ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ލުން މިހާރު ކުރިއަށްދާ އިރު، އައްޑޫގައި ވެސް ވޯޓް ލުމުގެ މާ ބޮޑު ފޯރިއެއް އަދި ނެތެވެ.
10 އެޕްރީލް 2021
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ލުން މިހާރު ކުރިއަށްދާ އިރު، އައްޑޫގައި ވެސް ވޯޓް ލުމުގެ މާ ބޮޑު ފޯރިއެއް އަދި ނެތެވެ.
ހެނދުނު 7:00 ގައި ވޯޓްލާން ފެށި ނަމަވެސް މިހާތަނަށް ވޯޓްލާން ނުކުމެފައި ވަނީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ވޯޓް ލާން ފަށަން އޮތް ގަޑިއަކާ އެކު ހުރިހާ ފޮއްޓެއްގައި ވެސް ވޯޓް ލާން ފެށި އެވެ. އެކަމަކު އައްޑޫގެ ހުރިހާ އަވަށްތަކުގައި ވެސް ވޯޓު ލުމުގެ މާ ބޮޑު ފޯރިއެއް އާންމުންގެ ފަރާތުން އަދި ނުފެނަސް ޕާޓީތަކުގެ އޮފިޝަލުންނާއި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން އަންނަނީ އެ ޕާޓީތަކުގެ މެމްބަރުން ވީހާ ވެސް އަވަހަކަށް ވޯޓް ލާން ހިތްވަރު ދެމުންނެވެ.
އެމްޑީޕީގެ އައްޑޫގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވޯޓް ލާ މީހުން މެންދުރުގެ ކުރީގައި މަދު ނަމަވެސް މެންދުރު ފަހަށް އެޅުމުން ވޯޓް ލާން ނުކުންނަ މީހުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
"ރޯދަ މަސް ވެސް ބޯމަތިވެފައި އޮތުމާއެކު އެކަމުގެ ތައްޔާރީތައް ވެސް ވަމުން އަންނާތީ ހެނދުނު ވަރަށް ބިޒީކޮށް ގިނަ ބަޔަކު މި ދުވަސްކޮޅު އުޅޭނީ. އެހެންވެ ކަމަށް ބޮޑަށް ބެލެވެނީ ހެނދުނު ވޯޓް ލާން ނުކުންނަ މީހުން މަދީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީންގެ އައްޑޫގެ ހަރަކާތްތެރިން ބުނެފައިވާ ގޮތުގައި މެންދުރު ފަހަށް އެޅި ފިނި ޖެހުމުން ވޯޓް ލާން ނުކުންނަ މީހުން ވަރަށް ބޮޑަށް އިތުރުވާނެ އެވެ.
"މިހާރު ވެސް ވޯޓް ލާން ނުކުތް މީހުންގެ ނިސްބަތް މާ ދަށެކޭ ވެސް ނުބުނެވޭނެ. އެކަމަކު ހަވީރުއަތަށް އަޅާލީމަ މީހުން ގިނަވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ. "އެކަމަކު އަހަރެމެން އެދެން ވީހާ ވެސް އަވަހަކަށް ގިނަ ބަޔަކު ވޯޓް ލައި ނިންމާލަން."
އައްޑޫގެ ޕީޕީއެމްގެ އޮފިޝަލަކު ވެސް ވިދާޅުވީ ވީހާ ވެސް އަވަހަކަށް ގިނަ ބަޔަކު ވޯޓް ލައި ނިންމައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ފޭދޫގައި މީހަކު ވޯޓްލަނީ.
"އަނެއްކާ ފަހެއްގެ ފަހުން ވޯޓް މި ލެވެނީ ކޮވިޑްގެ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް. އެހެންވީމަ އެ ނޫން ހުރިހާ އެންމެން ވީހާ ވެސް ކުރިއަރާލައި ވޯޓް ލާން އަހަރެމެންގެ މެމްބަރުންގެ ކިބައިން އެދެމުން މި އަންނަނީ." އޭނާ ވިދާޅުވި އެވެ.
އައްޑޫގައި 27 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެ ހުރިހާ ވޯޓްފޮށިތަކެއް ވެސް ހުރީ އައްޑޫގެ އެކިއެކި ސްކޫލްތަކުގަ އެވެ. މި ފަހަރުގެ ކައުންސިލް އިންތިހާބުގައި އައްޑޫ ކައުންސިލަށް 13 މެމްބަރަކު އިންތިހާބު ކުރާނެ އެވެ. އެކަމަކު އިންތިހާބާ ނުލައި ތިން ކެންޑިޑޭޓަކަށް ކުރިން ގޮނޑި ކަށަވަރުވެފައިވެ އެވެ. މި ފަހަރު އިންތިހާބު މި ބާއްވަނީ ކައުންސިލަށް ހޮވާ މެމްބަރުންނާ އެކު، މޭޔަރުގެ މަގާމަށް ވެސް ރައްޔިތުންނަށް ވޯޓްލެވޭ ގޮތަށެވެ. މޭޔަރު ކަމަށް އެމްޑީޕީގެ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ވާދަކުރައްވަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ. ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
ވޯޓް ލުން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އިރުއޮއްސި 6:00 އާ ހަމައަށެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހުންނަށް ލިބިފައިވެ އެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް
އައްޑޫގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލިއްޖެ
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
ގައިޑްލައިނާ އެއްގޮތަށް ކެމްޕޭންކުރަން ހުއްދަ ދީފި
އެންމެ ގިނައިން ނަން ނެގީ އެމްޑީޕީގެ މެމްބަރުން
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ދެނީ
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!