ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ކެންޑިޑެސީ ކަށަވަރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް، އަންނަ ޖެނުއަރީ 6 ގެ ކުރިން އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި ހިމަނައިފި އެވެ.
03 އެޕްރީލް 2020
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ކެންޑިޑެސީ ކަށަވަރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް، އަންނަ ޖެނުއަރީ 6 ގެ ކުރިން އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި ހިމަނައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ގާނޫނީ ކަންކަން ތަރުތީބުކޮށް، ކުރިން ތައްޔާރުވެފައި އޮތީ ކައުންސިލް އިންތިޚާބު މާދަމާ ބާއްވާށެވެ. އެކަމަކު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރޭ ކޮރޯނާވައިރަހާ ހެދި ރާއްޖޭގައި އެޅި ރައްކާތެރިކަމުގެ ފިޔަަވަޅުތަކާ ހެދި އިންތިޚާބު ވަނީ ބޭއްވޭގޮތް ނުވެފަ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ސަސްޕެންޑްވެފަ އެވެ. އެކަމަކު އިންތިޚާބު ލަސްވެ، މި މުވައްޒަފުންގެ ސަސްޕެންޝަން އުވާނުލާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އޮތީ ގެނެސްފަ އެވެ.
އިންތިޚާބު ބާއްވަން ވަކި ތާރީޚުތަކެއް ގާނޫނުގައި ކަނޑައަޅާފައި އޮއްވައި އެގޮތަށް އަމަލުކުރަން ނުކުޅެދިފައިވާތީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ ގޮތުން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގައި އޮތީ، އިންތިޚާބަށް މިހާރު ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މައްސަލަ އަށް ވެސް ހައްލެއް ހޯދަން ހުށަހަޅައިފަ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނޫ 2020" ގައި ބުނެފައި ވަނީ އެ ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާ އެކު އިންތިހާބަށް ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލްވާނެ ކަމަށެވެ.
"...ސަސްޕެންޝަން ބާތިލްވުމާ އެކު އެ މާއްދާގައި ބަޔާންކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވީ އެވެ،" ބިލުގައި ލިއެފައިވެ އެވެ.
ސަސްޕެންޝަން ބާތިލްކޮށް އެ މީހުން ވަޒީފާ އަށް އަލުން ރުޖޫއަކުރެވުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށްވާތީ، އިންތިޚާބު ތާރީޚު ކަނޑައެޅި އަލުން ސަސްޕެންޑްކުރެވެންދެން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން ބިލުގައި އޮތީ މަނާކޮށްފަ އެވެ.
ސަސްޕެންޝަން ބާތިލްކުރާ މުވައްޒަފުން، އަލުން ސަސްޕެންޑްކުރާނީ ބިލުގައިވާ ގޮތުގައި، އިންތިޚާބު އަލުން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ތާރީޚުން ފެށިގެންނެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ވީހާވެސް އަވަހަށް އެ ބިލް ފާސްކޮށް، އަމަލުކުރަން ފެށުމެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެ އިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް މީހުން ވާދަކުރެ އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.
ސަސްޕެންޑްވި ސިވިލް ސާވަންޓުންނަށް ހައްލެއް ބޭނުން
މަޖިލީހަށް ގާބިލު މީހުން ދާން އޮތް ދޮރު ބަންދު!
އިންތިހާބުގެ ތާރީހު ބަދަލެއް ނުކުރެވޭނެ: ނަޝީދު
ވާދަކުރާ ސިވިލް ސާވަންޓުން 29 ގައި ސަސްޕެންޑު ވާނެ
ކުއްލި ނުރައްކާ އޮތަސް އިންތިހާބު ބާއްވަން ފާސްކޮށްފި
އިންތިހާބު ލަސްކުރަން އެމްޑީޕީގެ މެމްބަރަކު އެދިއްޖެ
އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ބިލެއް
ކުއްލި ހާލަތު އޮތަސް އިންތިހާބު ބާއްވަން އީސީ ބޭނުންވޭ
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރަނީ
ސަސްޕެންޝަން އުވުނު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނެ