Roadha Mihaaru
ޔޫކޭއިން އައި ދިވެއްސަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: އިނގިރޭސި ވިލާތުން އައި ދިވެއްސަކު އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ

31 މާޗް 2020

އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، މި ފަހަރު ވެސް ޕޮޒިޓިވްވީ ކަރަންޓީން ފެސިލިޓީ ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި ދިވެއްސަކު ކަމަށެވެ. އެ ކަރަންޓީން ފެސިލިޓީގައި ހުރި އެހެން ދިވެއްސަކު ވެސް މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި އެވެ. އެއީ ވެސް އިނގިރޭސި ވިލާތުން އައި މީހެކެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެންމެ ފުރަތަމަ ފެނުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ރާއްޖެ އިން މިހާތަނަށް ތިން ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ އެންމެންނަކީ ވެސް އިނގިރޭސި ވިލާތުން އައި މީހުންނެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު 1،200 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އެހެންކަމުން އިނގިރޭސި ވިލާތް ހިމެނެނީ އެންމެ ބާރަށް މި ވައިރަހާއި ކޮވިޑް-19 ފެތުރެމުން ދާ ގައުމުތަކުގެ ތެރޭގަ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 13 ޓޫރިސްޓަކު/ބިދޭސީން ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފެއް އަދި 11 ޓޫރިސްޓުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރެއިން އިޓަލީގެ ދެ ޓޫރިސްޓެއްގެ ނަތީޖާ ލިބުނީ އެ ދެ މީހުން މިދިޔަ ހުކުރު ދުވަހު މެންދުރު ފުރި ފަހުންނެވެ. އައިލެންޑް ސަފާރީ 1 ގައި ތިބި އެ ދެ ޓޫރިސްޓުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް އެ ދެ މީހުން ޓެސްޓް ކުރީ އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ދެ ޓޫރިސްޓުން ކަރަންޓީންގެ މުއްދަތުގައި ތިބި 14 ދުވަހުގައި ވެސް ބަލީގެ އަލާމާތެއް ނުފެންނާތީ ކުރިން ޓެސްޓެއް ނުހަދަ އެވެ. މި ދެ މީހުން މިހާރު ވަނީ އިޓަލީ އަށް ދިޔަ މަގުމަތީގައި ރަޝިއާގައި ކަރަންޓީން ކޮށްފަ އެވެ.

ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނަކީ އައިލެންޑް ސަފާރީ-1 ން ކުރިން އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނާ "ކްލޯޒްޑް ކޮންޓެކްޓް" އެއް އޮތް ދެ މީހެކެވެ.