Roadha Mihaaru
ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ

12 އެޕްރީލް 2020

ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ޑަބަލް ނެގެޓިވްވުމުން އެ މީހާ ބަލިން ރަނގަޅުވި ކަމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތުން މިދިޔަ މަހު 22 ވަނަ ދުވަހު ރާއްޖެ އައި 38 އަހަރުގެ މީހެކެވެ. އޭނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގަ އެވެ. އެ މީހާ އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުން ނަތީޖާ ލިބިފައި ވަނީ މާޗް 27 ވަނަ ދުވަހު އެވެ.

ފިލިޕިންސުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފަސްވަނަ ދިވެހި މީހާ އަކީ އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައިވާ މީހެއް ކަމަށް އެޗްޕިއޭ އިން ބުންޏެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މީހާ ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.

ޑރ. މުރާދު ވިދާޅުވީ އެ މީހާ ކަރަންޓީނުގައި ހުރި 14 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގެ މުއްދަތުގެ ހަމަވެގެން ދޫކޮށްލަން ކުރި ޓެސްޓުގެ ނަތީޖާ އިން ކަމަށް ވިދާޅުވި އެވެ.

ފަސް ވަނަ އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ގަތަރު އެއާވޭސްގެ މަތިންދާބޯޓަކުން ސަރުކާރުގެ ޚަރަދުގައި ގެނައި 47 ދިވެހިންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ. އެ 47 މީހުންނަކީ ފިލިޕިންސްގެ މެނީލާގައި ޑޮކްޓަރުކަމާއި ޕައިލެޓުކަން ކިޔަވަން ތިބި ދަރިވަރުންތަކެކެވެ. ރާއްޖެ އިން ދެން ޕޮޒިޓިވްވި ހަތަރު ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ބައެކެވެ.

ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.