Roadha Mihaaru
ފިޔާ، ބިސް، އަލުވީގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި

ފިޔާ، ބިސް، އަލުވީގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި

04 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތަށް ބަލައި، ފިޔާ، އަލުވި، ބިސް އަދި މުގުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތަށް ބަލައި، ފިޔާ، އަލުވި، ބިސް އަދި މުގުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން އެ ބާވަތްތައް ވަކިވަކިން ވިއްކޭނީ އެ މިނިސްޓްރީން ކަނޑައަޅާ އަގަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ ފިޔަވަޅު އެޅީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ. އެ ނިންމުމާ އެކު، އިކޮނޮމިކް މިނިސްޓްރީން ވަނީ ފިޔާ، ބިސް، އަލުވި، މުގު ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިފަ އެވެ.

އެއީ:

- އެއް ކިލޯ ގްރާމްގެ އާދައިގެ ރަތް ފިޔާ- 20ރ. އަށް

- އެއް އެއް ކިލޯ ގްރާމްގެ އާދައިގެ އަލުވި- 20ރ. އަށް

- އެއް ކިލޯ ގްރާމްގެ ރީނދޫ މުގު- 45ރ. އަށް

- ކުކުޅު ބިސް- 1.80ރ. އަށް

މި އަގުތަކަށް ވުރެ ބޮޑު އަގުގައި މި ތަކެތި ވިއްކާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ ގިނަވެގެން 100،000ރ، އިންނެވެ. އަދި އެ ކުށް ތަކުރާރު ކުރާ ނަމަ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިނަމާކޮށް، ވިޔަފާރި ކުރާ ތަން ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރާނެ ކަމަށް އިިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ރާއްޖޭގެ އިގްތިސާދު ވެސް ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓި، ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. ޚާއްސަކޮށް ދުނިޔޭގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، އިމްޕޯޓު ވެސް ވަނީ ދަށްވެފަ އެވެ.

ކެއުންބުއިމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ބާވަތްތަކުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރިއިރު، ރޯދަ މަސް ފެށެން ކައިރިވުމާ އެކު، އެ ތަކެތީގެ އަގު ރާއްޖޭގެ ބާޒާރުގައި ވަނީ އުފުލެން ފަށައިފަ އެވެ. ޚާއްސަކޮށް ފިޔާ، އަލުވީގެ އަގު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ވަނީ އުފުލިފަ އެވެ.