Roadha Mihaaru
އިންތިހާބުގެ ތައްޔާރީ ސިއްހީ ކުއްލި ނުރައްކާ ނިމުމުން

ސިއްހީ ކުއްލި ނުރައްކާ އުވާލުމުން ނޫނީ އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ހުށަހަޅައިފި

03 އެޕްރީލް 2020

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިޚާބަށް ރައްކާތެރި މާހައުލެއް ކަށަަވަރުވެއްޖެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ނުދެނީސް، މިހާރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިޚާބަށް ރައްކާތެރި މާހައުލެއް ކަށަަވަރުވެއްޖެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ނުދެނީސް، މިހާރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020" ނަމުގައި ސަރުކާރުން ބިލެއް ހުށަހެޅީ ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

ނަމަވެސް އެންމެ ލަސްވެގެން، އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން އިންތިހާބު ބާއްވައި ނިންމަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ނުބޭއްވުނީ ކޮރޯނާވައިރަހުން ރައްކާތެރިވާން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވީ ލޯކަލް ކައުންސިލްގެ އިންތިޚާބު މާދަމާ ބާއްވާށެވެ. އެ ތާރީޚުގައި ނުބޭއްވުނަސް އިންތިޚާބު ފަސްކުރުމުގެ ގާނޫނީ ބާރެއް ކޮމިޝަނަކަށް ނޯވެ އެވެ.

އެކަމަށް ގާނޫނީ ހައްލެއް ހޯދަން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އިންތިޚާބު ފަސްވީ ކަމަށެވެ.

ބިލުގައި ބުނީ އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ ކަންކަން ރަސްމީކޮށް ފަށާނެ ތާރީޚަކާއި އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންވާނެ ކަަމަށެވެ.

ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތައްޔާރީތައް ފަށަން ޖެހޭނީ މެދުކަނޑާލި ހިސާބުން މިހާރު އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނާ އެކުގައި ކަމަށް އެ ބިލުގައިވެ އެވެ.

ބިލް ހުށަހެޅީ އިންތިޚާބު ނިމުމާ އެކު އެ ގާނޫނު އުވާލާގޮތަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެއިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް ވާދަކުރި އެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.