Roadha Mihaaru
އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮވާނެ

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮވާނެ

29 މާޗް 2020

އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ އަލުއްވާއި ފިޔާ އަދި ބިހުގެ އަގު ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ އަލުއްވާއި ފިޔާ އަދި ބިހުގެ އަގު ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އަގަށް ބަދަލެއް ނައި ނަމަވެސް ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯ އިން މި ބާވަތްތައް ވިއްކާނީ ލިމިޓްކޮށްގެން ކަމަށެވެ. އެގޮތުން އައިޑީ ކާޑަކަށް ކިލޯއެއްގެ އަލުއްވާއި ފިޔާ އަދި ބިސް ޓްރޭއެއް ވިއްކާ ގޮތަށް ލިމިޓް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ބާވަތްތަކުގެ އަގު ބާޒާރުގައި މިދިޔަ ހަފުތާގައި ވަނީ އުފުލިފަ އެވެ. އެގޮތުން 12ރ. އަށް ލިބޭ ފިޔާ އަދި އަލުވި ކިލޯއެއް ބާޒާރުގައި މިހާރު ލިބެން ހުރީ 25ރ. އަށެވެ. ނަމަވެސް އެސްޓީއޯ އިން އަދިވެސް މި ދެ ބާވަތް ވިއްކަމުން އަންނަނީ 12ރ. އަށް ކިލޯ އެކެވެ.

ބާޒާރުގައި ބިހުގެ އަގު 2.50ރ އަށް. އެރި ނަމަވެސް މިހާރު އަގު ވަނީ 1.50ރ. އަށް ވެއްޓިފަ އެވެ. ބާޒާރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަގުތަކަށް ބަދަލު އަންނާނެ ކަަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ. މި ބަދަލުތައް އައި ނަމަވެސް އެސްޓީއޯ އިން ކާބޯތަކެތި ވިއްކާ އަގަކަށް ބަދަލު ނާންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އެސްޓީއޯ އިން ކާބޯތަކެތި ހުސްނުވެ ލިބެން ހުންނާނެ އެވެ. ނަމަވެސް ލިމިޓު ކުރަން ޖެހުނީ އެސްޓީއޯއިން އަގުހެޔޮކޮށް ގަނެގެން ބާޒާރުގައި އަގު ބޮޑުކޮށް ތަކެތި ވިއްކަމުން އަންނަކަން ފާހަގަކުރެވޭތީ ކަމަށެވެ.