Roadha Mihaaru
އޮކްޓޯބަރުގައި އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު

އަންނަ އޮކްޓޯބަރުގައި އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފި

28 މާޗް 2021

އޭ ލެވެލް ހަދާ ދަރިވަރުންނަށް އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް ހަދާ ދަރިވަރުންނަށް އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހު ފަށާ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑު 12 ގެ ދަރިވަރުން ބޭނުންނަމަ މިހާރު ހުށަހަޅާފައިވާ ފޯމު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއަށްފަހު އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އެޑެކްސެލް އިމްތިހާނު ހެދުމަށް އިތުރު އިހުތިޔާރެއް ދިން ނަމަވެސް، މިހާރު ހަމަޖައްސާފައިވާ ގޮތަށް އެޗްއެސްސީ އިމްތިހާނު އޮންނާނެ އެވެ. އެ އިމްތިހާނު އަންނަނީ ޖޫން 13-17އާ ދެމެދުގަ އެވެ.

އިމްތިހާނުގައި ބައިވެރިވުމުވެ ފޯމު ނަގަން ބޭނުންވާ ދަރިވަރުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލު މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް އެންގުމަށް އެދިފައި ވެ އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން ނިންމީ، އޭ ލެވެލް އިމްތިހާނު ފަށާ ތާރީހު އެޑެކްސެލް އިން ކުއްލިއަކަށް އަންނަ މަހަށް އަވަސްކުރުމުން ގިނަ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އެޑެކްސެލް އިން އެންމެ ފުރަތަމަ ޝެޑިއުލްކުރީ އަންނަ މެއި/ޖޫނަށެވެ. ނަމަވެސް އެޑެކްސެލް އިން އެ އިމްތިހާނު ވަނީ އަންނަ މަހުގެ 26 އަށް އަވަސްކޮށްފަ އެވެ.

މިނިސްޓްރީން ބުނީ ގަދަ 10 އަދި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މެއި އިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ. އެހެންކަމުން، އޮކްޓޯބަރު/ނޮވެމްބަރުގައި އޭ ލެވެލް ހަދާ ދަރިވަރުންގެ ނަތީޖާ ކިތައްމެ ރަނގަޅު ނަމަވެސް ސްކޮލަޝިޕެއް ނުލިބޭނެ އެވެ.