްވަން ކޮންމެ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ދޮގުހެއްދެވި ކަމަށް ބުނާ ހަބަރެކެވެ. އެ ހަބަރު ބިނާކޮށްފައިވަނީ އައިލެންޑް ސަފާރީ-1 ގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރުވާލި ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ދެ މީހަން ފުރުވާލި ގޮތާ މެދުގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ހަބަރު ނަގަން އެންގީ މަބްރޫކުގެ ބަހެއް އޭގައި ނެތުމުން ކަމަށް އެމްއެމްސީން ގުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ. ނަމަވެސް އެ ހަބަރުގެ ތެރޭގައި، މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މަބްރޫކް ދެއްކެވި ވާހަކަތައް ހުރުމުން، އަލުން އޭނާއަށް ގުޅައިގެން ކޮމެންޓް ހޯދަން ނުޖެހޭނެ ކަމަށް، ދިޔަރެސްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެމްއެމްސީން ނަގަން ދެން އެންގީ އެ ދެ ޓޫރިސްޓުންގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ ލިއުނު ހަބަރެވެ.

އެކަމަކު އެ ދެ ހަބަރު ވެސް ދިޔަރެސް އިން ނަގާފައެއް ނުވެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު އެމްއެމްސީން ވަނީ ނޫސްތަކުގެ ކޮންޓެންޓްސްއަށް ސަމާލުވުމަށާއި "ދޮގު" ހަބަރު ނުފެތުރުމަށް އަންގައިފަ އެވެ.

މި މައްސަލާގައި އެމްއެމްސީގެ ބަހެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އިސް ބައެއް ބޭފުޅުންނަށް މެސެޖްކުރުމުން ވެސް ޖަވާބެއް އަދި ނުލިބެ އެވެ.

އެމްއެމްސީއަކީ ޕްރިންޓް މީޑިއާ އާއި އޮންލައިން މީޑިއާތަކުގެ ކޮންޓެންޓްސްތަކާ ބެހެން ހަދާފައިވާ ކައުންސިލެއް ނޫނެވެ. އެކަމަކު އެއްވެސް ކޮންޓެންޓަކާ ގުޅޭ ގޮތުން މީހަކު މައްސަލައެއް ހުށައަޅައިފި ނަމަ އެކަން ތަހުގީގުކުރުމުގެ ބާރު ލިބިފައިވެ އެވެ. އޭގެ މާނައަކީ، ބައެއް ނޫސްވެރިން ބުނި ގޮތުގައި، މީޑިއާތަކުގައި ދުވަހުން ދުވަހަށް ޖަހާ ކޮންޓެންޓްސްގައި ހުރި "ކުށްތައް" ބަލައި، އެކަން "ރަނގަޅުކުރަން" އެންގުމެއް ނޫނެވެ.

މީޑިއާއެއްގެ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ، ނޫހެއްގައި ޖަހާ ހަބަރެއް، އެއާ ބެހޭ ގޮތުން އެއްވެސް ތަހުގީގެއް ނުނިންމާ، ނަގަން އެމްއެމްސީން އެންގުމަކީ މައްސަލައެއް ކަމަށެވެ.

"ކަންބޮޑުވުންތައް ހުންނާނެ. އެކަމަކު އަޅުގަނޑުމެން ވެސް ހުރިހާ ކަމަކަށް ބަލާފައި، ވީހާ ވެސް އަވަހަކަށް ހަބަރު ޕަބްލިޝް ކުރަން ބޭނުންވާނީ. މީޑިއާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ހިތްހަމައެއް ނުޖެހޭ ލިޔުމެއް ނަގަން އަންގާކަށް،" އޭނާ ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ، އާއްމު ސިއްހަތުގެ ގާނޫނުގައި ވެސް، އެފަދަ ދަނޑިވަޅެއްގައި މީޑިއާއާ ބެހޭ ވަކި ހާއްސަ ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.

އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލަށް މަތިކޮށްފައި އޮތް އެއް ކަމަކީ މީޑިއާގައި ޝާއިއުކުރާ އެއްޗަކާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފާހަގަކުރެވޭ ނުކުތާތައް އާއްމުކޮށް އިއުލާންކުރުމެވެ. ހަބަރެއް ނަގަން ނުވަތަ އިސްލާހުކުރަން އަންގަން ޖެހޭނީ، އެ ކައުންސިލަށް ހުށަހަޅާ މައްސަލައެއް ބަލާ ނިންމައި، އެއީ އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ފަދަ އެއްޗެއް ނަމަ އެވެ.