Roadha Mihaaru
ޓިއުނީޝިއާގެ ވެރިރަށް ޕެޓްރޯލްކުރަން ޕޮލިސް ރޮބޮޓް

ޓިއުނީޝިއާގެ ވެރިރަށް ޕެޓްރޯލްކުރަން ޕޮލިސް ރޮބޮޓް

05 އެޕްރީލް 2020

ކޮރޯނާވައިރަސް ފެތުރޭތީ ޓިއުނީޝިއާ ލޮކްޑައުންކޮށްފައިވާތާ ދެ ހަފުތާވެފައި ވަނިކޮށް އެ ގައުމުގެ ވެރިރަށް ތޫނިސްގެ މަގުތައް ޕެޓްރޯލްކުރަން ޕޮލިސް ރޮބޮޓް ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސް ފެތުރޭތީ ޓިއުނީޝިއާ ލޮކްޑައުންކޮށްފައިވާތާ ދެ ހަފުތާވެފައި ވަނިކޮށް އެ ގައުމުގެ ވެރިރަށް ތޫނިސްގެ މަގުތައް ޕެޓްރޯލްކުރަން ޕޮލިސް ރޮބޮޓް ބޭނުންކުރަން ފަށައިފި އެވެ.

މީގެ މައިގަނޑު މަސައްކަތަކީ އެންގުމާ ހިލާފުވާ މީހުން ދެނަގަނެ ފިޔަވަޅު އެޅުމެވެ.

މަގުތަކުގައި ބޭނުންކުރާ ރޮބޮޓްތައް މަސައްކަތްކުރާނީ މަގުތަކަށް ނުކުމެ އުޅޭ މީހުން ހުއްޓުވައި، މީހުންގެ މައުލޫމާތު ސާފުކުރާށެވެ. އެގޮތުން ހުއްޓުވާ މީހުންނަކީ ކޮން ބައެއްކަން އަންގައި ދިނުމުގެ ގޮތުން ރަސްމީ ލިޔުމެއް ރޮބޮޓަށް ދައްކަން ޖެހޭނެ އެވެ. އަދި ރޮބޮޓް ރައްކާކުރާ މައުލޫމާތުތަކުގެ ބޭނުން ހިފައި، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ. މި ރޮބޮޓްތައް ތައްޔާރުކޮށްފައި ވަނީ މީހުންނާ ބަހުން މުއާމަލާތްކުރެވޭ ގޮތަށެެވެ.

ޓިއުނީޝިއާގެ އިންޓީރިއާ މިނިސްޓްރީން މަގުތައް ޕެޓްރޯލްކުރަން ނެރުނު "ޕީޖީ ގާޑްސް" ގެ ނަން ދީފައިވާ ރޮބޮޓްތައް ފަރުމާކޮށްފައި ވަނީ އިނޯވާ ރޮބޮޓިކްސް ކިޔާ ކުންފުންޏަކުންނެވެ. މި އެއްޗެހި ހުންނަނީ ހަތަރު ފުރޮޅުލީ ކުޑަ އުޅަނދެއް ގޮތަށް ތާމަލް-އިމޭޖިން ކެމެރާ އާއި ލިޑާ (ލައިޓް ޑިޓެކްޝަން އެންޑް ރޭންޖިން) ޓެކްނޮލޮޖީގެ އެހީފައި މަސައްކަތްކުރާ ގޮތަށެވެ.

ނަމަވެސް މަގުތަކަށް ނެރުނީ ކިތައް ޕޮލިސް ރޮބޮޓް ކަމެއް މިނިސްޓްރީން ހާމައެއްނުކުރެ އެވެ.

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ޓިއުނީޝިއާ އިން ކޮވިޑް-19 ގައި 18 މީހުން މަރުވެފައިވާ އިރު، ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ރައްޔިތުން ގޭގައި ތިބުމަށް އަންގައިފަ އެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 500 އާ ގާތްކުރެ އެވެ.

ޓިއުނީޝިއާގެ އާބާދީ 11 މިލިއަނަށް ވުރެ ބޮޑެވެ.