Roadha Mihaaru
އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮކޮށްފި

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވީގެ އާ ސްޓޮކެއް ގެނެސް އަގުހެޔޮކޮށް ވިއްކަނީ

09 އެޕްރީލް 2020

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވީގެ އާ ސްޓޮކެއް ގެނެސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވީގެ އާ ސްޓޮކެއް ގެނެސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓިއޯ އިން މިތަކެތި ވިއްކަނީ އެހެން ތަންތަނުން ވިއްކާ ވަރަށް ވުރެ އަގު ހެޔޮކޮށެވެެ.

ފިޔާ ކިލޯއެއް 15ރ. އަށް، އަލުވި ކިލޯއެއް 12ރ. އަށް އަދި ބިހެއް 1.50ރ. ގެ ރޭޓުން އެސްޓީއޯ އިން ލިބޭނެ އެވެ. އެއީ ފިޔާ ބަސްތާއެއް 325ރ. އަށާއި އަލުވި ބަސްތާއެއް 250ރ. އަށް އަދި ބިސް ކޭހެއް 290ރ. ގެ ރޭޓުންނެވެ.

ރީޓެއިލްކޮށް މިތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯގެ ސުޕަމާޓުން މިހާރު ލިބެން ހުންނާނެ އެވެ. އަދި ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންނަށް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ލިބެން ހުންނާނެ އެވެ. މި ގުދަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 3:15 އަށެވެ. ނަމާދު ވަގުތުގައި މި ގުދަން ބަންދުވާނެ އެވެ.

އެސްޓީއޯއިން ކުރި ޓްވީޓެއް--

އެސްޓީއޯ އިން ބުނީ ސުޕްމާޓުން ފިޔާ އާއި އަލުވި ވިއްކާނީ މީހަކަށް ބަސްތާއެއް ކަމަށެވެ. ބިސް ވެސް ވިއްކާނީ މީހަކަށް ކޭހެކެވެ. އެއަށްވުރެ ގިނައިން ގަންނަ ދާއިމީ ކަސްޓަމަރުންނަށް ގުދަނުން މިތަކެތި ދޫކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ހެދި ދުނިޔޭގެ ވިޔަފާރި އަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ރާއްޖޭން ވެސް ބައެއް ބާވަތްތައް ލިބުން ވަނީ ދަތިވެފަ އެވެ. އެހެންވެ ބާޒާރުގައި މިތަކެތީގެ އަގު އުފުލެން ފެށުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ އަގުތައް ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ފިޔާ އަދި އަލުވި ކިލޯއެއް އެންމެ އަގު ބޮޑުކޮށް ވެސް ވިއްކޭނީ 20ރ. އަށެވެ. އަދި ބިހެއް 1.80ރ. އަށްވުރެ ބޮޑު ނުކުރަން ވެސް ސަރުކާރުން ވަނީ އަންގައިފަ އެވެ. މި ނިންމުމާ ހިލާފުވާ ވިޔަފާރިތައް 100،000ރ. އިން ޖުރިމަނާ ކުރާނެ އެވެ.