Roadha Mihaaru
ޖަލްސާތައް ނުބާއްވާތީ އިދިކޮޅު މެންބަރުން ޝަކުވާ ކުރަނީ

މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ އިދިކޮޅު މެމްބަރުން ޝަކުވާ ކުރަނީ

13 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ހަފުތާއެއް ވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ހަފުތާއެއް ވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

މަޖިލީހުގެ ފަހު ދައުރު ފަށައި މިދިޔަ ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވި ފަހުން މިހާތަނަށް އަދި އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. އެކަމަކު ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދިއުމަކީ ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ކުޑަވެ، ރައްޔިތުންގެ ހިތްތަކުގައި މަޖިލީހުގެ މެމްބަރުންނާ މެދު އޮތް ނަފްރަތު އިތުރުވުމަށް މެދުވެރިވާނެ ސަބަބެކެވެ. އަދި އެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށި ފަހުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ވަނީ ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް  . - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް . - ފޮޓޯ: މަޖިލިސް

އެއީ ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވުމަށް އިތުރު މުއްދަތު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށާއި ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހެވެ.

އެކަމަކު މިއިން އެއްވެސް އިސްލާހެއްގެ ފުރަތަމަ ކިޔުން އިއްވާފައެއް ނުވެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޖަލްސާތައް ބާއްވަނީ މަސީހަށް ފެނިވަޑައިގަންނަވަންޏާ އެކަނި ކަމަށެވެ. ޖަލްސާ ނުބާއްވަނީ މަސީހު ނުވަތަ ސަރުކާރުން ބޭނުންވާ ކަމެއް ނެތީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީރުންނާ ސުވާލު ކުރަން ހުށަހަޅާފައި ހުރި ވަރަށް ގިނަ ސުވާލުތަކެއް ހުންނާނެ، އެއް ކަމެއް ނެތިއްޔާ ކޮންމެ ދުވަހަކަށް ސުވާލެއް އެޖެންޑާކޮށްފައި ވިޔަސް މަޖިލީހުގެ ޖަލްސާ ބޭއްވޭނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާ ބޭރުގައި ރޮޒައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ރޮޒެއިނާ ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މަޖިލީހުގެ އިދާރާ ބޭރުގައި ރޮޒައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ރޮޒެއިނާ ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މަޖިލީހުގައި އާންމު ގޮތެއްގައި، ބިލެއް ނުވަތަ އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި ނަމަ، އެ ބިލެއް ނުވަތަ އިސްލާހެއް ދިރާސާ ކުރަން މެމްބަރުންނަށް ހަތް ދުވަސް ދެ އެވެ. ނަމަވެސް އެއް މަރުހަލާ އަނެއް މަރުހަލާ ގުޅުވައިގެން ޖަލްސާތައް ކުރިއަށް ގެންގޮސްފައި އެބަހުއްޓެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ފައިސަލް ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް މަޖިލީހަކީ ސީރިއަސް މަސައްކަތް ކުރާ ތަނެއް ނޫނެވެ. މަޖިލިސް އާންމުކޮށް ބާއްވަމުން އަންނަނީ "ކިރިޔާ ވެސް މުހިންމު" ކަމެއް އޮވެއްޖެނަމަ، ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތަކަކީ އެހާ ސީރިއަސްކޮށް ބާއްވާ ޖަލްސާތަކެއް ނޫން، ކުރާނެ ކަމެއް ނެތިގެން މަޖިލިސް ނުބާއްވައޭ ބުނުމުގެ ޖާގައެއް ނެތް،" ފައިސަލް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ޖަލްސާތަކުގައި މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ފުރަތަމަ ކިޔުން އިއްވާ އިސްލާހެއް އެ ދުވަހެއްގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އަހައިގެން ބައެއް ކަންކަމަށް ބަހުސްކޮށްފައި ވެސް އެބަހުއްޓެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅި ދެ އިސްލާހު ބަހުސްކޮށް ކޮމެޓީ އަށް ފޮނުވަން ބޭނުން ނަމަ، އެއް މަރުހަލާ، އަނެއް މަރުހަލާއާ ގުޅުވައިގެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ހަލުވިމިނެއްގައި ކުރިއަށް ގެންދަން ބޭނުންނަމަ، އެ އިހްތިޔާރު މަޖިލީހުގެ ރައީސަށް އެބައޮތެވެ. ނަމަވެސް އެ މަންޒަރު މަޖިލީހުގެ ތަޅުމުން މިހާރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޖެންޑާ ކުރީމަ ނޫންތޯ ކަންކަން ހިނގާނީ؟ މިދިޔަ ދައުރު ނިމުނުއިރު ވަރަށް ގިނަ މަސައްކަތްތަކެއް ނިންމާލި، އެކަމަކު އަދިވެސް ނުނިމި ހުރި މައްސަލަތައް އެބަހުރި،" އަނާރާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހޯމަ، އަންގާރަ އަދި ބުދަ ދުވަހެއްގައި ޖަލްސާތައް ބާއްވަން ޖެހެ އެވެ.

މިދިޔަ ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވިއިރު، ބޭއްވީ އެންމެ 17 ޖަލްސާ އެވެ. ޖަލްސާތަކަށް ހޭދަވީ ގާތްގަނޑަކަށް 45 ގަޑިއިރެވެ. މިއީ މީގެ ކުރިން ބޭއްވި ދެވަނަ ދައުރުގެ ޖަލްސާތަކާ ބަލާއިރު ބޮޑު ތަން މަދު ވަގުތެކެވެ.