Roadha Mihaaru
ރައްކާތެރިކަމަށް ފުލުހުންގެ އިސްވެރިން މަގުތަކަށް

ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ އިސްވެރިން މަގުތަކަށް

07 ޖެނުއަރީ 2024

މާލެ ސަރަހައްދުގައި ބާރުބޮޑު ހިސާބުތަކަށް ފުލުހުންގެ އިސްވެރިން ނުކުމެ، މަގުމަތީގެ ރައްކާތެރިކަން މިއަދުން ފެށިގެން ބަލަހައްޓަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ބާރުބޮޑު ހިސާބުތަކަށް ފުލުހުންގެ އިސްވެރިން ނުކުމެ، މަގުމަތީގެ ރައްކާތެރިކަން މިއަދުން ފެށިގެން ބަލަހައްޓަން ފަށައިފި އެވެ.

އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވީ ފާއިތުވި 2-3 އަހަރުގެ ތެރޭގައި މަގުމަތީގައި ހިތާމަވެރި އަދި ކަންބޮޑުވާ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެކަންކަން މަދުކުރަން ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް މަގުމަތީގެ އަދަބުތަކަށް އިހުތިރާމްކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސީޕީ ވިދާޅުވީ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ ނަމަ ބާރަށް އުޅަނދު ދުއްވުން މަދުކުރެވޭނެ ކަމަށެވެ. އޭގެ ތެރެއިން، ޓްރެފިކްގެ މައްސަލަ ހައްލުކުރުމާއެކު، ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އިސްވެރިން ތިބޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ޝުޖާއު މިއަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު ޝުޖާއު މިއަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މަގުތަކަށް ފުލުހުންގެ އިސްވެރިން ނުކުތުމަކީ މިއަދު އެކަނި ކުރިއަށްދާނެ ކަމެއް ނޫން ކަމަށެވެ. މި ލީޑަޝިޕްގައި އެ މަސައްކަތް ކުރިއަށްދާނެކަން، މިދިޔަ މަހުގެ 25 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ސީޕީ ވިދާޅުވި އެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުންގެ އަބަދު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު ނޭޅުމެވެ.

ސީޕީ ވިދާޅުވި ގޮތުގައި ބާރަށް ދުއްވުން ހުއްޓުވުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ބްރިޖުގައި ބާރަށް ދުއްވާ މީހުން ދެނެގަންނަ ފަދަ ކެމެރާތައް ވެސް މާލޭގެ ބޮޑެތި މަގުތަކުގައި ހަރުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ފުލުހަކު ފެންނަން ނެތަސް މިންގަނޑާ ހިލާފަށް ދުއްވާ އުޅަނދުތަކުގެ ވެރިން ފާހަގަކުރެވި ފިޔަވަޅު އެޅިގެންދާނެ." ޝުޖާއު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ އަދަދު މަދުވިޔަސް އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން މަގުމަތީގައި ގިނަ ވަގުތު ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް، ރަށްރަށަށް ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ކަނޑުމަގުން ކަމަށް ވާތީ، ބަނދަރުތަކުގައި ފުލުހުން ބޭތިއްބުމަށް މަޝްވަރާކުރަމުން އަންނަކަމަށް ސީޕީ ވިދާޅުވި އެވެ.